އެމްޑީޕީގެ ނައިބު ރައީސްކަމަށް ޝިފާޒު ކުރިމަތިލައްވަން ނިންމަވައިފިއެވެ.
އެމްޑީޕީގެ ނައިބު ރައީސްކަމަށް އެޕާޓީގެ ނައިބު ރައީސްކަން މިހާރުވެސް ކުރައްމުން ގެންދަވާ، ބާރަށު ދާއިރާގެ ކުރީގެ މެންބަރު އަދި މިހާރު ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒު އަނެއްކާ ވެސް ކުރިމަތިލައްވަން ނިންމައިފިއެވެ.
ޝިފާޒު މިހެން ވިދާޅުވެފައި ވަނީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ. ޝިފާޒު ވިދާޅުވީ ނައިބު ރައީސް ކަމަށް އިތުރު ދައުރަކަށް ކުރިމަތިލައްވަން ނިންމާފައިވާ ކަމަށާއި ތާއިދު ކޮށްދިނުމަށް އެމްޑީޕީގެ މެންބަރުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އޭނާއަށް މެންބަރުން ކުރާ އިތުބާރު ދެމި އޮންނާނެ ކަމަށް އުންމީދު އޮތްކަމަށް ވެސް ވިދާޅުވެފައި ވެއެވެ.
ރައީސް ނަޝީދު ވެސް މިއަދު ވަނީ ޓްވީޓެއް ކުރައްވާ އެމްޑީޕީގެ ރައީސް ކަމަށް އިތުރު ދައުރަކަށް ކުރިމަތިލައްވަން އެމަނިކުފާނު ނިންމަވާފައިވާ ކަމަށާއި އެމަނިކުފާނަށް ތާއިދު ކޮށްދިނުމަށް އެމްޑީޕީގެ މެންބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.