ވޭޕްކުރުމުގެ ސަބަބުން ފުއްޕާމެޔަށް ނުރައްކާތެރި ބައްޔެއް ޖެހި، އެ ބަލީގައި ގިނަ ބަޔަކު މަރުވަމުންދާ ޚަބަރާއެކު ކަންބޮޑުވެފައި ތިބި މައިންބަފައިންނާއި ބެލެނިވެރިންތަކެއް ތިބޭނެއެވެ.
ވޭޕް ކުރުން ނުވަތަ ކަށިގަނޑު ބުއިމަކީ މިއަދު މި ދިވެހިރާއްޖޭގައިވެސް އާންމުވެފައިވާ ވަބާއެކެވެ. ޒުވާނުންގެ އިތުރުން ސްކޫލަށްދާ ފުރާވަރު އުމުރުގެ ކުދިންގެ މެދުގައިވެސް މި އާދަ އޮތީ ވަކި ހިއްޕާލާފައެވެ. ބައެއް ކުދިންނަށް މި ފުރުސަތު ފަހިކޮށްދެނީ ބެލެނިވެރިންކަން ދޭހަވާ ފަހަރުވެސް އާދެއެވެ. އެހެނީ، ރެސްޓޯރަންޓްތަކާ ކެފޭތަކުން ފެންނަ ބައެއް މަންޒަރުތަކަށް ބަލާއިރު އުމުރުން އަދި 18 އަހަރުވެސް ނުފުރޭ ސްކޫލް ދަރިވަރުންގެ ތުނބުގައިވެސް އެންމެ އަގުބޮޑު އީ-ސިނގިރޭޓެއް ޖަހާފައި ހުއްނަތަން ފެނެއެވެ. ނިކޮޓިން އެޑިކްޝަނެއްގެ ތެރެއަށް ދަރިފުޅު އެއްލާލަނީ ފަހަރުގައި ނޭނގިގެންކަމަށްވެސް ވެދާނެއެވެ.
އަނެއްބައި ކުދިންނަކީ މައިންބަފައިންނާ ބެލެނިވެރިޔާއަށް ސިއްރުން މި މަސްތުގައިޖެހިފައިވާ ކުދިންނެވެ.
އެނގިގެން ވިއަސް، ނޭނގިވިއަސް ވޭޕްކުރުމުގެ ޒަރިއްޔާއިން ހަށިގަނޑަށް ދައުރުވެގެންދާ ވިހާގައި ތަފާތެއް ނެތެވެ. އެ ޅަ ފުއްމޭ ހަލާކުގެ ތެރެއަށް އެއް ހުށަހެޅެނީ ހާދަހާވާ ޅައުމުރެއްގައެވެ. ވޭޕްކުރުމުގެ ސަބަބުން ހަށިގަނޑަށް ނިކޮޓީން އެތެރެވެއެވެ. އަދި ބައެއް ކަހަލަ ފްލޭވާތަކުގެ ޒަރިއްޔާއިން ޓެޓްރާހައިޑްރޯކޭނަބިނޯޅް (ޓީއެޗްސީ)ވެސް އެތެރެވެއެވެ. މިއީ އެ މަސްތެއްގައި ގިނަ އަދަދެއްގެ ޒުވާނުން ޖެހިފައިވާ މެރުއާނާގައިވެސް އެކުލެވޭ، ނަފްސާނީ ހައިސިއްޔަތާ ކުޅެލާ ވަރުގަދަ މާއްދާއެކެވެ. އެހެންކަމުން، ވޭޕްކުރުމުގެ އާދައާއި ދަރިފުޅު ދުރުކުރުމުގެ މަސައްކަތް މިހާރުން މިހާރަށް ފަށަންޖެހިއްޖެއެވެ.
ވޭޕް ކުރުމަކީ ކޮބާ؟
އީ-ސިނގިރޭޓު އެކުލެވިގެންވަނީ ބެޓެރީއަކާ، ހޫނުކުރާ ޑިވައިސްއެއްގެ އިތުރުން ވޭޕް ޖޫސް ނުވަތަ އީ-ލިކުއިޑް އަޅާނެ ޗޭމްބަރެއްގެ މައްޗަށެވެ. ވޭޕް ޖޫހުގެ އެކި ފްލޭވާތައް ހުރެއެވެ. ބެޓެރީގެ އެހީގައި ޑިވައިސް ހޫނުވުމުން އާވިގަނޑެއް އުފެއެވެ.
