އަހުދާއި ވައުދު އުވާލުމަކީ މުސްލިމުން ކުރާނެ ކަމެއް ނޫން ކަމަށާއި އެއީ ޔަހޫދީންގެ ސިފައެއް ކަމަށް ދީނީ އިލްމުވެރިޔާ ޝެއިހް އިލްޔާސް ހުސައިން ވިދާޅުވެއްޖެއެވެ.

ޝެއިހު އިލްޔާސް އެހެން ވިދާޅުވެފައިވަނީ މިއަދު ޓްވިޓާ މެދުވެރިކޮށެވެ. ޝެއިޚު އިލްޔާސްގެ ވާހަކައިގައި އަހުދާއި ވައުދުގެ ވާހަކަ އެ އަމާޒު ކުރައްވަނީ ކޮންފަރާތަކަށް ކަމެއް ވިދާޅުވެފައެއް ނުވެއެވެ.

އިލްޔާސް އިތުރަށް ވިދާޅުވެފައި ވަނީ "ބޭން އެމްޑީއެން" މައުޟޫ ބަދަލު ކުރަން ކިތަންމެ ވަރަކަށް އުޅުނަސް ރައްޔިތުން ތިބީ އިސްލާމް ދީނާއި އުއްމަތުގެ ނަބިއްޔާ، ކީރިތި ރަސޫލާގެ ދިފާއުގައި ކަމަށެވެ.

މީގެ އިތުރުން އިލްޔާސް ވިދާޅުވީ، މުސްލިމުން އެންމެ ބޮޑަށް ލޯބި ކުރާ އަދި ލޯބި ވާންޖެހޭ ޝަހްސިއްޔަތަކީ ހަމައެކަނި މާތް ނަބިއްޔާ ކަމަށެވެ.

އެމްޑީއެން އިން ނެރުނު ރިޕޯޓްގެ މައްސަލައިގައި އަދިވެސް ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަމުންނެވެ. އެ ޖަމިއްޔާ މިހާރު ވަނީ ޔޫތް މިނިސްޓްރީން ސަސްޕެންޑް ކޮށްފައެވެ.

އެމްޑީއެންގެ ކަންކަމާ ގުޅީގެން އެކި ފަހަރު ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދައްކަވާފައި ހުރި ވާހަކަތައް ކުށްވެރިކޮށް ނަޝީދުގެ މައްޗަށް ފިޔަވަޅު އަޅައިދިނުމަށް އެދި ސަލަފު ޖަމިއްޔާއިންވެސް ވަނީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރަށް ސިޓީއެއް ފޮނުވާފައެވެ.

ސަލަފުން މިނިސްޓަރަށް ފޮނުވި ސިޓީގައި ވަނީ ކީރިތި ރަސޫލާއަށް ބަދުބަސް ބުނެ އިސްލާމްދީނަށް ފުރައްސާރަކޮށް އެމްޑީއެނުން ނެރެފައިވާ ރިޕޯޓު ދިފާއުކުރައްވައި ރައީސް ނަޝީދު ވާހަކަ ދައްކަވަމުން ގެންދަވާ ކަމަށެވެ. އަދި އެމްޑީއެންގެ ރިޕޯޓަކީ ވަރަށް އާދައިގެ ކަމެއްގެ ގޮތުގައި ދެއްކުމަށް ރައީސް ނަޝީދު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަން ފާހަގަކޮށް ސަލަފުން ވަނީ އިސްލާމީ މުޖްތަމައުގެ ހަމަޖެހުން ހުރިހާ ގޮތަކުން ގެއްލިދާ ފަދައިން ރައީސް ނަޝީދު ވާހަކަ ދައްކަވަމުން ގެންދަވާ ކަމަށް ބުނެ އެކަން ހުއްޓުވައި ދީ، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލަން މަސައްކަތް ކުރުމުގެ ކުށަށް ގާނޫނީ ގޮތުން ދެވެންޖެހޭ ހައްގު އަދަބު ނަޝީދަށް ދިނުމަށް އެދޭ ކަމަށް ވެސް ބުނެފައެވެ.

ރޭ އެމްޑީޕީގެ މެންބަރުންނާ ބައްދަލު ކުރައްވަން ދަރުބާރު ގޭގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވެފައި ވަނީ، ނަމާދު ކުރިއަސް، ޒަކާތްދިނަސް، މީހުންނަށް ހެޔޮލަފާ ނަސޭހަތެއް ދިނަސް، އެމްޑީޕީއަށް ވުރެ ވަކިން ބޮޑަށް ދީނަށް އުޅޭ އެހެން ބަޔަކު މިރާއްޖެއަކުން ނުފެންނާނެ ކަމަށެވެ.