ބ. ގޮއިދޫ ފިރިހެނެއް މެދު ރާއްޖެތެރޭ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ޖެންޑާ މިނިސްޓްރީން ބުނީ، މެދު ރާއްޖެތެރޭ ރަށެއްގައި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައި ވާތީ ފުލުހުންގެ ތަހުގީގަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދީފައިވާ ކަމަށެވެ.

މި ހާދިސާ ހިނގި ރަށުގެ ކައުންސިލްގެ ރައީސް "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން މިހާރު ބަލަމުންދާ ކަމަށެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ރަށުގައި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވަނީ އުމުރުން ދުވަސްވީ ބ. އަތޮޅު ގޮއިދޫ ފިރިހެނެއް ކަމަށެވެ. އަދި އެމީހާ މިހާރު ވަނީ ހައްޔަރު ކޮށްފައި ކަމަށްވެސް އެރަށު މީހަކު ވަނީ މައުލޫމާތު ދީފައެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ރިޕޯޓުކުރި އެ ރަށުގެ އަންހެނަކު ބުނީ އޭނާއަށް އެކަމެއް އެނގުނީ އެ ކުޑަކުއްޖާ އުޅޭ ގޭ ކައިރިއަށް ދިޔަ ވަގުތު އެގޭތެރޭގައި އަޑުގަދަކޮށް ވާހަކަ ދައްކަމުން ދާތީ ކަމަށެވެ. ކަން ހިނގައިގެން އުޅޭ ގޮތް ބެލި އިރު އެ އާއިލާއިން ދިޔައީ ކުޑަކުއްޖާއާ ދިމާއަށް އެއްޗެހި ކިޔަމުން ކަމަށް އޭނާ ބުނެއެވެ. އެވަގުތު އެ އަންހެންމީހާ އެދުނީ އެކަން ފުލުހުންނަށް ރިޕޯޓު ކުރުމަށް ކަަމަށާއި އެކަމުގައި ކުޑަ ކުއްޖާއާ ދިމާއަށް އެއްޗެހި ކިޔައިގެން މައްސަލައިގެ ހައްލު ނުހޯދޭނެ ކަމަށް އޭނާ ބުނި ކަމަށެވެ.

މީގެ އިތުރުން އޭނާ ބުނީ، އާއިލާއިން އެ މައްސަލަ ރިޕޯޓު ނުކުރުމުން އޭނާ ފުލުހުނަށް ގުޅާ އެ މައްސަލަ ހުށަހެޅި ކަމަށެވެ.

ކުޑަކުއްޖާއަށް ޖިންސީ ގޯނާ ކުރި އުމުރުން ދުވަސްވީ ފިރިހެން މީހާ އަކީ މަތިވެރި މީހަކާ އިނދެގެން އެރަށުގައި ދިރިއުޅޭ މީހެކެވެ. މި މައްސަލަ ފެންމަތިވެފައިވާ އިރު މިހާރު އެރަށުގެ ގިނަ ބަޔަކު ދަނީ، އެމީހާ އެތައް ކުދިންނަކަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ބުނަމުންނެވެ.