ބާރުގަދަ ތޫފާން ހަބީގިސްގައި ހާލުގައި ޖެހުނު މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންދަނިކޮށް، އިތުރު ކޮޅިގަނޑެއް ކުރިމަތިވެ، ގަދަ ވިއްސާރައިގެ އިންޒާރާއެކު އަނެއްކާވެސް ނުރައްކާގެ ހާލަތަށް ޖަޕާނު ވެއްޓިއްޖެއެވެ.

ފަހުގެ ތާރީހެއްގައި ޖަޕާނު ދުށް އެންމެ ވަރުގަދަ ތޫފާން ހަބީގިސްގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 55 އަށްވުރެ މައްޗަށް އަރާފައެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ޖާޕަނަށް އެރި ތޫފާނުގެ އަސަރު، އެގައުމުގެ 47 ޕްރީފެކްޗާއެއްގެ ތެރެއިން 36 ޕްރީފެކްޗާއަކަށްވަނީ ކޮށްފައެވެ. ތޫފާނާ ގުޅިގެން ބިންގަނޑުކަނޑައިގެން ދިއުމާ ފެންބޮޑުވުމުގެ ބޮޑެތި ކާރިސާތަކެއް ހިނގާފައިވާއިރު، މަރުވި މީހުންގެ އަދަދު އަދިވެސް ހަލުވިކަމާއެކު އިތުރުވަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ކަންމިހެން އޮތްއިރު، ގިނަ އަދަދެއްގެ ބަޔަކު ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ.

ރޭގެ ވަގުތުތަކުން ފެށިގެން އެކި ހިސާބުތަކަށް އަނެއްކާވެސް ވިއްސާރަ ކުރަން ފަށާފައިވާއިރު ބިންގަނޑުކަނޑައިގެން ދިއުމާ، ފެންބޮޑުވުމުގެ އިތުރު ހާދިސާތަކެއް ހިނގާފާނެ ކަމަށް ސަމާލުވެ ތިބުމަށް ޖަޕާނުގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ގޮވާލާފައެވެ.