ރައީސް ނަޝީދު އެމްޑީޕީ ގެ އާންމު މެންބަރުންނާ މިރޭ ބައްދަލުކުރައްވަން ނިންމަވައިފިއެވެ.

އެމްޑީޕީގެ ރައީސް ކަމުގެ އާ ދައުރަކަށް ކުރިމަތިލައްވައި އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެމްޑީޕީ ގެ އާންމު މެންބަރުންނާ މިރޭ ބައްދަލުކުރައްވަން ނިންމަވާފައި ވާއިރު މިބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ދަރުބާރުގޭގެ ފާށަނާ މާލަމް ގައި މިރޭ 9:15 ގައެވެ.

ރައީސް ނަޝީދު ވިދާޅުވީ މި ބައްދަލުވުމަކީ އެމް.ޑީޕީ ގެ ލޮބުވެތި މެމްބަރުންނާ ބައްދަލުކޮށްލުމަށް ބޭނުންފުޅުވެލައްވާތީ ބާއްވާ ބައްދަލުވުމެއް ކަމަށެވެ.

އެމްޑީޕީގެ ރައީސްކަމަށް ކުރިމަތިލައްވަން ނިންމެވިކަން ނަޝީދު އިއުލާން ކުރައްވައިފައި ވާއިރު ގިނަ ބަޔަކު ދަނީ އެކަމަށް ތާއީދުކޮށް ޝުއޫރު ފާޅުކުރަމުންނެވެ. އޭގެ ތެރޭގައި ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ފަދަ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވަނީ ތާއީދު ކުރައްވާފައެވެ.

އެމްޑީޕީގެ ރައީސްގެ މަގާމާއި ނައިބު ރައީސްގެ މަގާމަށް ބޭފުޅުން އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބޭނީ މިމަހުގެ 22 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް އެ ޕާޓީގެ މެންބަރުންގެ ގޮތުގައި ތިބި މީހުނަށް ކަމަށް އެ ޕާޓީން ބުނެއެވެ.

ރައީސް ނަޝީދު ވަނީ މިހާރު އެމްޑީޕީގެ ރައީސްކަން ދެ ދައުރު ކުރައްވައިފައެވެ. އޭގެ ކުރިން އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ވެސް ރައީސް ނަޝީދު ވަނީ ކުރައްވާފައެވެ.