މި ހިނގާ 2019 ވަނަ އަހަރުގެ ނޮބެލް ސުލްހައިގެ އިނާމުގެ ހައްގުވެރިއަކީ އިތިއޮޕިއާގެ ބޮޑުވަޒީރު އަބީ އަހުމަދުކަން އިއުލާންކޮށްފިއެވެ.

އަބީ އަހުމަދަށް ނޮބެލް ސުލްހައިގެ އިނާމު އަރުވާފައިވަނީ ސުލްހަ ހާސިލުކުރެއްވުމަށާ ބައިނަލްއަގުވާމީ ގުޅުންތައް ބަދަހިކުރެއްވުމަށް އޭނާ ކުރައްވާ މަސައްކަތްޕުޅުތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުންނެވެ.

ސަރަހައްދީ އިމުގައި 1998 -2000 އަށް ކުރި ހަނގުރާޟައަށް ފަހު، 20 އަހަރުވީ އަސްކަރީ ނުތަނަވަސްކަމެއްގައި އޮތް އިތިއޮޕިއާއާއި އެރިޓްރިއާއާއި ދެމެދު ސުލްހަ ގާއިމުކުރީ ނިމިދިޔަ 2018 ވަނަ އަހަރުގެ ތެރޭގައެވެ.

100 ވަނަ ނޮބެލް ސުލްހައިގެ އިނާމުގެ ހައްގުވެރިއަކީ އަބީ އަހުމަދުކަން އިއުލާންކޮށްފައިވަނީ މިއަދު، އޮސްލޯގައެވެ. ގާތްގަނޑަކަށް 900000 ޑޮލަރުގެ އަގުހުރި މި ޝަރަފުގެ އިނާމު އަބީ އަހުމަދަށް ރަސްމީކޮށް އަރުވާނީ މިއަހަރުގެ ޑިސެމްބަރު މަހު އޮސްލޯގައި ކުރިއަށްދާ ހާއްސަ އިހުތިފާލެއްގައެވެ.

މިއަހަރުގެ ނޮބެލް ސުލްހައިގެ އިނާމަށް 300 އަށްވުރެ ގިނަ ކެންޑިޑޭޓުން ވާދަކޮށްފައިވާއިރު އޭގެ ތެރޭގައި 223 ވަކި ފަރުދުން ހިމެނޭކަމަށް ޚަބަރު ލިބެއެވެ. ނަމަވެސް ނޮބެލް އިނާމުގެ ގަވައިދުތައް ބުނާ ގޮތުން، ޝޯޓްލިސްޓްކުރެވޭ މީހުންގެ ނަންތައް 50 އަހަރު ދުވަހުގެ މުއްދަތެއްގެ ތެރޭގައި އާންމު ކުރުމަކީ މަނާކަމެކެވެ.

އަދާ ހަމައަށް އައިއިރު، ގިނަ ބަޔަކު ބަހުސްކުރަމުންދިޔަ އެއް ކެންޑިޑޭޓަކީ މޫސުމީ ނޭދެވޭ ބަދަލުތަކަށް ދުނިޔޭގެ ލީޑަރުން ހޭލައްވާލުމުގެ އެޖެންޑާއެއްގައި އަޑުފުލަމުންދިޔަ ގްރެޓާ ތުންބާގްއެވެ.

އަބީ އަހުމަދަކީ ކާކު؟

އިތިއޮޕިއާގެ ބޮޑުވަޒީރު ކަމުގެ މަގާމާ އަބީ އަހުމަދު ހަވާލުވެވަޑައިގަތީ 2018 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ. އެހާ ހިސާބުންވެސް އިސްލާހީ ބޮޑެތި ބަދަލުތަކެއް އެގައުމަށް ގެންނަވަން ފެއްޓެވިއެވެ. ޚުދުމުޚުތާރު ލީޑަރެއްގެ މުށު ތެރޭގައި އޮތް ގައުމަށް މިނިވަންކަމުގެ ނޭވާ، މަޑުމަޑުން ލެވެމުންދިޔައެވެ.

އަބީ އަހުމަދު ވަނީ ޖަލުގައި ތިބި އެތައް ހާސް އެކްޓިވިސްޓުންނެއް މިނިވަންކުރައްވާފައެވެ. ގައުމު ދޫކޮށް ގޮސްތިބި އެތައް ބަޔަކަށް އެނބުރި ގައުމަށް ވަނުމުގެ ފުރުސަތު ދެއްވިއެވެ. ނަމަވެސް އިތިއޮޕިއާގައި އޮތް ނަސްލީ ކޯޅުންތަކަށް އަދިވެސް ފުރިހަމަ ސުލްހައެއް އޮތީ ނުލިބިފައެވެ.