އެޓާނީ ޖެނެރަލް އޮފީހުން މިނިވަން އޮޑިޓް ފާމެއް ހޯދަން ނިންމައިފިއެވެ.
އެޓާނީ ޖެނެރަލް އޮފީހުން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، ދިވެހި ސަރުކާރު ޝާމިލްވާ އެކި އެކި މައްސަލަތައް ކޯޓުން ބޭރުގައި ހައްލު ކުރުމަށްޓަކައި އެކުލަވާލާފައިވާ ކޮމިޓީއަށް ހުށަހެޅޭ މާލީ ލިޔެކިޔުންތައް އިވެލުއޭޓް ކުރާނެ މިނިވަން އޮޑިޓް ފާމެއް ހޯދަން ނިންމާފައިވާ ކަމަށެވެ.
މިނިވަން އޮޑިޓް ފާމެއް ހޯދަނީ، ކޯޓަށް ނުވަތަ އާބިޓްރޭޝަނަށް ހުށަހެޅިފައިވާ، ދިވެހި ސަރުކާރު ޝާމިލްވާ އެކި އެކި މައްސަލަތަކާއި، ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުމެއްގެ ދަށުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކި ފަރާތްތަކާ ހަވާލުކޮށްގެން ހިންގާފައިވާ އެކި މަޝްރޫއުތަކާއި އެ މަޝްރޫއުތަކާ ގުޅޭ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތަކުގެ ތެރެއިން، މާލީގޮތުން ދައުލަތުން ބޮޑު ބުރައެއް އުފުލަންޖެހުމުގެ ފުރުސަތު އޮތް މައްސަލަތައް ކޯޓުން ބޭރުގައި ހައްލު ކުރުމާ ގުޅޭގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާ ދިނުމަށް 27 ޖަނަވަރީ 2019 ގައި އެކުލަވާލާފައިވާ ކޮމިޓީއަށް ހުށަހެޅޭ މައްސަލަތަކުގައި، ގެއްލުމުގެ މިންވަރު ދެނެގަނެ ބަދަލުގެ ގޮތުގައި ލިބެންޖެހޭ މިންވަރު އެކަށައެޅުމަށްޓަކައި ކަމަށް އޭޖީން ބުނެއެވެ.
ސެޓްލްމަންޓް ކޮމިޓީގެ ބޭނުމަށް އައްޔަނުކުރެވޭ އޮޑިޓް ފާމްތަކުގެ މައިގަނޑު މަސައްކަތަކީ ކޮމިޓީގައި މަޝްވަރާކުރެވޭ މައްސަލަތަކުގައި ގެއްލުމުގެ ބަދަލާ ގުޅޭގޮތުން ހުށަހެޅޭ މާލީ ހިސާބުތަކާއި ލިޔެކިޔުންތައް މުސްތަގިއްލު ކަމާއެކު އިވޭލުއޭޓްކޮށް، އެ މައްސަލަތަކުގައި ލިބިފައިވާ ގެއްލުމުގެ މިންވަރު ދެނެގަނެ ބަދަލުގެ ގޮތުގައި ލިބެންޖެހޭ މިންވަރު އެކަށައެޅުމުގައި ކޮމިޓީއަށް ލަފާއެރުވުން ކަމަށް އެ ބަޔާނުގައި ވެއެވެ.
މީގެ އިތުރުން، ކޯޓުން ބޭރުގައި ހައްލުކުރެވޭ މައްސަލަތަކުގައި މިނިވަން އޮޑިޓް ފާމެއްގެ ލަފާ ހޯދުމުގެ މައިގަނޑު މަގްސަދަކީ އެކި އެކި ފަރާތްތަކަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދެވޭ މިންވަރަކީ އަދުލުވެރި މިންވަރެއްކަން ޔަގީންކޮށް، ސަރުކާރުގެ މަސްލަހަތު ފުރިހަމަ ގޮތުގައި ހިމާޔަތްކުރުން ކަމަށް އޭޖީން ބުނެއެވެ.
އޮޑިޓް ފާމް މަސައްކަތް ހަވާލުކުރުމަށް އޭޖީން ނިންމާފައިވަނީ ބީލަމުގެ އުސޫލުންނެވެ. އެހެންކަމުން މަސައްކަތުގެ ތަފްސީލު ހިމެނޭ ޓާމްސް އޮފް ރިފަރެންސް އާއި ބީލަމާ ގުޅޭ ލިޔެކިޔުންތައް އަވަސް ފުރުސަތެއްގައި ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރެވޭނެ ކަމަށް އޭޖީން ބުނެއެވެ.