ދެ ލޯންޗު ޖެހި އެކްސިޑެންޓްވެ 3 މީހަކަށާއި ކުޑަކުއްޖަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ، މާލޭ ފަޅު ބޭރުން 2 ލޯންޗެއް ޖެހި އެކްސިޑެންޓެއް ވެފައިވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 10:08 ހާއިރު ލިބިފައިވާ ކަމަށާއި، އެ ސަރަހައްދުގައި މިހާރު ފުލުހުން ހަރަކާތްތެރިވަމުން ދާ ކަމަށެވެ. މި އެކްސިޑެންތްގައި ހަތަރު މީހަކަށް އަނިޔާވެފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

މި އެކްސިޑެންޓްގައި އަނިޔާ ލިބިފައިވަނީ 3 ފިރިހެނުންނާއި ކުޑަކުއްޖަކަށެވެ. އެގޮތުން އަނިޔާވެފައި ވަނީ 17 އަހަރުގެ އަންހެން ކުއްޖަކަށާއި 28 އަހަރުގެ ފިރިހެނަކަށާއި 38 އަަހަރުގެ ފިރިހެނަކަށާއި 50 އަހަރުގެ ފިރިހެނަކަށެވެ.

އަނިޔާވި ތިން ފިރިހެނުންގެ ތެރެއިން ބޮޑަށް އަނިޔާވެފައިވަނީ 50 އަހަރުގެ މީހާއަށް ކަމަށާއި އެމީހާއަށް މިހާރު އައިޖީއެމްއެޗްގެ އޮބްސަވޭޝަންގައި ދަނީ ފަރުވާދެމުން ކަމަށް ފުލުހުން ބުނެއެވެ. އަނިޔާ ލިބުނު އަނެއް ތިން މީހުންނަށް އައިޖީއެމްއެޗް ހޮސްޕިޓަލުން ފަރުވާ ދީފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

މި ހާދިސާގައި އެކްސިޑެންޓްވީ ދެ ލޯންޗު ދުއްވި ދެމީހުންނަކީވެސް ލައިސަންސް އޮތް ދެމީހުން ކަމަށާއި މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންކަމަށް ފުލުހުން ބުނެއެވެ.