ނިމިދިޔަ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރާއި ހިނގަމުން މިދާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ބަދަލުގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 7 ބިލިއަން ރުފިޔާ، އެކި ފަރާތްތަކަށް ދީފިއެވެ. ކުރީގެ ރައީސް ޔާމީނުގެ ސަރުކާރުގައި 4 ބިލިއަން ރުފިޔާ ދީފައި ވާއިރު ބާކީ ބަދަލު ދީފައި ވަނީ، އަދި ދެމުން ދަނީ މި ހިނގާ ސަރުކާރުންނެވެ.

ކުރީގެ ރައީސް ޔާމީނުގެ ސަރުކާރުން ބަދަލު ދިނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހާވާފައި އޮތް ހަޑިއެއްގެ ހިތި ފިލުވާށެވެ. އެއީ ކުއްޔަށް ދީފައި އަދި ފައިސާވެސް އެފަރާތަކަށް ދިވެހިން ދައްކަން ޖެހުނު ޖީއެމްއާރަށެވެ. ޖީއެމްއާރަށް ބަދަލުގެ ގޮތުގައި 4 ބިލިއަން ރުފިޔާ ދައްކާފައި ވެއެވެ. ދެން ބަދަލާ ހިފަމުން ދަނީ މިހާރުގެ ސަރުކާރުންނެވެ. އެއީ ނަޝީދުގެ ސަރުކާރުގައި އެއާޕޯޓުގައި ގާއިމު ކުރި ބޯޑާ ކޮންޓްރޯލް ސިސްޓަމް ހަރުކުރި ނެކްސްބިޒް އަށެވެ. އެކުންފުންޏަށް 280 މިލިއަން ދީފިއެވެ. ދެން އައީ ނަޝީދުގެ ވެރިކަމުގައި ފެރީ ނިޒާމުގެ ހިދުމަތް ދޭން އައި ދީބާޖާއެވެ. ނަޝީދާއި އަދި އެމްޑީޕީގެ ބައެއް ބޮޑުންނާ ގާތް ގުޅުމެއް އޮންނަ ބަޔަކު ތިބޭ އެ ކުންފުންޏަށް މި ސަރުކާރުގައި 348 މިލިއަން ރުފިޔާ ވަނީ ދީފައެވެ.

ސަރުކާރު ވެރިކަމާ ހަވާލުވެ ބަދަލުދިނުމުން އަރައި ނުގަނެ އުޅެނިކޮށް ކޯލިޝަން ޕާޓުނަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުނީގެ މަސްލަހަތު އޮތް ވޯލްޑްލިންކް ޓްރެވަލްއަށް 130 މިލިއަން ދޭން ޖެހިއްޖެއެވެ. އޭގެ ފަހަތުން އިމްޕޯޓު ޑިއުޓީއެއްގެ މައްސަލައިގައި ސީޖީޓީ ކިޔާ ކުންފުންޏަކަށް 22 މިލިއަން ދީފިއެވެ. އެއީވެސް އެމްޑީޕީ ބޮޑުންގެ އެކުވެރިންނެވެ. ސީޖީޓީގެ އެއްބަސްވުން ހެދީ ޔާމީނުގެ ވެރިކަމުގައެވެ. އޭގެ ފަހަތުން ބިގަށް 78 މިލިއަން ރުފިޔާއަކާއި، އެމްއާރުޑީސީ މައްސަލައެއްގައި 26 މިލިއަނެއް ދީ ހަލާސް ކޮށްފިއެވެ. އޭގެ ތެރެއިން ބިގުގެ އެގްރީމެންޓް ހެދީ ނަޝީދުގެ ވެރިކަމުގައެވެ. އެމްއާރުޑީސީ އެއްބަސްވުމަކީ ޔާމީނު ވެރިކަމުގައި ހެދި އެއްބަސްވުމެކެވެ.

ބަދަލުގެ ލިސްޓް ދިގުވެ އަދަދުތައްވެސް އުފުލި، ދިޔައީ ބޮޑުވަމުންނެވެ. އެގޮތުން ކޮރަލް ބްލޮވާޑް ހަދަން އުޅުނު ޗަންގް ހުވާ އަށް 465 މިލިއަނަކާއި، ނޫމަޑި ކިޔާ ކުންފުންޏަކަށް 848 މިލިއަނަކާއި ފިނޭންސް މިނިސްޓްރީގެ އާ އިމާރާތް ހަދަން ހަވާލުވި ޑަބްލިއުޒެޑްއާރު ކިޔާ ކުންފުންޏަކަށް 1080 މިލިއަނެއް ދޭން ޖެހުނެވެ. މީގެ ތެރެއިން ނޫމަޑި އެގްރީމަންޓަކީ ނަޝީދުގެ ވެރިކަމުގައި ހެދި އެގްރީމަންޓެކެވެ. އަދި ކޮރަލް ބްލޮވާޑާއި، ފިނޭންސް ބިލްޑިންގަކީ ރައީސް ޔާމީނުގެ ވެރިކަމުގައި ހަދާފައި ހުރި އެއްބަސްވުންތަކެވެ.

