ހޮންގްކޮންގްގައި ކުރަމުންދާ ސިލްސިލާ މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވާ ޒުވާން ޑިމޮކްރަސީ ލީދަރު ޖިމީ ޝާމްއާއަށް އަމާޒުކޮށް ރޭގެ ވަގުތެއްގައި ދިން ނުރައްކާތެރި ހަމަލާއަށްފަހު އޭނާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށާ، މިވަގުތު އަދި އޮތީ ހޮސްޕިޓަލުގައި ކަމަށް ޚަބަރު ލިބިއްޖެއެވެ.
ސަރުކާރާ ދެކޮޅަށް ކުރިއަށްދާ ވަރުގަދަ މުޒާހަރާތަކުގެ ކުރީ ސަފުގައި އިސްކޮށް ހަރަކާތްތެރިވަމުންދިޔަ ޖިމީ ޝާމްއަށް އަމާޒުކޮށް ހަމަލާ ދީފައިވަނީ މަރުތޭލެއް ހިފައިގެން އުޅުނު ތިން ހަތަރު މީހެއްގެ ގުރޫޕަކުން ކަމަށް ބެލެވެއެވެ. މި ހަމަލާއާއިއެކު ހަށިގަނޑުން ގިނަ އަދަދެއްގެ ލޭ ބޭރުވެ، ޖިމީ ޝާމް ވަނީ މަގުމައްޗަށް ވެއްޓިފައެވެ.
ޖިމީ ޝާމް ސަލާމަތް ކުރުމަށް އެސަރަހައްދުގައި ތިބި މީހުން މަސައްކަތްކުރަން އުޅުމުން، ވަޅި ބޭނުންކޮށްގެން އެމީހުންނަށްވެސް ބިރުދައްކާފައިވާކަމަށް ޚަބަރު ލިބެއެވެ. މިއީ ފައިތުވީ 3 މަސްދުވަހުގެ ތެރޭގައި ޖިމީ ޝާމްއަށް އަމާޒުކޮށް ނުރައްކާތެރި ހަމަލާއެއް ދިން 2 ވަނަ ފަހަރެވެ. މިދިޔަ އޯގަސްޓް މަހުވެސް ބަޔަކުވަނީ ބޭސްބޯޅަ ކުޅޭ ބެޓަކާ ވަޅި ބޭނުންކޮށްގެން އޭނާއަށް ހަމަލާދީފައެވެ.
ސިވިލް ހިއުމަން ރައިޓްސް ފްރަންޓްގެ ނަމުގައި ހޮންގްކޮންގްއަށް ޑިމޮކްރަސީ ގެނައުމަށް ވަކާލާތު ކުރަމުންދާ ގުރޫޕުންވަނީ އެޖަމާއަތުގެ ލީޑަރަށް އަމާޒުކޮށް ދިން ހަމަލާއަކީ ބަލައިގަނެވޭނެ ހަމަލާއެއް ނޫންކަމަށް ބުނެފައެވެ. ޖިމީ ޝާމްގެ ފްރަންޓުން ބުނީ މިއީ ސިޔާސީ ފެންވަރުގައި ބިރުވެރިކަމާ ނުތަނަވަސްކަން އުފައްދާ، ގާނޫނީ ހައްގުތައް ތަންފީޒުކުރުމަށް ނުރައްކާ ކުރިމަތިކުރުވަނިވި ހަމަލާއެއް ކަމަށެވެ. މި ހާދިސާ ތަހުގީގު ކުރުމަށްވެސް އެ ގުރޫޕުންވަނީ ފުލުހުންނަށް ގޮވާލާފައެވެ.
ހޮންގްކޮންގްގައި މިހާރު ކުރިއަށްދާ މުޒާހަރާތަކަކީ، 1997 ވަނަ އަހަރު އިނގިރޭސިންގެ އިސްތިއުމާރު ނިމުމަކަށް ގެނެސް، ޗައިނާއާއި ހޮންގްކޮންގް "ހަވާލުކުރި" ފަހުން އެ ސަރަހައްދުގައި ހިންގާ އެންމެ ވަރުގަދަ މުޒާހަރާތަކެވެ. މި މުޒާހަރާތައް ފެށިގެން އައީ ކޮމިއުނިސްޓް މައި ސަރުކާރަށް ބާރު ލިބޭ ގޮތަށް، ހޮންގްކޮންގްގެ އެކްސްޓަރަޑައިޝަން ގާނޫނަށް ގެންނަން އުޅުނު އިސްލާހަކާ ގުޅިގެންނެވެ. މި ގާނޫނުގެ މަސައްކަތް މިވަގުތު ކުރަމުން ނުދިޔަ ނަމަވެސް، މުޒާހަރާތަކުގެ ޝިއާރު މިހާރު ބަދަލުވެފައިވަނީ ޗައިނާގެ ކިބައިން ފުރިހަމަ މިނިވަންކަން ހޯދާ، ހޮންގްކޮންގްގައި ޑިމޮކްރަސީއެއް ގާއިމު ކުރުމާ ދިމާލަށެވެ.
ހޮންގްކޮންގްއަކީ ޗައިނާގެ މައި ސަރުކާރުގެ ދަށުން އެއް ގައުމެއްގެ ގޮތުގައި ހިންގަމުން އަންނަ ވަކި އިދާރީ ދާއިރާއެކެވެ.