މާވޭލް ސްޓޫޑިއޯޒްގެ ފިލްމުތަކަކީ ހޮލީވުޑް އުދަރެހުގެ ވިދުން ފަނޑުކޮށް ހަލާކުކުރަމުންދާ އަސްލުކަމަށް، މަޝްހޫރޫ ޓީވީ ސީރީޒް ފްރެންޑްސްއިން ގިނަ ބައެއްގެ ހިތްތައް ފަތަހަކުރި ބަތޮލާ ޖެނިފާ އެނިސްޓަން ބުނެފިއެވެ.

ކުރިއަށް އޮތް ސީރީޒް "ދަ މޯނިންގް ޝޯ"ގެ ޕްރޮމޯޝަނަލް އިންޓަވިއުއެއްގައި އެމެރިކާގެ "ދަ ވެރައިޓީ"އާއި ވާހަކަ ދައްކަމުން ޖެނީފާ އެނިސްޓަން ބުނީ އެއް ޒަމާނެއްގައި ހޮލީވުޑްއިން ފެނިގެންދިޔަ ލޯބީގެ ފިލްމުތައް ވީހާވެސް ގިނައެއްކޮށް ފެނުމަށް އަދިވެސް އެދޭ ކަމަށެވެ.

މިމޭރުމުން ވާހަކަދައްކަމުން ޖެނީފާ އެނިސްޓަން ބުނީ މިފަހަކަށް އައިސް ހޮލީވުޑްގެ ފިލްމުތަކަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަމަށާ، މާވެލް ސްޓޫޑިއޯޒްގެ ފިލްމުތައް ފަދަ 'ގްރީން ސްކްރީން' ފިލްމުތަކާއެކު ހޮލީވުޑްގެ ހަގީގީ އުފެއްދުންތެރިކަން އިންތިހާއަށް ދަށަށް ގޮސްފައިވާ ކަމަށެވެ.

ޖެނީފާ އެނިސްޓަން މިފަދަ މޭރުމަކުން ވާހަކަ ދައްކާފައި މިވަނީ، ގިނަ ބައެއްގެ ލޯބި ލިބިފައިވާ ކުޅަދާނަ ފިލްމް ޕްރޮޑިއުސާ މާޓިން ސްކޯސީޒީވެސް މާވެލްގެ ފިލްމުތަކަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކޮށްފައިވާ ދަނޑިވަޅެއްގައެވެ. އެއީ ސިނަމާތަކަށް ހައްގު މަސައްކަތްތަކެއް ނޫންކަމަށާ، އެ ފިލްމުތައް ހައްގުވަނީ ތީމް ޕާކަކަށް ކަމަށް ބުނެ ސްކޯސީޒީ ވަނީ މާވެލް ސްޓޫޑިއޯޒްގެ އުފެއްދުންތަކަށް ފާޑުކިޔާފައެވެ.