މި އެއްބަސްވުންތަކުގެ ތެރެއިން ކޮރަލް ބްލޮވާޑާއި، ޑަބްލިއުޒެޑުއާރަށް ފައިސާ ދޫކުރިކަން އަދި ފަޅައެއް ނާރައެވެ.

ބަދަލު ދިންކަން ފަޅާ ނާރާ ވާހަކަ މިބުނީ، މަތީގައި ބުނެފައިވާ ބަދަލުތަކަކީ، އާންމުކޮށް ހާމަކޮށްގެން ދެފުށް ފެންނަ ގޮތަށް އިއުލާނުކޮށްފައިވާ ބަދަލުތަކަކަށް ނުވާތީއެވެ. ހުރިހާ ބަދަލެއްވެސް ހުރީ ކޮންމެސް ހިސާބަކުން މީޑިއާއަށް ތިލަވީމައި ކޮންމެވެސް ވަރެއްގެ ތަފްސީލެއް ހާމަ ނުކޮށް ފަރު ނުޖެއްސިގެން ހާމަކޮށްފައި ހުރި ބަދަލެވެ.

ބަދަލުގެ ދަންމަޅިން ސަރުކާރަށް ސަލާމަތް ނުވެވި، ދައުލަތުގެ މައި ތިޖޫރީގެ ފޫ ކެހިގެން ދާ ހިސާބަށް ދިޔައިމައި، ބަދަލުގެ ކަންކަން ބަލާ ގާނޫނީ ލަފާ ހޯދަން ހިތައް އެރުމުން، ފާޑު ކިޔާ ފަރާތްތަކުން އެކަން ޖޯކަކަށް ހަދަމުން ބުނަނީ، ދޭން ބޭނުންވާ ބަދަލުތައް ދީ ނިމުނީމައި މަތި ޖަހަންވެގެން ގާނޫނީ ލަފާ ހޯދަނީ ކަމަށެވެ. އަދި އެކަމަކުން ދިވެހިންނަށް ކުރާނެ މަންފާއެއް ނެތް ކަމަށާއި އަދިވެސް ބަދަލުދޭން ޖެހޭ ލިސްޓުގައި އެތައް ބަޔަކު ކިޔު ހަދައިގެން އެބަ ތިބި ކަމަށެވެ.

"ތިޔަ ގާނޫނީ ލަފައެއް އޮތަސް ނެތަސް އަގު ޖެހުނީމައި ބަދަލުގެ ކަންކަން ނިންމާލާނެ" ސަރުކާރުން ބަދަލު ދެމުންދާ ގޮތާމެދު ހިތްހަމަ ނުޖެހުން ފާޅުކުރި ދިވެއްސަކު ބުންޏެވެ. އެހެން މީހަކު ބުނީ، އެގްރީމެންޓުގައި އޮންނަ އަދަދުގެ 100 ގުނަ އިތުރަށް ޖަހައިގެން ބަދަލު ހޯދަން ލީމައިވެސް ބަދަލު ދެނީ ކަމަށާ އެއީ ވަރަށް ހެއްވާ ކަމެއް ކަމަށެވެ.

"އަޅެ 5 މިލިއަން އޮންނަ އެގްރީމެންޓެއް، ބަދަލު ހޯދަން ލަނީ 150 މިލިއަން ޖަހާފައި، ދެން އެބުނާ ބޮޑު ކޮމެޓީއަކުން ކަލްކިއުލޭޓަރު ކޮށްލައިފައި ބުނަނީ، އުހުން 150 ނެތޭ ދެވޭކަށް، ދެވިދާނޭ 75" ހިތްހަމަ ނުޖެހިފައި ހުރެ އެމީހާ ބުންޏެވެ.

އޭނާ ކައިރީގައި 'ކަލްކިއުލޭޓަރު ކޮށްލައި ވާހަކަ' އަކީ ކޮބައިތޯ އެހީމައި ބުނީ އެއީ ބައި އަޅާ ވާހަކަ ކަމަށެވެ.

އަޅުގަނޑު އެހެނެއް ނުދަންނަވާނަމެވެ. އެހެނަސް ދަންނަވާ ހިތް އޮތީ، އެއް ސަރުކާރަކުން ހާވާފައި އޮންނަ ހަޑިއެއް ދެން އަންނަ ސަރުކާރަކުން ސާފުކުރަން އުޅުނަސް އެކަންކަން ކުރަންވަނީ ދެން ތިބި މީހުންގެވެސް ބޯ ހުންނަނީ މައްޗަށް ކަމާއި، ދެލޯ ހުރީ ސަލާމަތުންކަން ގަބޫލުކޮށްގެންނެވެ.