މާލޭގައި ކުއްޔަށް ދިރިއުޅޭ މީހުން ބައިވެރިވެ، ޝަކުވާތަކާއި ތަކުލީފު ހިއްސާކުރެވޭނެ ޔޫނިއަނެއް އުފައްދައިފިއެވެ.
މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް އެމްޕަވަމަންޓުން މިއަދު ޓެނަންޓްސް ޔޫނިއަން (އެމްޓީޔޫ) ވަނީ ރަޖިސްޓްރީ ކޮށްދީފައެވެ.
އެމްޓީޔޫ އިން ބުނީ، މާލޭ ޓެނަންޓްސް ޔޫނިއަން ނުވަތަ އެމްޓީޔޫ އަކީ އެތަށް ޒަމާންތަކެއް ވަންދެން މާލޭގައި ކުއްޔަށް ދިރިއުޅެމުން އައި މީހުންގެ ވޭނާއި ތުރާތަށް ހިއްސާކުރުމަށާއި އަދި ކުއްޔަށް ދިރިއުޅޭ މީހުންގެ އަޑަށް ރަސްމީ ސިފައެއް ދިނުމުގެ ގޮތުން އުފެއްދިފައިވާ ޖަމިއްޔާއެއް ކަމަށެވެ. މާލޭގައި ކުއްޔަށް ދިރިއުޅޭ ކޮންމެ މީހަކަށް ވެސް މި ޖަމިއްޔާގައި ބައިވެރިވެ އެމީހެއްގެ ތަކުލީފުތަށް ހިއްސާ ކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމށް އެ ޖަމިއްޔާއިން ބުނެއެވެ.
މި ޖަމިއްޔާގެ މައިގަނޑު މަގްސަދަކީ މާލޭގައި ކުއްޔަށް ދިރިއުޅޭ މީހުންގެ ހައްގުތަށް ހިމާޔަތްކޮށް ދިފާއުކުރުމާއި ކުއްޔަށް ދިރިއުޅޭ މީހުންނަށް އެހީ ތެރިކަން ފޯރުކޮށްދިނުމާއި، ކުލީ ދިރިއުޅުމާއި ބޯހިޔާވަހިކަމާއި ގުޅޭގޮތުން ރޭވިގެން ހިންގޭ ކެމްޕޭން ހިންގުން ކަމަށް އެމްޓީޔޫ އިން ބުނެއެވެ.
އެމްޓީޔޫ އިން ދޭ ހިދުމަތްތަކުގެ ތެރޭގައި، އެއްގެއިން އަނެއް ގެއަށް ބަދަލުވާއިރު ދިމާވާ މައްސަލަތަކުގައި އެހީތެރިކަމާއި، ކޮންޓްރެކްޓު ހެދުމާއި އަދި އެހެނިހެން މައްސަލަތަކުގައި ވަކީލުންގެ އެހީތެރިކަމާއި އަދި ހޯމް އިންޝޫރަންސް ފަދަ ހިދުމަތްތަށް ލިބޭނޭ ގޮތް ކުރިޔަށް އޮތްތަނުގައި ހަދާދިނުން ހިމެނެއެވެ. އަދި މެންބަރުންގެ އެއްބާރުލުމާއި އެއްކޮށް ކުރިޔަށް ގެންދެވޭނޭ ކެމްޕޭންތަކާއި، ކުއްޔަށް ދިރިއުޅޭ މީހުންގެ ހައްގުތަށް ރައްކާތެރި ކުރުމަށް ގާނޫނު ހެދުމަށް ބާރުއެޅުމާއި އަދި ކުލި ކޮންޓުރޯލު ކުރުމަށް ބާރުއެޅުން ހިމެނެއެވެ.
ކުއްޔަށްދޭ ފަރާތުގެ ހައްގުގައި މިހާރުވެސް މަސައްކަތްކުރާ އެމްއެންއޭސީއައި ފަދަ ބާރުގަދަ ޖަމިއްޔާތައް ހުރއިރު މިހާތަނަށް ކުއްޔަށް ދިރިއުޅޭ މީހުން ރަމްޒުކޮށްދޭނޭ ސީދާ ޖަމިއްޔާއެއް އުފެއްދިފައެއް ނުވާ ކަމަށް ތޫޔު މިނިސްޓްރީން ބުނެއެވެ. އެގޮތުން މާލޭ ސަރަހައްދުގައި ކުއްޔަށް ދިރިއުޅޭ މީހުންނަކީ މާލޭގެ އާބާދީގެ 63 އިންސައްތަ ނުވަތަ މެޖޯރިޓީއަށް ވާއިރު، މިހާ ގިނަބަޔެއްގެ އެދުންތަކަށް އެތަކެއް ދުވަސްވީ އިރުވެސް އެއްވެސް ސަރުކާރަކުން އަޅާނުލާ އޮތީ ކުއްޔަށް އުޅޭމީހުންގެ ސީދާ ޖަމިއްޔާއެއް ނެތުމުން ކަމުގައި ވެދާނެ ކަމަށް ވެސް އެމްޓީޔޫ އިން ބުނެއެވެ. އެހެންކަމުން މި ޖަމިއްޔާ ރެޖިސްޓާ ވުމަކީ މާލޭގައި ކުއްޔަށް ދިރިއުޅޭ މީހުންގެ ބޭނުންތަށް ފުރިހަމަ ކުރުމަށް އެޅޭ ބޮޑު އަދި މުހިންމު ފިޔަވަޅެއް ކަމުގައިވެސް އެމްޓީޔޫ އިން ބުނެއެވެ.