ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދެއްކެވީ ދެއުޅިއެއް ނުވާ ވާހަކަފުޅެއް ކަމަށް ތިނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ އަހުމަދު (އަބުޅޯ) ވިދާޅުވެއްޖެއެވެ.
ރޭ އިސްކަންދަރު ސްކޫލުގައި އޮތް ރަސްމިއްޔާތެއްގައި ނަޝީދު ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުން އަބުޅޯ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިސްރާބު އެހެން ރާއްޖެއަކަށް ބަދަލުކުރަން އުޅުނަސް، ރައްޔިތުންގެ މިސްރާބު ބަދަލު ނުވާނެ ކަމަށެވެ. އަދި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅަކީ ކޮންފަދަ ދެއުޅިއެއް ނުވާ ވާހަކަފުޅެއްތޯ އައްސަވާ ސުވާލު އުފައްދަވާފައިވެއެވެ. މީގެ އިތުރުން ދީނުގެ ދިފާއުގައި ނުކުންނަވާނެ ކަމަށާއި މަޑުން ނުތިއްބަވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މޯލްޑިވިއަން ޑިމޮކްރެސީ ނެޓުވޯކް (އެމްޑީއެން) އިން 2016 ވަނަ އަހަރު ނެރެފައިވާ "ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓްގެ މަގުސަދަކީ އިސްލާމް ދީނާމެދު ނަފްރަތު އުފައްދައި ދީން ބަލިކަށި ކުރުން ކަމުގައި ގަބޫލު ނުކުރައްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ރޭގެ އެ ރަސްމިއްޔާތުގައެވެ. އެމްޑީއެންގެ ރިޕޯޓުގައި ބޭނުންކޮށްފައި ހުރި ބަސްތައް ގޯސް ކަމަށް ވިދާޅުވި ނަމަވެސް އެއީ އިނގިރޭސިބަހުން އެއްޗެއް ލިޔަން އުޅެނިކޮށް "ވެފައިހުރި ގޮތެއް" ކަމަށް ރައީސް ނަޝީދުގެ ވާހަކަފުޅުގައި ފާހަގަ ކުރައްވައިފައި ވެއެވެ.
އެމްޑީއެން އިން ނެރުނު ރިޕޯޓުގައި އިސްލާމް ދީނަށް ފުރައްސާރަކޮށް ވާހަކަތަކެއް ލިޔުނު މައްސަލައިގައި މިދިޔަ ހޯމަ ދުވަހު މަޖިލިހަށް ވަނީ ކުއްލި މައްސަލައެއް ހުށަހަޅާފައެވެ. އެ މައްސަލައާ ގުޅިގެން މަޖިލިހުގެ ގިނަ މެންބަރުން ވަނީ އެމްޑީއެން ކުށްވެރިކޮށްފައެވެ. އަދި ހަމައެއާއެކު އެމްޑީއެން އުވާލަންވެސް އެމެންބަރުން ވަނީ ގޮވާލައްވައިފައެވެ. 2016 ވަނަ އަހަރު އެމްޑީއެން އިން ނެރެފައިވާ ރިޕޯޓުގައި ކީރިތި ގުރުއާނުގެ ސަބަބުން ގެވެށި އަނިޔާއަށް މަގުފަހިވާ ކަމަށާއި އިސްލާމީ ހުދޫދަކީ އަނިޔާއެއްގެ ގޮތުގައި ސިފަ ކޮށްފައި ވެއެވެ. އަދި އިސްރާ އާއި މިޢުރާޖަކީ ސައިންޓިފިކް ގޮތުން ސާބިތު ކުރެވޭ ކަމެއް ނޫން ކަމަށްބުނެ އެ ރިޕޯޓުގައި ސުވާލު އުފައްދާފައި ވެއެވެ.
މިކަމާ ގުޅިގެން ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި، އެ ޖަމްއިއްޔާ އުވާލުމަށް ގޮވާލަމުންނެވެ. އިންސާނީ ހައްގުތަކާއި އިންސާނީ ކަރާމާތާއި އަދި ކުރިއަރަމުން އަންނަ ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓާ ހިފެހެއްޓުމަށް ކަމަށް ބުނެ އުފެއްދި އެމްޑީއެންއަކީ މީގެކުރިންވެސް އެތައް ބައެއްގެ ފާޑު ކިއުންތައް އަމާޒުވެފައިވާ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާއަކީ ރާއްޖޭގައި އިސްލާމްދީން ނައްތާލަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށް ބުނެވެސް މީގެކުރިން ބައެއް ފަރާތްތަކުން ވަނީ އަޑު އުފުލާފައެވެ.