އެމްޑީޕީގެ ރައީސްކަމަށް މަޖިލީހުގެ ރައީސްކަން މިހާރު ކުރައްވަމުން ގެންދަވާ ރައީސް، ރައީސް މުހައްމަދު ނަޝީދު އަނެއްކާ ވެސް ކުރިމަތިލައްވަން ނިންމަވައިފިއެވެ.

ރައިސް ނަޝީދު މިހެން ވިދާޅުވެފައި ވަނީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ އެމްޑީޕީގެ ރައީސް ކަމަށް އިތުރު ދައުރަކަށް ކުރިމަތިލައްވަން އެމަނިކުފާނު ނިންމަވާފައިވާ ކަމަށާއި އެމަނިކުފާނަށް ތާއިދު ކޮށްދިނުމަށް އެމްޑީޕީގެ މެންބަރުންގެ އަރިހުން އެދިވަޑައިގަންނަވާ ކަމަށެވެ.

ރައީސް ނަޝީދު ވަނީ މިހާރު އެމްޑީޕީގެ ރައީސްކަން ދެ ދައުރު ކުރައްވައިފައެވެ. އޭގެ ކުރިން އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ވެސް ރައީސް ނަޝީދު ވަނީ ކުރައްވާފައެވެ.

ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ރައީސްކަމާއި ނައިބު ރައީސްކަމުގެ މަގާމު ހުސްވެފައިވާތީ، އެ ދެ މަގާމުގެ އިންތިހާބު އަންނަ މަހުގެ 22 ގައި ބާއްވަން އެ ޕާޓީން ވަނީ ނިންމައި ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު އިއްޔެ ވަނީ ހުޅުވާލައިފައެވެ. ފޯމު ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީހަކީ މި މަހުގެ 19 ވަނަ ދުވަހުގެ މެންދުރު 12:00 އެވެ.