ތޫނިސްގައި ކުރިއަށް ގެންދިޔަ ރިޔާސީ އިންތިހާބު، މިނިވަން ކެންޑިޑޭޓް ކާއިސް ސާއިދު ކާމިޔާބު ކުރައްވައިފިއެވެ.
ތޫނިސްގެ އިންތިހާބުތަކާ ބެހޭ ކޮމިޝަނުން ބުނި ގޮތުގައި، ކާއިސް ސާއިދު އިންތިހާބު ކާމިޔާބު ކުރެއްވީ، ވޯޓުގެ 72.71 ޕަސެންޓް ހޯއްދަވައިގެންނެވެ.
އާދީއްތަ ދުވަހު ތޫނިސްގައި ކުރިއަށް ގެންދިޔަ ރިޔާސީ އިންތިހާބުގައި 27 މިލިއަން ވޯޓު ކަށަވަރުކުރެއްވި ކާއިސް ސައީދާ ވާދަކުރެއްވި ނަބީލް ކާރޫއީއަށް ލިބިވަޑައިތީ 1 މިލިއަން ވޯޓެވެ.
ވިޔަފާރި މަހުޖަނު ކާރޫއީއަކީ، އިންތިހާބީ ކެމްޕޭންގެ ގިނަ ދުވަސްތައް ޖަލުގައި ހޭދަކުރެއްވި ކެންޑިޑޭޓެކެވެ. ކާރޫއީވަނީ އިންތިހާބީ ގަބޫލުކުރައްވާ، އެކަން އިއުލާންވެސް ކުރައްވާފައެވެ.
އިންތިހާބީ ކޮމިޝަނުން ބުނީ އާދީއްތަ ދުވަހުގެ އިންތިހާބުގައި، ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ 55 ޕަސެންޓް މީހުން ވޯޓު ދީފައިވާކަމަށެވެ. މިއީ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ފުރަތަމަ ބުރުގައި ވޯޓު ދިން މީހުންނަށްވުރެ އިތުރު އަދަދެކެވެ.
މިއީ ޒައިނުލް އާބިދީން ބިން އަލީގެ ޒަމާންވީ ވެރިކަން ނިމުމަކަށް ގެނައި 2010-2011 ގެ އަރަބި ބަހާރުގެ އިންގިލާބަށްފަހު ތޫނިސްގައި މިނިވަންކަމާއެކު ރިޔާސީ އިންތިހާބެއްގެ ވޯޓުލުން ކުރިއަށް ގެންދިޔަ 2 ވަނަ ފަހަރެވެ.
ސާއިދަކީ ކާކު؟
ވެރިރަށް ތޫނިސްއާއި ދާދި ކައިރީގައި އޮންނަ އާރިއާނާ އަވަށަށް ނިސްބަތްވާ ސާއިދުގެ ކެރިއަރުގެ ގިނަ ދުވަސްތައް ހޭދަކުރައްވާފައިވަނީ ތޫނިސްގެ ޔުނިވާސިޓިއެއްގައި ގާނޫނީ އިލްމު އުނގަންނަވާދެއްވާ މުދައްރިސެއްގެ ގޮތުގައެވެ. އެއަށްފަހު ތޫނިސްގެ އާ ގާނޫނު އަސާސީ އެކުލަވާލުމަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ކުރަމުންދިޔަ މަސައްކަތްތަކަށް ފަންނީ އެއްބާރުލުން ދިން ކޮމިޓީގެ މެމްބަރުކަންވެސް ސާއިދުވަނީ ކުރައްވާފައެވެ.
އުމުރުފުޅުން 61 އަހަރުގެ ސާއިދަކީ ސިޔާސީ މައިދާނުގައި އަމަލީ ތަޖުރިބާ އެއްވެސް ވަރަކަށް ކުރައްވާފައި ނުވާ، ގާނޫނީ އިލްމުގެ ޕްރޮފެސަރެކެވެ. މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި މިފަހަރުގެ އިންތިހާބުގައި ވާދަކުރެއްވި ނަމަވެސް، އިނާހްދާ ޕާޓީގެ ތާއީދު ސާއިދަށް އޮތެވެ.
ސާއިދުގެ ސިޔާސީ ފިކުރު
ސާއިދުގެ ކެމްޕޭން ވައުދުފުޅުތަކަށް ބަލާއިރު، ކޮރަޕްޝަން ނައްތާލުމާ، ލާމަރުކަޒީ އުސޫލުތައް ތަންފީޒުކުރުން ހިމެނެއެވެ.
ހިޔާލު ހޯދުމުގެ ވޯޓުތަކަށް ބަލާއިރު އުމުރުން 18-25 އަހަރާއި ދެމެދުގެ ޒުވާނުންގެ މެދުގައި ސާއިދަކީ މަގުބޫލު ލީޑަރެކެވެ. ބެލެވޭ ގޮތުގައި މި އުމުރުފުރާގެ 90 ޕަސެންޓް ޒުވާނުން ވޯޓުލާފައިވަނީވެސް ސާއިދަށެވެ.
ސާއިދަކީ މަރުގެ ހުކުމް ތަންފީޒުކުރުމަށް ތާއީދުކުރައްވާ، އެއްޖިންސުން ގުޅުން ހިންގުން ފަދަ ލާދީނީ އަމަލުތަކަށް ފާޅުގައި ދެކޮޅު ހައްދަވާ ބޭފުޅެކެވެ. މީގެ އިތުރުން، މުދާ ބެހުމުގައި ދެ ޖިންސުގައި ހަމަހަމަކަން އޮންނަންޖެހޭ ކަމަށްވެސް ސާއިދު ގަބޫލެއް ނުކުރައްވައެވެ.
ތޫނިސްގެ ރިޔާސަތާ ސާއިދު ހަވާލުވެވަޑައިގަންނަވަން ޖެހިފައިވާ މި ދަނޑިވަޅަކީ އިންތިހާއަށް ނާޒުކު ފައްތަރެއްގައި ގައުމު އޮތް ދަނޑިވަޅެކެވެ. އެގޮތުން އިޖުތިމާއީ ހަމަޖެހުން ގެއްލިފައި އޮތުމާ، ހަތިޔާރުއެޅި ގުރޫޕުތަކުގެ ހަމަލާތައް އިތުރުވުމާ، އިގުތިސޯދު މަޑުޖެހެމުންދާ ދިއުމާއެކު، ތޫނިސްގެ ޑިމޮކްރަސީ ދަތުރު މިވަގުތު އޮތީ ނަމާން، ގަދަ ކަނޑެއްގެ މެދުގައެވެ.