އިންތިހާ ފަގީރުކަން ނައްތާލުމަކީ ދެމެހެއްޓެނިވި ތަރައްގީގެ އަމާޒުތަކުގެ އެންމެ އަސާސީ "ގުނަވަން" ކަމަށްވާއިރު، މި އަމާޒަށް ވާސިލުވުމުގެ ހަގީގީ ކާމިޔާބީ ލިބެން އޮތީ އެއްވެސް މީހަކު ބާކީ ނުކޮށް، އެންމެ ފަގީރު ހާލުގައި އުޅޭ މީހާވެސް އެކަމުން ސަލާމަތްކުރުމަކީ އެންމެ ފުރަތަމަ ކުރަންޖެހޭ ކަމެއްގެ ގޮތުގައި ދެކިގެން އެކަން ފުރިހަމަކޮށްގެން ކަމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ވިދާޅުވެއްޖެއެވެ.
އިންތިހާއަށް ގޮސްފައިވާ ފަގީރުކަން ނައްތާލުމަށް ބައިނަލްއަގުވާމީ ފެންވަރުގައި މިއަދު ފާހަގަކުރަމުންދާ ދުވަހުގެ މުނާސަބާގައި ދެއްވި ހާއްސަ މެސެޖުގައި ގުޓެރޭޒް ވިދާޅުވީ، ތަސައްރަފު ފުދިފައިވާ މީހުންނާ އަޅާ ބަލާއިރު ކުޑަކުދިންނަކީ އިންތިހާއަށް ގޮސްފައިވާ ފަގީރުކަމުގައި ދިރިއުޅުމުގެ ފުރުސަތު ދެގުނަ އިތުރު ބައެއް ކަމަށެވެ. އިންތިހާއަށް ގޮސްފައިވާ ފަގީރުކަމުގައި ޅަ އުމުރުގެ ދުވަސްތައް ހޭދަކުރަން ޖެހުމަކީ ދިރިއުމުގެ މައިދާނުގައި ގިނަ ތަކުލީފުތަކެއް އުފުލުމަށް އެކުއްޖަކަށް ޖައްސާ ކަމެއް ކަމަށާ، ޖީލުތަކަށް ބަލާއިރު އެތައް ކަމަކުން، ދިގު މުއްދަތަކަށް އެކުދިން މަހްރޫމު ކުރުވާ ކަމެއް ކަމަށްވެސް ގުޓެރޭޒް ވިދާޅުވިއެވެ.
އަދުގެ ކުޑަކުދިންގެ ޖީލަށް އިޝާރާތްކުރައްވާ ގުޓެރޭޒް ވިދާޅުވީ، މިހާރުން މިހާރަށް ވަރުގަދަ އަޒުމެއްގައި މަސައްކަތްކޮށް ކާމިޔާބު ހާސިލުނުކޮށްފިނަމަ މޫސުމީ ނޭދެވޭ ބަދަލުގެ ހިތާމަތަކާ މުސްތަގުބަލުގައި ކުރިމަތިލާންޖެހޭނެ ބައެއް ކަމަށެވެ. މީގެ އިތުރުން ހަނގުރާމައިގެ މައިދާންތަކާ، ސައިބާސްޕޭސްގެ އިތުރުން މަސައްކަތުގެ މައިދާނަށް ނިކުތުމަށް މަޖުބޫރުވުމާ، ޖިންސާނީ ފުރައްސާރައާއި އަނިޔާގެ ޝިކާރައަކަށް ކުޑަކުދިން ވަމުންދާކަންވެސް ސެކްރެޓަރީ ޖެނެރަލްގެ މެސެޖުގައި ވަނީ ފާހަގަކުރައްވާފައެވެ.
އިންތިހާއަށް ގޮސްފައިވާ ފަގީރުކަމުން ކުޑަކުދިން ސަލާމަތްކުރުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށެން ޖެހެނީ އެކުއްޖަކު ދިރިއުޅޭ ގޭތެރެއިން ކަމަށް ގުޓެރޭޒް ވިދާޅުވިއެވެ. އެހެނީ، އިންތިހާ ފަގީރުކަން ގިނަ ފަހަރަށް ފެށިގެން އަންނަނީ އަމިއްލަ ވެށިން ކަމުގައި ވުން ކަން ގުޓެރޭޒްގެ މެސެޖުގައި ވަނީ ފާހަގަކުރައްވާފައެވެ. އާއިލާތަކުން ދަރިން ހޯދާ، ބަލާ، ބޮޑުކުރާއިރު އެކަށީގެންވާ އިޖުތިމާއީ ހިދުމަތްތައް އެކުދިންނަށް ފޯރުކޮށްދެވޭނެކަން ކަށަވަރުކުރުމަށް ގުޓެރޭޒް ވަނީ ބާރުއަޅުއްވާފައެވެ. ނަމަވެސް އަދުގެ ދުނިޔޭގެ ކުޑަކުދިންގެ ތެރެއިން 3 ބައިކުޅަ 2 ބައި ކުދިންނަކީ، އެކަށީގެންވާ އިޖުތިމާއީ ރައްކާތެރިކަމެއް ނެތް ކުދިންކަމަށް ގުޓެރޭޒް ވިދާޅުވިއެވެ. މިކަން ކަން ފެށިގެން އަންނަނީ މައިންބަފައިންނާ ހިސާބުން ކަމަށާ، މި ސިޔާސަތުތަކަކީ އާއިލީ ފެންވަރުގައި އެކުލަވާލެވެންޖެހޭ ސިޔާސަތުތަކެއް ކަމަށް ގުޓެރޭޒް ވިދާޅުވިއެވެ. އެގޮތުން މައިންބަފައިން މަސައްކަތު ނިކުންނައިރު ދަރިފުޅު ބަލާނެ ޒިންމާދާރު ބެލެނިވެރި ފަރާތެއް ހޯދުމާ، ވަރިވެފައި ތިބޭ މައިންބަފައިންގެ ދަރިންނަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ކަށަވަރުކޮށްދިނުމާ، ދަރިންނަށްޓަކައި މައިންބަފައިން މަސައްކަތުގެ ވެށިން ޗުއްޓީ ނެގުން ފަދަ ކަންކަން ރޭވުން މުހިންމު ކަމަށްވެސް ގުޓެރޭޒްގެ މެސެޖުގައި ވަނީ ފާހަގަކުރައްވާފައެވެ.
އިންތިހާއަށް ގޮސްފައިވާ ފަގީރުކަން ނައްތާލުމާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހެއެވެ.