ތާރީހު ނުދެކޭ ފަދަ އިންގިލާބީ ބަދަލުތަކާ، އިގުތިސޯދީ، އިޖުތިމާއީ އަދި އުމްރާނީ ތަރައްގީއާއި މާލީ ރޮނގުން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންދާކަމަށް އިންސާނީ ދަރިފަސްކޮޅުން ވާކާލާތު ކުރަމުންދާ މި ދަނޑިވަޅުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، އިންތިހާ ފަގީރު ކަމުގެ ހާލުގައި އެތައް މިލިއަން ބަޔަކު ދިރިއުޅެމުންދާ ކަމީ އިސްވެ ދެންނެވުނު ކާމިޔާބީގެ ވަކާލާތާ މެދު ސުވާލު އުފައްދާ ކަމެކެވެ.

އިންތިހާ ފަގީރުކަމަކީ ހަމައެކަނި މާލީ ނުވަތަ އިގުތިސޯދީ މައްސަލައެއް ކަމުގައި ބުނެ، ފަރުޖައްސަލެވުނު ޒަމާން މާޒީވެއްޖެއެވެ. މިކަމަކީ، އެކި ދިމާ ދިމާލަށް ފެތުރި، މޫލާ، ވަކި ހިއްޕާލާފައިވާ ވަރުގަދަ މައްސަލައެކެވެ. އިންތިހާ ފަގީރުކަން ފެށިގެން އަންނަނީ އެކަށީގެންވާ އާމްދަނީއެއް ނުލިބުމާ، އަބަރުވެރި ދިރިއުޅުމެއް އުޅުމަށް ބޭނުންވާ އެންމެ އަސާސީ ގާބިލިއްޔަތުކަން ނުލިބޭ ހިސާބުން ކަމުގައި ދެންނެވުމަކުން ކުށަކަށް ނުވާނެއެވެ.

އިންތިހާ ފަގީރުކަމުގައި ދިރިއުޅެމުންދާ ކުޑަކުދިން ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: ޕިންޓްރެސްޓް

އަދުގެ ދުނިޔެއަށް ބަލާއިރު، އިންތިހާ ފަގީރު ކަމުގައި ދިރިއުޅޭ މީހުން އެހާލަތަށް ދިއުމަށް މަޖުބޫރުކުރުވި ކިތަންމެ ކަމެއް ހުންނާނެކަން ޔަގީނެވެ. މިކަންކަމީ، އެއްކަން އަނެއްކަމާ ގުޅިފައިވާ ކަންތައްތަކަކަށް ވުންވެސް އެކަށީގެންވެއެވެ. ހަމަ އެހެންމެ އިންސާނަކަށް ވީތީ ލިބިދޭންޖެހޭ އަބުރުވެރި ހައްގުތަކާ ބެހޭ މައުލޫމާތު އެކަށީގެންވާ ގޮތެއްގައި ލިބިފައި ނެތުމީވެސް، އިންތިހާ ފަގީރު ކަމުގެ ހާލުގައި ދިރިއުޅުން މަޖުބޫރުކުރުވާ ހާލަތެކެވެ. މިކަމާ ގުޅިފައިވާ އިތުރު ސަބަބުތަކުގެ ތެރޭގައި:

  • ނުރައްކާތެރި މާހައުލުތަކުގައި މަސައްކަތްކުރަންޖެހުން
  • ނުރައްކާތެރި ހާލަތުގައި އޮތް ބޯހިޔާވަހިކަމެއްގައި ދިރިއުޅެންޖެހުން
  • ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތަކުން މުއްސަނދިވެފައިވާ ކާބޯތަކެތިން މަހްރޫމުވުން
  • އަދުލު އިންސާފުގެ ހަމަހަމަކަމެއް ނުލިބުން
  • ސިޔާސީ މައިދާނުގައި ބާރާއި ނުފޫޒެއް ނެތުން
  • އެކަށީގެންވާ ސިއްހީ ފަރުވާގެ އެހީތެރިކަން ހޯދޭނެ ގޮތެއް ފަދަ ކަންކަން ހިމެނެއެވެ
ކޭމްޕަކަށް ދަތުރުކުރަމުންދާ ސޫރިޔާގެ ރެފިއުޖީ އާއިލާއެއްގެ ކުއްޖަކު ރޮނީ/ފޮޓޯ: ގެޓީއިމޭޖަޒް

ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަސް ފާހަގަކުރަނީ، އިންތިހާ ފަގީރުކަން ނައްތާލުމަށް ބައިނަލްއަގުވާމީ ފެންވަރުގައި މަސައްކަތްކުރާ ދުވަހުގެ ގޮތުގައިއެވެ. އިންތިހާ ފަގީރުކަން ނައްތާލުމަށް ހާއްސަކޮށްގެން ބައިނަލްއަގުވާމީ ފެންވަރުގައި މުއާހަދާއެއް އެކުލަވާލާފައިވަނީ 1992 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ.

އިންތިހާއަށް ގޮސްފައިވާ ފަގީރުކަން ނައްތާލުމަށް ފާހަގަކުރަމުންދާ ދުވަހުގެ މިއަހަރުގެ ޝިއާރު ހާއްސަކޮށްފައިވަނީ "އިންތިހާއަށް ގޮސްފައިވާ ފަގީރުކަން ނައްތާލުމަށްޓަކައި ކުޑަކުދިންނާ އެކުދިންގެ އާއިލާތަކާ އެކުދިން ނިސްބަތްވާ އާބާދީ ބާރުވެރިކުރުވުމަށް އެންމެން އެކުގައި" މަސައްކަތްކުރުމުގެ މައްޗަށެވެ.