ސަހަރާއަށް ކުނިއަޅާ މަައްސަލަ ބަލަމުން ދާ ކަމަށާއި އެ ކަން ހުއްޓުވުމަށް އެންވާރަމަންޓް ޕޮލިހާ ގުޅިގެން މަސައްކަތްތައް ކުރައްވަމުން ގެންދަވާ ކަމަށް އެންވާރަމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

މައްޗަންގޮޅި ސަހަރާއަށް ކުނިއަޅަމުންދާ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވާ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް މިއަދު މަޖިލީހުގެ ޖަލްސާގައި ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މައްޗަންގޮޅި ސަހަރާއަށް ވެސް އަދި އެގޮތަށް ހުންނަ އެހެން ތަންތަނަށް ވެސް ކުނި އަޅަމުންދާކަން ފާހަގަކުރެއްވިފައިވާ ކަމަށެވެ. އަދި އެކަންކަން މިނިސްޓްރީގެ ސަމާލުކަމަށް އައިސްގެން އެކަން އެންވަޔަރަމަންޓް ޕޮލިސް މެދުވެރިކޮށް ވެސް ހުއްޓުވޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މާލޭގެ އާންމު ތަންތަނަށް ކުނި އަޅަމުންދާތީ އެ މައްސަލަ ހައްލުކުރުމަށް މަސައްކަތްތަކެއް ކުރައްވާނެކަމަށް ވެސް މިނިސްޓަރު ހުސައިން ރަޝީދު ވިދާޅުވިއެވެ. އަދި މާލެ ސަރަހައްދުގެ އެއާ ޕޮލިއުޝަން އެހެން ތަންތަނަށް ވުރެ ބޮޑު ކަމަށް ވެސް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

ސަހަރާ ތެރެއަށް ބާވެފައިވާ ބައިސްކަލުގަނޑެއް އެއްލާލާފައި / ފޮޓޯ: ހަސަން އަތޫފް | ދަ ޕްރެސް

މީގެ އިތުރުން، ކުނިމެނޭޖްކުރުމުގެ މައްސަލައަކީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށް ފާހަގަކުރައްވާ އެންވާރަމަންޓް މިނިސްޓަރު ވިދާޅުވީ، އަދި އެކަމުގެ ސަބަބުން ރާއްޖޭގެ ފަރުގެ ނިޒާމަށް ނޭދެވޭ އަސަރު ކުރަމުންދާ ކަމަށާއި، އެ މައްސަލަ ހައްލުކުރުމަށް ރޭވުންތައް ރާވާ އެކަންތަކަށް ފައިސާ ހޯދުމަށް ހުށަހަޅަމުންދާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ އެކަމަށް ބޭރުގެ ފައިސާ ހޯދުމަށް ކުރާ މަސައްކަތާއި ދައުލަތުގެ ބަޖެޓުން ފައިސާ ހޯދުމަށް ކުރާ މަސައްކަތް ވެސް އެބަހިމެނޭ ކަމަށެވެ. އަދި އެކަން އެގޮތަށް ނުހިނގާނެ ގޮތެއް މާލޭގައި ހަމަޖެއްސޭތޯ ސިޓީ ކައުންސިލާއި ކަމާބެހޭ އެހެން ފަރާތްތަކާ ވާހަކަ ދައްކައިގެން ކުރާނެ ކަމަށެވެ.

އިންޑަސްޓްރިއަލް ވިލޭޖް ސަރަހައްދަށް އަޅާފައިވާ ކުނި / ފޮޓޯ: ދަ ޕްރެސް

ކުނިމެނޭޖްކުރުމުގެ ވަރަށް ބޮޑު މަސްއޫލިއްޔަތެއް ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ގާނޫނުން މަތިކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން މިނިސްޓްރީގެ އަސާސަކީ މިކަމާއި ގުޅޭގޮތުން ރެގިއުލޭޓް ކުރުމާއި މިކަމަށް ބޭނުންވާ އިންވެސްޓްމަންޓް ހޯދައި ދިނުމަށް މަސައްކަތް ކުރެއްވުން ކަމަށެވެ.