މަދިރީގެ ޒަރީއާއިން ޖެހޭ ޑެންގީ ހުން ފަދަ ބަލިތަކުން މި ދުވަސްވަރު ރައްކާތެރިވެ ތިބުމަށް ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިލްތިމާސް ކޮށްފިއެވެ.

އެ އެޖެންސީން ބުނީ ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން ކުރިއަށް އޮތް ދުވަސްތަކުގައި ޑެންގީ ހުން އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެޗްޕީއޭއިން ބުނީ މަދިރި އުފެދި އާލާވާ ތަންތަން ނައްތާލުމަށް އުކާލެވިފައިވާ ހުންނަ ދަޅު ފުޅި ފަދަ ތަކެތި އެކަށީގެންވާ ގޮތެއްގައި ނައްތާލުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި ބާލިދީ ފަދަ ފެން ހުންނަ ތަކެތި ރަނގަޅަށް ސާފު ކުރުމަށް އިލްތިމާސް ކުރާ ކަމަށްވެސް އެޗްޕީއޭއިން މައުލޫމާތުދެއެވެ.

އެ އެޖެންސީން ބުނީ މަދިރި އުފެދި އަދި އާލާވާ ތަންތަން ނައްތާލުމަށްޓަކައި ދިޔަދޮވި ފަދަ ތަންތަން ސާފުކޮށް ފެން ހަރުނުލާނެހެން ބެހެއްޓުމަށް އިލްތިމާސް ކުރާ ކަމަށެވެ. މީގެއިތުރުން އެ އެޖެންސީން ބުނީ ވިއްސާރައާ ގުޅިގެން މަދިރިރި އުފެދި އާލާވާނެ ކަމަށް ދޭންޖެހޭނެ ކަމަށެވެ. އެގޮތުން ގެޔާއި ގޯތި ތެރޭގައި ފެން ހަރުލާ މަދިރި އުފެދޭ ބާވަތުގެ ތަންތަނާއި ތަކެތި ހުރިތޯ ބަލާ ފާސްކޮށް އެކަށީގެންވާ ގޮތެއްގައި ނައްތާލަން ޖެހޭނެ ކަމަށެވެ.

އެޗްޕީއޭއިން މިފަދައިން އިލްތިމާސްކޮށްފައިވާއިރު މިއަހަރުގެ ތެރޭގައި ރާއްޖޭގައި ވަނީ ޑެންގީހުން ވަރަށް ބޮޑަށް ފެތުރިފައެވެ. އޭގެ އިތުރުން ޗިކުންގުންޔާ ވެސް ވަނީ ވަރަށް ބޮޑަށް ފެތުރިގެން ގޮސްފައެވެ.