އީ-ސިނގިރޭޓުގެ އިސްތިއުމާލު ކުރާ މީހުން ހަށިގަނޑުގެ ތެރެއަށް ދަމާލަނީ މި އާވިގަނޑެވެ. ވޭޕްކުރުމަކީ މިއީއެވެ. އީ-ސިނގިރޭޓަށް ލައްވާ ކާޓްރިޖަކީ، އެމީހަކު ހިޔާރު ކުރާ މިންގަނޑަކަށް ނިކޮޓީންގެ މާއްދާ ބެހެއްޓޭފަދަ ގޮތަކަށް ފަރުމާކޮށްފައިވާ ކާޓްރިޖެކެވެ.
ދަރިފުޅު ވޭޕްކުރާކަން ދެނެގަންނާނީ ކިހިނެއް؟
ވޭޕްކުރަނިކޮށް ނުވަތަ އެފަދަ އާލާތްތަކެއް ދަރިފުޅުގެ އަތުން ނުފެންނަ ހާ ހިނދަކު މިއީ ކުރަން މާ ފަސޭހަ ކަމަކަށްވެސް ނުވެދާނެއެވެ. ނަމަވެސް ފެންނަ ބައެއް އަލާމާތްތަކާއެކު، އިތުރަށް ބަލާ، "ތަހުގީގު" ކުރެވިދާނެއެވެ. އާދަޔާ ހިލާފު ގިނައިން އާއިލާ މެމްބަރުންނާ ވަކިން ތަންތަނަށް ދާން ބޭނުންވުމާ، ސްކޫލަށް "ދާންޖެހޭ" ގަޑިތަށް ބެލެނިވެރިޔާއަށް ނޭނގި އިތުރުވުމާ، ސްކޫލްގައި ހޭދަކުރާ ވަގުތު މާ ގިނައިން ފާހާނާއަށްދާކަން މުދައްރިސުންނަށް ފާހަގަކުރެވުމާ، ކޮފީތަކާ ކެއުންތަކަށް އެކަހެރިކޮށް ގޮސްއުޅުން ފަދަ އަލާމާތްތަކަކީ ސަމާލުވާންވީ އަލާމާތްތަކެކެވެ.
ސިއްހީ ތަޖުރިބާކާރުން ބުރަވާ ގޮތުގައި، ފަސޭހައިން ރުޅިގަދަވެ، ކަންކަމާ "ކޫސުނި" ބޮޑާ ހޭކުން ފަދަ ބަދަލުތައް އައުމަކީވެސް މިކަމުގެ ނިޝާނަކަށް ވެދާނެއެވެ. މިއީ ފުރާވަރު އުމުރަށް އަޅައިގެން ދުވަސްވަރު އަންނަ ބަދަލެއް ކަމަށް ހީކޮށް ނިންމާ ނުލާށެވެ.
މީގެ އިތުރުން އާދަޔާ ހިލާފަށް ދަރިފުޅު ކެއްސުމާ، ނޭވާ ކުރުވެފައި ހުރުމާ، ހެލިފެލިވެ އުޅޭ ކަސްރަތު ކަހަލަ ހަރަކާތެއްގެ ތެރެއިން މާ އަވަހަށް ވަރުބަލިވާ ގޮތްވުމަކީ ވަކިން ހާއްސަ ސަމާލުކަމެއް ދީގެން ބަލަންޖެހޭ އަލާމާތްތަކެކެވެ.
