މިޔަންމާގެ އިރުމަތީ ރާހީން ސްޓޭޓްގައި އެމީހުން ހައްޔަރުކޮށްފައި ތިބި ކޭމްޕު ދޫކޮށް، މައި ސިޓީ ޔަންގޯންއަށް އެތެރެވާން އުޅުނުކަމުގެ ކުށުގައި މިޔަންމާގެ ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެންދިޔަ ރޯހިންޏާ ދަރިކޮޅުގެ 30 އަކަށް މީހުންގެ ތެރޭގައި އުމުރުން އެންމެ 5 އަހަރުގެ ކުޑަ ކުއްޖަކުވެސް ހިމެނޭ ކަމަށް ޚަބަރު ލިބިއްޖެއެވެ.

ހިއުމަން ރައިޓްސް ވޮޗްއިން ބުނީ، "ފޭކު" އައިޑީ ކާޑު ގެންގުޅުނުކަމަށް ބުނެ، ރޯހިންޏާ ދަރިކޮޅުގެ 21 މީހެއްގެ މައްޗަށް 2 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާކަމަށާ، އެ މީހުންގެ މައްޗަށް ހުކުމް އިއްވީ ޝަރިއަތުގެ މަރުހަލާ އެއް ދުވަހުގެ ތެރޭގައި ނިންމާލުމަށް ފަހުގައި ކަމަށެވެ. އަދި ޝަރީއަތުގައި ގާނޫނީ ވަކީލެއްގެ އެހީ ހޯދުމުގެ ފުރުސަތުވެސް އެމީހުންނަށް ދީފައި ނުވާ ކަމަށްވެސް ހިއުމަން ރައިޓްސް ވޮޗްއިން ބުނެއެވެ.

ބާކީ ކުޑަކުދިން ކަމަށާ، އެއިގެ ތެރެއިން 8 ކުއްޖަކު ބަދަލު ކުރުމަށް ހަމަޖެހިފައިވަނީ ޔަންގޯންގެ "ޓްރެއިނިންގް ސްކޫލް"އަކަށް ކަމަށް ވާއިރު، އުމުރުން އެންމެ 5 އަހަރުގެ ކުއްޖާއަށް ހަދާނެ ގޮތަކާ މެދު، ކަމާ ބެހޭ ފަރާތްތަކުން އަދިވެސް ދަނީ ވިސްނަމުން ކަމަށް ޚަބަރު ލިބެއެވެ.

2012 ވަނަ އަހަރުން ފެށިގެން ރާހީން ސްޓޭޓްގައި ގިނަ ބަޔަކު ދިރިއުޅެމުންދަނީ އިންތިހާ ނިކަމެތި ހާލުގައި އޮތް ކޭމްޕުތަކެއްގައެވެ. އެ ސަރަހައްދުން ސަލާމަތްވެ، ރާހީން ސްޓޭޓްއިން ނިކުތުމަށް މަސައްކަތް ކުރަން އުޅުމުގެ ތެރޭގައި ގިނަ ބަޔަކު ވަނީ މިޔަންމާގެ ކަމާބެހޭ ފަރާތްތަކުން ހައްޔަރުވެސް ކޮށްފައެވެ. މިޔަންމާއިން ބުނާ ގޮތުގައި ރާހީން ސްޓޭޓްގައި ދިރިއުޅެމުންދާ ރޯހިންޏާ ދަރިކޮޅުގެ މުސްލިމުންނަކީ މިޔަންމާއަށް ނިސްބަތްވާ ބައެއް ނޫނެވެ. އެއީ ބަންގާޅުން ކަމަށް މިޔަންމާއިން ބުނާއިރު، އެއީ އެގައުމަށް ނިސްބަތްވާ ބައެއް ކަމަށް ބަންގްލަދޭޝްއިންވެސް ދަނީ ބުނަމުންނެވެ. ރޯހިންޏާ މުސްލިމުންނާ ދެކޮޅަށް މިޔަންމާގެ އަސްކަރިއްޔާއިނއ 2017 ވަނަ އަހަރުގެ ފަހުކޮޅު ހިންގި ގަތުލު އާންމުން ސަލާމަތްވުމަށް އެތައް ސަތޭކަ ހާސް ބަޔަކު ބަންގްލަދޭޝްއަށް ދަތުރުކުރިއިރު ބަންގްލަދޭޝްގައިވެސް އެމީހުން ދިރިއުޅެމުންދަނީ ރެފިއުޖީންގެ ގޮތުގައި ނިކަމެތި ހާލެއްގައެވެ.