ނަފްސާނީ ބަލިތަކަށް އަޅާނުލައި ދޫކޮށްލެވިފައި އޮންނަތާ އެތައް އަހަރެއް ވެއްޖެކަމަށާ، ނަމަވެސް މިއީ އެންމެންގެ ކަންބޮޑުވުންތަކާ ގުޅި، މިހާރުން މިހާރަށް އެކަމަށް ރިއާޔަތްކުރަންޖެހިފައިވާ ކަމެއް ކަމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ވިދާޅުވެއްޖެއެވެ.

ނަފްސާނީ ބަލިތަކަށް މީހުން ހޭލުންތެރިކޮށް، އެކަމާ މެދު މުޖުތަމައުގައި އޮންނަ ނޭދެވޭ ވިސްނުމާ ފިކުރު ބަދަލުކުރުމަށް ހާއްސަކޮށްގެން ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަ ކުރާ ނަފްސާނީ ސިއްހަތުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ވިޑީއޯ މެސެޖުގައި ގުޓެރޭޒް ވިދާޅުވީ، ނަފްސާނީ ބަލިތަކުގެ ފަރުވާއާއި ގުޅިފައިވާ ހިދުމަތްތަކުގައި މިހާރަށްވުރެ ވަރުގަދަ އިންވެސްޓްމަންޓްތަކެއް ކުރަންޖެހިފައިވާކަމަށެވެ.

ނަފްސާނީ ބަލީގެ ޝިކާރައަކަށްވެފައިވާ މީހުން ފަރުވާ ނުހޯދާ ފަސްޖެހޭ އެންމެ ބޮޑު އެއް ސަބަބަކީ، ނަފްސާނީ ބަލީގެ މީހުންނާ މެދު މުޖުތަމައުގައި ހުންނަ ހަގީގަތެއް ނެތް ބޯދާ ގަބޫލުކުރުންތައް ކަމަށްވާއިރު އެފަދަ ނޭދެވޭ ފިކުރުތަކަށް ފުރުސަތު ދެވިގެން ނުވާނެ ކަމަށް ގުޓެރޭޒް ވަނީ ގޮވާލައްވާފައެވެ.

ނަފްސަނީ ސިއްހަތާ ނުލާ އިންސާނާގެ ސިއްހަތުވެސް ނުއޮންނާނެ ކަމަށް ގުޓެރޭޒްވަނީ ވިދާޅުވެފައެވެ.

އައިޖީއެމްއެޗްގެ މެންޓަލް ސެންޓާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހުޅުވައިދެއްވަނީ / ފޮޓޯ: ރައީސް އޮފީސް

ނަފްސާނީ ބަލިތަކަށް މީހުން ހޭލުންތެރިކުރުވުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ހިންގަމުންދާ ހަރަކާތްތަކުގެ މިއަހަރު މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ނަފްސާނީ ބަލީގެ ޝިކާރައަކަށްވެ، އަމިއްލައަށް މަރުވާ މީހުންގެ އަދަދު މަދުކުރުމުގެ މައްޗަށެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)ގެ ތަފާސް ހިސާބުތަކަށް ބަލާއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮންމެ 40 ސިކުންތަކުން 1 އަމިއްލައަށް މަރުވެއެވެ. އުމުރުން 15 އަހަރާއި 29 އަހަރާއ ދެމެދު ޒުވާނުން މަރުވާ ސަބަބުތަކަށް ބަލާއިރު، އަމިއްލައަށް މަރުވުމަކީ 2 ވަނައަށް އެންމެ ގިނަ ބަޔަކު މި ދުނިޔެއާއި ވަކިވެގެންދާ ސަބަބުކަމަށްވެސް ޑަބްލިއު.އެޗް.އޯއިން ފާހަގަކުރެއެވެ.

އަދާ ހަމައަށް ބަލާއިރު، އަމިއްލައަށް މަރުވާ މީހުންގެ އަދަދު މަދުކުރުމަށް ގައުމީ ފެންވަރުގައި މަޝްރޫއުތަކެއް ހިންގަނީ މަދު ގައުމަކުންނެވެ. އަމިއްލަ މަރުވާ މީހުންގެ ނިސްބަތް މަދުކުރުމަށް ގައުމީ ފެންވަރުގައި އިސްތިރާޖު (ސްޓްރެޓެޖީ)ތަކެއް އެކުލަވާލާ، ތަންފީޒު ކުރަމުންދަނީ އެންމެ 38 ގައުމުންކަމަށް ޑަބްލިއު.އެޗް.އޯގެ ރެކޯޑްތަކުން ދައްކައެވެ.

ގައުމީ ފެންވަރުގައި ރަސްމީ އިސްތިރާޖުތަކެއް ތަންފީޒުކުރަމުން ނުދިޔަ ކަމުގައި ވީ ނަމަވެސް، ފަރުދީ ޒިންމާގެ ދަށުން މުޖުތަމައުން އަދާކުރެވިދާނެ ކަންތައްތަކެއްވެސް ޑަބްލިއު.އެޗް.އޯއިންވަނީ ފާހަގަކޮށްފައެވެ.

  • އަމިއްލަ މަރުވެވޭނެ މަގުތައް ވީހާވެސް ހަނިކޮށް، ދަތިކުރުން
  • އަމިއްލައަށް މަރުވާ މީހުންގެ ވާހަކަތައް މީޑިއާއިން ގެނެސްދިނުމުގައި ޒިންމާދާރުވުން
  • ސްކޫލް ދައުރުގައި މިކަމަށް އަޅާލާ، ހޭލުންތެރިކުރުވުން
  • ނަފްސާނީ ބަލި ހުންނަ މީހުންގެ ތެރެއިން އަމިއްލައަށް މަރުވުމުގެ ފިކުރު ހުންނަ މީހުން ދުރާލާ ދެނެގަނެ އެކަމަށް ފަރުވާކުރަން ފެށުން
  • އަމިއްލަ މަރުވުމުގެ ފިކުރު ގެންގުޅޭ މީހުންނަށް އޯގާތެރިކަމާއެކު އަޅާލާނެ އުސޫލުތަކާ ހަމަތައް ފަރުދީ ހައިސިއްޔަތުން ދަސްކުރުން
  • އަމިއްލައަށް މަރުވާން މަސައްކަތްކޮށްފައިވާ މީހުންގެ ހާލު ބަލާ، އެފަދަ ފަރާތްތަކަށް މުޖުތަމައުން ފޯރުކޮށްދެވެން ހުރީ ކޮންކޮން އެހީތެރިކަމެއް ތޯ ބަލާ، އެކަމެއް ފަހިކޮށްދިނުން ފަދަ ކަންކަން ހިމެނެއެވެ.

އަމިއްލައަށް މަރުވާ މީހުންގެ ނިސްބަތް 10 ޕަސެންޓް ދަށްކުރުމަކީ 2020 ވަނަ އަހަރަށް އދއިން ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްގީގެ އަމާޒެކެވެ.

ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުމަށް މި ރާއްޖޭގައިވެސް ދަނީ ތަފާތު އެކި މަޝްރޫއުތައް ހިންގަމުންނެވެ. އެގޮތުން ނަފްސާނީ ބަލިތަކުގެ ޑޮކްޓަރުންނަށް އާސަންދައިގެ ދަށުން ހިދުމަތްދޭ ތަންތަންހުރިއިރު، ނަފްސާނީ ބަލީގެ އިތުރު ފަރުވާގެ ގޮތުގައި ބޭނުންވާ ތެރަޕީއާއި ކައުންސިލިންގްގެ ހިދުމަތްތައްވެސް ދަނީ ދެމުންނެވެ.