ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް މިލިއަން ބަޔަކަށް ބަނޑަށް ޖެހިފައިވާއިރު، ބާކީ ތިބި އިންސާނުން ކެއިންބުއިމަށް އުފައްދާ ކާބޯތަކެތީގެ 3 ބައިކުޅަ 1 ބައި ވެގެންދަނީ އިސްރާފަކަށް ކަމަށް އދއިން ހާމަކޮށްފިއެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ މުނާސަބާއާއި ދިމާކޮށް، ކާބޯތަކެއްޗާ ދަނޑުވެރިކަމާ ބެހޭ ބައިނަލްއަގުވާމީ އިދާރާ (އެފްއޭއޯ)އިން އާންމުކޮށްފައިވާ ބައެއް ތަފާސް ހިސާބުތަކަށް ބަލާއިރު 820 މިލިއަން މީހުންނަކީ ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތަށް ނުލިބި "އަނަރޫފަ"ވެފައިވާ ބައެކެވެ.

ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ތޮއްޖެހިފައިވާ ޗޯވްކް ބާޒާރު ސަރަހައްދުގައި ހިންގާ ވަގުތީ އިފްތާރު ބާޒާރުގައި ބޮޑު ކޭމެއް ތައްޔާރުކުރަނީ/ފޮޓޯ: މަޙްމޫދު ހުސައިން

މެލްނިއުޓްރިޝަންއާއި ގުޅުން ހުރި އެކި ތަކުލީފުތަކުގައި ދުވާލަކު އެތައް ހާސް ކުޑަކުދިންނަކާ އަންހެނުނެއް މި ދުނިޔެއާއި ވަކިވަމުންދާކަންވެސް އެފްއޭއޯއިން ފާހަގަކުރެއެވެ.

އެތައް މިލިއަން ބަޔަކު ބަނޑަށްޖެހި، ހިކި އަނަރޫފަވަމުންދާއިރު 672 މިލިއަން މީހުންނަކީ އާދަޔާ ހިލާފަށް ފަލަވުން ނުވަތަ އޮބީސް މީހުންކަމަށާ، 1.3 ބިލިއަން މީހުންނަކީ އެމީހުންގެ ހަށިގަނޑުގައި ހުންނަންޖެހޭ އެންމެ މަތީ ބަރުދަނަށްވުރެ ބަރުވެފައިވާ މީހުން ކަމަށްވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.

ބާޒާރު ސަރަހައްދު ތެރެއިން / ފައިލް ފޮޓޯ: ދަ ޕްރެސް

ކާބޯތަކެތީގެ ދުވަހެއް ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރުމުގެ މައިގަނޑު މަގުސަދަކީ ދެމެހެއްޓެނިވި ތަރައްގީގެ އަމާޒުތަކުގެ 2 ވަނަ ގޯލު ކަމުގައި ކަނޑައަޅާފައިވާ "ބަނޑުހައިހޫނުކަން 0 ރޭޓަށް" ދަށްކުރުން ކަމަށްވާއިރު، މި ދުވަހަކީ، ސިއްހަތަށް ފައިދާހުރި ކާނާއާއި ކާބޯތަކެތި ބޭނުންކުރުމަށް ހިތްވަރުދޭ ދުވަހެއްވެސް މެއެވެ.

https://www.youtube.com/watch?v=S2MxzBhcwlw&feature=youtu.be

ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިފައިވާ އިންތިހާ ބަނޑުހައިހޫނުކަން ނައްތާލެވިއްޖެނަމަ އަހަރެއްގެ މައްޗަށް 3.1 މިލިއަން ކުޑަކުދިންގެ ފުރާނަ ސަލާމަތްކުރުމުގެ ފުރުސަތު އޮވެއެވެ. ހަމަ މިއާއެކު މައިންގެ ސިއްހަތު ރަނގަޅުވުމަކީ، ދިފާއީ ނިޒާމު ވަރުގަދަ، ދުޅަހެޔޮ ދަރިންތަކެއް އުފަންވެގެންދާނެ ކަމެކެވެ. މީގެ އިތުރުން، އަނަރޫފަވުމުގެ ބަލިމަޑުކަމުން ގައުމެއް ސަލާމަތްކުރެވުމަކީ، ތަރައްގީ ވަމުން އަންނަ ގައުމުތަކުގެ، ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް 16.5 ޕަސެންޓް އިތުރުވެގެންދާނެ ކަމެއް ކަމަށް، ކަމާ ބެހޭ ފަރާތްތަކުން ލަފާކުރެއެވެ.