އިންކަމް ޓެކްސް ތައާރަފުވާ އިރު މުދަލުން ޒަކާތް ނެރެން ފަސޭހަވާނެހެން ކަންކަން ތަރުތީބު ވާންވާނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު އަދި އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ވައިސް ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، އިންކަމް ޓެކްސްގެ ގާނޫނު ފާސްވެގެން އަންނަ އިރު މުދަލުން ޒަކާތް ނެރެން ފަސޭހަވާނެހެން ކަންކަން ތަރުތީބު ވާންވާނެ ކަމަށާއި، މުދަލު ޒަކާތް ދައްކާ މީހާގެ ޓެކްސްގެ "ކަންވާރުން" އެބައި އުނިވާގޮތައް އޮންނަން ޖެހޭނެ ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި މުދަލުން ޒަކާތް ދެއްކުމަކީ އިސްލާމްދީނު ރުކުނެއް ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.

އާމްދަނީ އިން ޓެކްސް ނެގުމުގެ ބިލު މިދިޔަ އަންގާރަ ދުވަހު މަޖިލީހަށް ހުށަހަޅާފައިވާ އިރު، ފިނޭންސް މިނިސްޓްރީ އިން ބުނީ އަންނަ އަހަރުން ފެށިގެން އާމްދަނީ އިން ޓެކްސް ނަގަން ފެށާނެ ކަމަށެވެ.

ސަރުކާރުން ހުށަހަޅަނީ 40،000 ރުފިޔާއަށް ވުރެ މަތީގެ އާމްދަނީ ލިބޭ މީހުންގެ އަތުން ޓެކްސް ނެގުމަށެވެ. ސަރުކާރުން ހުށަހަޅަނީ ޕްރޮގްރެސިވް ޓެކްސް ނިޒާމެއް ރާއްޖޭގައި ގާއިމް ކުރުމަށެވެ. ޕްރޮގްރެސިވް ޓެކްސް ނިޒާމަކީ އާމްދަނީގެ ނިސްބަތަށް ބަލައި ޓެކްސް ނަގާ މިންވަރު ކަނޑައަޅާ ނިޒާމެކެވެ.

އާމްދަނީއިން ޓެކްސް ނަގަން ފަށަނީ އާމްދަނީގެ ފަރަގު ކުޑަކޮށް، ނަހަމަ މުއްސަނދިކަން ހުއްޓުވައި ޓެކުހުގެ ނިޒާމު އިތުރަށް ފުރިހަމަ ކުރުމުގެ މަގުސަދުގައެވެ. މި ޓެކްސް ނަގަން ފަށާއިިރު ރާއްޖޭގެ ވަޒަންވެރިންނަށާއި ރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ފަރާތްތަކުގެ އަތުންވެސް ޓެކްސް ނަގާނެ އެވެ.