ދުނިޔޭގެ އާބާދީގައި ތިބި 700 މިލިއަން ކުޑަކުދިންގެ ތެރެއިން 3 ބައި ކުޅަ 1 ބައި ކުދިން ތިބީ އާދަޔާ ހިލާފަވެ އޮބީޒް ހާލުގައި ނުވަތަ ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތައް ނުލިބި ހިކި އަނަރޫފަވެ، ދިގުމުއްދަތުގެ ސިއްހީ ނުރައްކަލަށް ހުށަހެޅިފައި ކަމަށް ކުޑަކުދިންނާ ބެހޭ އދގެ އިދާރާ ޔުނިސެފްގެ ރިޕޯޓަކުން ދައްކައިފިއެވެ.

1999 ވަނަ އަހަރަށްފަހު ޔުނިސެފުން ފުރަތަމަ ފަހަރަށް އެކުލަވާލި ދުނިޔޭގެ ކުޑަކުދިންގެ ހާލު ބަޔާންކުރާ "ސްޓޭޓް އޮފް ދަ ވާލްޑްސް ޗިލްޑްރަން" ބުނާ ގޮތުގައި "ދެރަ" ކެއުންތައް ކާ ކުދިންނަކީ "ދެރަ" ހާލުގައި އުޅޭ ބައެއް ކަމަށެވެ. ކަންމިހެން އޮތްއިރު، ސިއްހަތަށް ފައިދާކުރަނިވި ކާބޯތަކެއްޗަށް ކުދިން ހަލުވެރިކުރުމަށް ކުރާ ހަނގުރާމާގައި ނާކާމިޔާބު ވަމުންދާ ކަމުގެ އިޝާރާތެއްވެސް މި ރިޕޯޓުން ވަނީ ކޮށްފައެވެ.

ޔުނިސެފްގެ ރިޕޯޓު ބުނާ ގޮތުގައި އުމުރުން 4 އަހަރާއި 4 އަހަރުން ދަށުގެ ކުދިންގެ އާބާދީގެ 149 މިލިއަން ކުދިންނަކީ، އުމުރާ އެކަށީގެންވާ ވަރަށްވުރެ ކުރު ކުދިންނެވެ. މިއީ އެކުދިންގެ ސިކުނޑިއާއި ހަށިގަނޑުގެ ހެދިބޮޑުވުމާ ގުޅިފައިވާ ސިއްހީ މައްސަލައެއްކަމަށްވެސް މި ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

ޔަމަނުގެ އަންހެނަކު، އޭނާގެ ބަނޑަށް ޖެހިފައިވާ ދަރިފުޅު އުރާލައިގެން/ފޮޓޯ: ސޭވް ދަ ޗިލްޑްރަން

ކަންމިހެން އޮތްއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި 5 އަހަރުން ދަށުގެ ކުޑަކުދިންގެ ތެރެއިން ދެބައިކުޅަ އެއްބައި ކުދިންނަކީ، އެކުދިންގެ ހަށިގަނޑަށް ކޮންމެހެން ބޭޏުންވާ މުހިންމު ވިޓަމިނާ މިނަރަލްތައް ލިބެމުން ނުދާ ކުދިން ކަމަށް ޔުނިސެފުގެ ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ. އަދި މިއީ "ފޮރުވިފައިވާ" ބަނޑުހައިހޫނުކަމެއް ކަމަށްވެސް ޔުނިސެފުން ސިފަކުރެއެވެ.

ޔުނިސެފުން ބުނާ ގޮތުގައި އާދަޔާހިލާފަށް ފަލަވުމަކީވެސް "މެލްނިއުޓްރިޝަން"ގެ ވައްތަރެކެވެ. އާދަޔާ ހިލާފަށް ފަލަވުން ނުވަތަ އޮބީސިޓީގެ ބަލިމަޑުކަމުގެ ތަކުލީފު އުފުލަންޖެހިފައިވާ ކުދިންނަކީ، ކުރިންދެނެވި އަނަރޫފެވެފައިވާ ކުދިންނާ އެއް ވެއްޓެއްގައި ދިރިއުޅޭ ކުދިންކަމުގައި ވެފައި އެބަހުރިކަމަށްވެސް ޔުނިސެފުން ފާހަގަކުރެއެވެ. އެގޮތުން އާދަޔާ ހިލާފަށް މަންމައަކަށް، ހިކި އަނޫރަ ދަރިން ލިބޭކަން ޔުނިސެފުން ފާހަގަކުރެއެވެ.

ހުރިހާ އުމުރުފުރާއަކަށް ބަލާއިރު، ދާއިމީ ބަނޑުހައިހޫނުކަމެއްގައި ދުނިޔޭގެ އެކިކަންކޮޅުތަކުގައި 800 މިލިއަން މީހުން ދިރިއުޅެމުން އެބަދެއެވެ. އަދި ނުރަނގަޅު ކާބޯތަކެތި ކައިގެން 2 ބިލިއަނެއްހާ މީހުން އޮބީސިޓީއާއި، ހިތުގެ ބައްޔާ ހަކުރު ބަލީގެ ނުރައްކަލަށް ހުށަހެޅުންދެއެވެ.