މެދުރާއްޖެތެރޭގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި އުމުރުން ދުވަސްވީ ފިރިހެން މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
ފުލުހުން ބުނީ، މި މަހުގެ 7 ވަނަ ދުވަހު މެދު ރާއްޖެތެރޭ ރަށެއްގައި 18 އަހަރުން ދަށުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން މި މަހުގެ 8 ވަނަ ދުވަހު ކޯޓް އަމުރެއްގެ ދަށުން 62 އަަހަރުގެ ފިރިހެނަކު ހައްޔަރު ކުރެވިފައި ވާކަމަސް ފުލުހުން މައުލޫމާތު ދެއެވެ. އަދި އެމީހާގެ ބަންދަށް މިހާރު 15 ދުވަސް ޖަހާފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
ބ. ގޮއިދޫ ފިރިހެނެއް މެދުރާއްޖެތެރޭ ރަށެއްގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެފައި ވާއިރު، ޖެންޑާ މިނިސްޓްރީން ބުނީ، މަތިވެރިން ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައި ވާތީ ފުލުހުންގެ ތަހުގީގަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދީފައިވާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ރަށުގައި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވަނީ އުމުރުން ދުވަސްވީ ބ. އަތޮޅު ގޮއިދޫ ފިރިހެނެކެވެ. އަދި އެމީހާ މިހާރު ވަނީ ހައްޔަރު ކޮށްފައި ކަމަށްވެސް އެރަށު މީހަކު ވަނީ މައުލޫމާތު ދީފައެވެ.
މި މައްސަލަ ރިޕޯޓުކުރި އެ ރަށުގެ އަންހެނަކު "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ބުނީ އޭނާއަށް އެކަމެއް އެނގުނީ އެ ކުޑަކުއްޖާ އުޅޭ ގޭ ކައިރިއަށް ދިޔަ ވަގުތު އެގޭތެރޭގައި އަޑުގަދަކޮށް ވާހަކަ ދައްކަމުން ދާތީ ކަމަށެވެ. ކަން ހިނގައިގެން އުޅޭ ގޮތް ބެލި އިރު އެ އާއިލާއިން ދިޔައީ ކުޑަކުއްޖާއާ ދިމާއަށް އެއްޗެހި ކިޔަމުން ކަމަށް އޭނާ ބުނެއެވެ. އެވަގުތު އެ އަންހެންމީހާ އެދުނީ އެކަން ފުލުހުންނަށް ރިޕޯޓު ކުރުމަށް ކަަމަށާއި އެކަމުގައި ކުޑަ ކުއްޖާއާ ދިމާއަށް އެއްޗެހި ކިޔައިގެން މައްސަލައިގެ ހައްލު ނުހޯދޭނެ ކަމަށް އޭނާ ބުނި ކަމަށެވެ.
މީގެ އިތުރުން އޭނާ ބުނީ، އާއިލާއިން އެ މައްސަލަ ރިޕޯޓު ނުކުރުމުން އޭނާ ފުލުހުނަށް ގުޅާ އެ މައްސަލަ ހުށަހެޅި ކަމަށެވެ.
ކުޑަކުއްޖާއަށް ޖިންސީ ގޯނާ ކުރި އުމުރުން ދުވަސްވީ ފިރިހެން މީހާ އަކީ މަތިވެރި މީހަކާ އިނދެގެން އެރަށުގައި ދިރިއުޅޭ މީހެކެވެ. މި މައްސަލަ ފެންމަތިވެފައިވާ އިރު މިހާރު އެރަށުގެ ގިނަ ބަޔަކު ދަނީ، އެމީހާ އެތައް ކުދިންނަކަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ބުނަމުންނެވެ.