އިސްލާމީ ސްކޫލްތަކެއްގެ ނަމުގައި ހިންގާ ލާއިންސަނީ އަނިޔާ ދޭ މަދްރަސާތައް ރެއިޑް ކުރުމަށް ނައިޖީރިއާގެ ރައީސް މުޙައްމަދު ބުހާރީ އަމުރުކުރައްވައިފިއެވެ.
ނައިޖީރިއާގެ ރައީސް މިފަދަ ކަމަކަށް އަމުރުކުރައްވާފައި މިވަނީ 1 މަސްދުވަހުގެ ތެރޭގައި މިފަދަ 2 މަދުރާސާއެއް ރެއިޑުކޮށް ގިނަ އަދަދެއްގެ ޒުވާނުން ފިރިހެނުންނާ ފިރިހެން ކުދިންތަކެއް ސަލާމަތްކޮށްފައިވާ ދަނޑިވަޅެއްގައެވެ.
ރައީސް ބުހާރީގެ އުފަން އަވަށް ކަމަށްވާ ކަޓްސީނާގެ ދައުރާ ސަރަހައްދުގައި ހިންގަމުންދިޔަ މަދްރަސާއަކުން 300 އެއްހާ ޒުވާން ފިރިހެނުންނާ ފިރިހެން ކުދިން ސަލާމަތްކޮށްފައިވާކަމަށް ނައިޖީރިއާގެ ފުލުހުންވަނީ ހާމަކޮށްފައެވެ. ހޯމަ ދުވަހު ހިންގި ރެއިޑަކާ ގުޅިގެން ފުލުހުން މިފަހަރު ސަލާމަތްކުރި ކުދިންވެސް ތިބީ ލާއިންސާނީ އަނިޔާ ލިބިލިބި ތިބި ހާލުގައި ކަމަށް ޚަބަރު ލިބެއެވެ. މިދިޔަ މަހުވެސް ނައިޖީރިއާގެ ފުލުހުންވަނީ ކަދޫނާ ސްޓޭޓުގެ މިފަދަ މަދްރަސާއަކުން އެތައް ސަތޭކަ ކުދިންނެއް ސަލާމަތްކޮށްފައެވެ.
ދީން އުނގަންނައިދިނުމުގެ ނަމުގައި ހިންގާ ލާއިންސާނީ އަނިޔާދޭ ބޯޑިންގް ސްކޫލްތައް ބަންދުކުރުމަށް އެޅެންހުރި ހުރިހާ ފިޔަވަޅެއް އެޅުމަށް ނައިޖީރިއާގެ ރައީސް ވަނީ އަމުރު ކުރައްވާފައެވެ. އެގޮތުން، އެއްވެސް އިންސާނަކަށް ލާއިންސާނީ ލިބޭ ފަދަ އެއްވެސް ކަމެއް ކުރިއަށް ގެންދިއުމަށް ފުރުސަތު ނުދެއްވާނެ ކަމަށް ނައިޖީރިއާގެ ރައީސް ވިދާޅުވެފައިވާކަމަށްވެސް ޚަބަރުތައް ބުނެއެވެ.
ނައިޖީރިއާގެ ކަމާ ބެހޭ ފަރާތްތަކުން މިހާރު ވެސް ދަނީ މިފަދަ އަމަލުތައް ހިންގާކަމަށް ތުހުމަތުކުރެވޭ ފަރާތްތައް ހައްޔަރުކުރަމުންނެވެ.