150 ކިލޯގެ މަސްތުވާތަކެއްޗާއެކު ދަތުރު ކުރި ބޯޓެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިފިއެވެ. އިންޑިއާގެ ހިންދުސްތާން ޓައިމްސްގައި ބުނެފައިވާ ގޮތުން ބޯޓު އަތުލީ އިންޑިއާއާއި ސްރީލަންކާއާއި ރާއްޖެ ގުޅިގެން ހިންގި އޮޕްރޭޝަނެއްގައެވެ.
މި އޮޕަރޭޝަނާ ގުޅޭ އެއްވެސް މައުލޫމާތެއް ރާއްޖޭގެ ކަމާ ބެހޭ އިދާރާތަކުން ހާމަ ކޮށްފައެއް ނުވެއެވެ. ފުލުހުން ބުނީ އޮޕްރޭޝަނެއް ކުރިއަށް ދާ ކަމަށާ، ފަހުން މައުލޫމާތު ހިއްސާ ކޮށްދެނެ ކަމަށެވެ.
ހިންދުސްތާން ޓައިމްސްގައި ބުނެފައި ވާގޮތުން މަސްތުވާތަކެތި ބަރާ ކޮށްގެން ދަތުރު ކުރަމުން ދިޔަ ބޯޓުގެ މައުލޫމާލު ލިބިފައިވަނީ ހުސްވި ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު އެވެ. އިންޑިއާއިން ތުހުމަތު ކޮށްފައި ވަނީ މި ބޯޓަކީ ޕާކިސްތާނުން ފުރައިގެން ދަތުރު ކުރަމުން ދިޔަ ބޯޓެއް ކަމަށެވެ. އަދި ބޯޓުގެ މަންޒިލަކީ ކޮބައިކަން ނޭނގުނަސް ބޯޓަށް އިރުޝާދު ލިބެމުން ދިޔައީ ޕާކީސްތާނުން ކަމަށްވެސް އޮފިޝަލުންނާ ހަވާލާދީ އެ ނޫހުގައި ބުނެފައިވެއެވެ.
އެނޫހުން އިތުރަށް ބުނެފައިވަނީ މިހާ ގިނަ އަދަދެއްގެ މަސްތުވާތަކެތި 3 މަސްދުވަހުގެ ތެރޭގައި އަތުލައިގަނެވުނުތާ މިއީ 5 ވަނަ ފަހަރު ކަމަށެވެ. އެނޫހުން ބުނެފައި ވާގޮތުން ބޯޓު ހިފެހެއްޓީ ރާއްޖޭގެ ސަލާމަތީ ބާރުތަކާ ރާއްޖޭގެ ފުލުހުންނެވެ. އަދި މިހާރު ތަހުގީގު ކުރިއަށް ދާކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
ސަރަހައްދުގެ ބައެއް ގައުމުތަކާއި މެދުއިރުމަތީގެ ބައެއް ގައުމުތަކުން މަސްތުވާތަކެތި ބަރާކޮށްގެން ރާއްޖެ ވަންނަ ބޯޓުފަހަރު މީގެ ކުރިންވެސް އަތުލާފައި އެބަހުއްޓެވެ.