އާއިލީ، އިޖުތިމާއީ އަދި ގައުމީ ފެންވަރުގައި އަންހެން ކުދިންނަށް ލިބިފައިވާ ހަމަހަމަ ހައްގުތަކާއި، އަޑާއި، ބާރާއި ނުފޫޒު އެގޮތުގައި ދަމަހައްޓަންޖެހޭ ކަމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ ފެންވަރުގައި މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ އަންހެން ކުދިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހާއްސަ ބަޔާނެއްގައި ގުޓެރޭޒް ވިދާޅުވީ، އަންހެން ކުދިންނަކީ ހެޔޮ ބަދަލުގެ އޭޖެންޓުންނަށް ވުމުގެ ގާބިލިއްޔަތުކަން ހުރި ބައެއް ކަމަށާ، ދިރިއުޅުމުގެ މައިދާނުގައި ކުރިއަރާ ދިއުމާ، ދިރިއުޅުމުގެ އެކި ކަންކަންމުގައި ބައިވެރިވުމަށް އެކުދިންށް ހުރަސްތަކެއް ކުރިމަތިކުރެވިގެން ނުވާނެ ކަމަށެވެ.
ދުނިޔޭގެ އަދުގެ އާބާދީއަށް ބަލާއިރު އުމުރުން 18 އަހަރުން ދަށުގެ ބިލިއަނެއްހާ އަންހެން ކުދިން ތިބިއިރު، މި ކުދިންނަކީ ކޮންމެ ދުވަހަކުވެސް އެކި ކަހަލަ ގޮންޖެހުންތައް ގިރާކުރަމުންދާ ކުދިބައެއްކަން އދގެ ސެކްރެޓަރީ ޖެނެރަލް ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން އަންހެން ކުއްޖަކަށް ވީތީ ބައެއް މުޖުތަމައުތަކުން ކުރިމަތިކުރަމުންދާ ހުރަސްތަކާ، ޅައުމުރުގައި ކައިވެނި ކުރުވުމަށް މަޖުބޫރުކުރުވުމާ، ތައުލީމު ފޯރުކޮށްދޮނުމުގައި ހުރި ފަރަގުތަކާ، ހަނގުރާމައިގެ ޖަރީމާތަކާ، މޫސުމީ ނޭދެވޭ ބަދަލުތަކަކީ މި ކުދިން ކުރިމަތިލާ، ގިރާކުރަމުންދާ ހުރަސްތަކާ ގޮންޖެހުންތަކެއްކަން ގުޓެރޭޒްގެ ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ.
ދުނިޔޭގެ އަންހެން ކުދިންގެ ދުވަހުގެ މިއަހަރުގެ ޝިއާރެއް ކަމުގައި ކަނޑައަޅާފައިވާ "ގާލްފޯސް: އަންސްކްރިޕްޓަޑް އެންޑް އަންސްޓޮޕަބަލް" މި ޝިއާރެވެ. އެގޮތުން އަދުގެ ޖީލުގެ އަންހެން ކުދިންނަކީ ކުރީގެ ބަޔަކު "ލިޔެފައިވާ" ގަބޫލުކުރުންތަކެއްގައި ގައިދުވެފައި ތިބޭނެ ބައެއް ނޫންކަމަށާ އެކުދިންނަކީ ދިރިއުޅުމައިގެން ކުރިއަށްދާ ރޭހުގައި ހުއްޓުވޭނެ ބައެއް ނޫންކަމަށްވެސް ގުޓެރޭޒް ވަނީ ވިދާޅުވެފައެވެ.
މިކަން އެންމެ ފުރިހަމަ ގޮތުގައި ހާސިލުކުރުމަށް 21 ވަނަ ގަރުނުގެ އުކުޅާ ހުނަރުތައް ބޭނުންކޮށްގެން އަންހެންކުދިންގެ ސިއްހީ ދުޅަހެޔޮކަމަށްޓަކައި މިހާރަށްވުރެ ގިނަ މަސައްކަތްތަކެއްކޮށް އިންވެސްޓްމަންޓްތަކެއް ކުރަންޖެހިފައިވާކަން އދގެ ސެކްރެޓަރީ ޖެނެރަލް ވަނީ ފާހަގަކުރައްވާފައެވެ.
ސަނާވީ ތައުލީމުން ފުރިހަމަ ކުރާ ކޮންމެ އަހަރަކީ އެކުއްޖެއްގެ އާމްދަނީ 25 ޕަސެންޓް އިތުރު ކުރުމަށް ލިބިގެންދާ ފުރުސަތެއްކަން ފާހަގަކުރައްވާ ގުޓެރޭޒް އިތުރަށް ވިދާޅުވީ، ހުރިހާ އަންހެން ކުދިންނާ ފިރިހެން ކުދިންވެސް ސާނަވީ ތައުލީމު ފުރިހަމަކޮށްފިނަމަ 420 މިލިއަން މީހުން އިންތިހާ ފަގީރުކަމުން ސަލާމަތްކުރެވިގެންދާނެކަމަށެވެ. އަދި މިފައިދާތައް އެކި ޖީލުތަކަށް ފޯރާނެކަންވެސް ގުޓެރޭޒް ވަނީ ފާހަގަކުރައްވާފައެވެ.
ބައިނަލްއަގުވާމީ ފެންވަރުގައި އަންހެންކުދިންނަށް ހާއްސަ ދުވަހެއް ފާހަގަކުރުމުގެ މައިގަނޑު މަގުސަދަކީ، އަންހެން ކުދިންނަށް ކުރިމަތިލާންޖެހިފައިވާ ގޮންޖެހުންތަކާ އެކުދިންގެ ބޭނުންތައް ދުނިޔޭގެ ސަމާލުކަމަށް ގެނެސް، އެކުދިން ބާރުވެރިކުރުވާ، އެކުދިންނަށް ލިބިގެންވާ އިންސާނީ ހައްގުތައް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދޭނެ މަގު ތަނަވަސްކުރުމެވެ. 2012 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަސް ފާހަގަކުރަނީ، ބައިނަލްއަގުވާމީ އަންހެން ކުދިންގެ ދުވަހުގެ ގޮތުގައެވެ. މި ދުވަސް ފާހަގަކުރުމަށް ދިވެހިރާއްޖޭގައިވެސް ދަނީ ތަފާތު ހަރަކާތްތަކެއް ހިންގަމުންނެވެ.