މާލޭގައި ބިދޭސީއެއްގެ އަތުން ފޭރެން އުޅުނު ދިވެއްސަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ، މިއަދު މާލެތެރެ ޕެޓްރޯލް ކުރަމުން ދިޔަ ފުލުހަކު ހެނދުނު 11:31 ހާއިރު، ބިދޭސީއަކު ހުއްޓުވައި އޭނާއަތުން ފޭރެން އުޅުނު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. ހައްޔަރު ކޮށްފައި ވަނީ އުމުރުން 32 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި ކަން ހިނގާފައި ވަނީ މާފަންނު ފަރީދީ މަގުގައި ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

ފަހަކަށް އައިސް ބިދޭސީން ދިރިއުޅެމުންދާ ގެތަކަށް ދިވެހިން ވަދެ ފޭރޭ މައްސަލަތައް ވަނީ ގިނަވެފައެވެ. އެގޮތުން މިމަހުގެ އެއްވަނަ ދުވަހު އާބުރުޒު ހިނގުމުގައި ހުރި ބިދޭސީން ދިރިއުޅޭ ގެއަކުން ވައްކަން ކުރަން އުޅުނު 27 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ. މީގެ އިތުރުން، މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ރޭ މާފަންނުގައި ބިދޭސީން ދިރިއުޅޭ ތަނަކަށް ވައްކަން ކުރަން ވަދެ އުޅުނު އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނަކާއި 29 އަހަރުގެ ދިވެހި ފިރިހެނެއްވެސް ވަނީ ހައްޔަރު ކޮށްފައެވެ. އަދި މިދިޔަ މަހުގެ 29 ވަނަ ދުވަހު ހެންވޭރުގައި ބިދޭސީން ދިރިއުޅެމުންދާ ގެއަކަށް އުމުރުން 22 އަހަރުގެ ދިވެހި 2 ފިރިހެނުންނާއި 18 އަހަރުގެ ދިވެހި ފިރިހެނެއް ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ.

މި މައްސަލަތައް ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.