ވޭޕުކުރަން ގެންގުޅޭ އެއްޗިހި ފެނުމުން ދެން ހަދާނީ ކިހިނެއް؟
ދަރިފުޅު އަތުގައި އޮތީ ނިކޮޓީން ނުވަތަ ޓީއެޗްސީ އެކުލެވޭ ވޭޕް ކާޓްރިޖެއްކަން ދެނެގަތުން ބައެއް މައިންބަފައިންނަށް މާ ފަސޭހަ ނުވެދާނެއެވެ. އަދި ދަރިފުޅު އެ ބޭނުންކުރަނީ ނުރައްކާތެރި މަސްތުވާ އެއްޗެއްކަންވެސް ފާހަގަކުރަން ނޭނގިދާނެއެވެ. ސަމާލުކަން ދޭންވީ ކަމަކީ، ދަރިފުޅު އަތުން ފެނުނު ކާޓްރިޖްތަކުގައި ހުރި ލޭބަލަށެވެ. އޭގައިވާ މައުލޫމާތެއް އިންޓެނެޓްގެ ޒަރިއްޔާއިން ދެނެގަންނާށެވެ. ނުވަތަ ކަމާބެހޭ ފަރާތެއްގެ އެހީ ހޯދާށެވެ. ލޭބަލެއް ޖަހާފައި ނެތް ނަމަ، ވީ އެންމެ އަވަހަކަށް ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްކޮށްގެން ކުރިއަށް ގެންދިއުން ބުއްދިވެރިއެވެ.
އެމެރިކަން ވޭޕް އެސޯސިއޭޝަންއިން ތަފްސީލުކޮށްދިން ގޮތުގައި ޓީއެޗްސީ އެކުލެވޭ ކާޓްރިޖް އާންމުކޮށް ހުންނާނީ ހިމަ ދިގުކޮށެވެ. މިއީ އޮލަކޮށް ހުންނަ ލިކުއިޑެއް އެކުލެވޭ ކާޓިރިޖެއްކަމުން، ކާޓްރިޖް ތެރޭގައި މި ތަކެތި ހެލުވޭނީ އޮލަ ތެޔޮގަނޑެއްހެނެވެ. މިއީ އިންތިހާއަށް ނުރައްކާތެރި ބާވަތެކެވެ.
ދަރިފުޅު ހުރީ ނިކޮޓިންގެ މަސްތުގައި
ވޭޕްކުރާ ގިނަ ކުދިންނަކީ މިހާރު ނިކޮޓިންގެ މަސްތުގައި ޖެހިފައިވާ ކުދި ބައެކެވެ. އެންމެ މުހިންމު ކަމަކީ ބެލެނިވެރިޔާ ހަމަޖެހުމެވެ. އަދި ދަރިފުޅާ މިނިވަންކަމާއެކު ވާހަކަ ދައްކާ، އެ ދަރިފުޅަށް ރަނގަޅު މަގު އަންގައިދިނުމެވެ. މިކަން ކުރުމަށްޓަކައި ސިއްހީ އެހީތެރިންނާ ކައުންސިލަރުންގެ އެހީ ހޯދުން އެދިވިގެންވެއެވެ. ބައެއް ފަހަރު ކަސިޔާރު ގޮތަކަށް އެޅޭ ފިޔަވަޅަކުން ނުބައި މަގަކުން ހިނގަން ދަރިފުޅަށް ދެވޭ ހިތްވަރަކަށްވެސް ވެދާނެއެވެ.
ވޭޕްކުރުމުގައި ސްކޫލް ކުދިންގެ މެދުގައި މިއަދު އާންމުވަމުން އަންނަ ވަބާއަކަށް ވާއިރު އެކަމާ ދެކޮޅަށް ސްކޫލްތަކުންވެސް މަޝްރޫއުތަކެއް ހިންގުން ބުއްދިވެރިއެވެ. އަދި ދަރިވަރުންނާ އުމުރުގެ ގޮތުން މާ ބޮޑު ތަފާތެއް ނެތް، އެހެންނަމަވެސް ތަޖުރިބާކާރެއްގެ ފަރާތުން މިފަދަ ވާހަކަތެއް އިވުމުން އެފަދަ ފަރާތެއްގެ ބަސްވިކޭ ގޮތްވެސް އިތުރުވެއެވެ.
ދަރިފުޅު ނިކޮޓީން ބޭނުންކުރަނީ ހަރަކާތްތެރިވެ އުޅުމަށް ފަސޭހައަކަށްތޯ، ނުވަތަ ރަހުމަތްތެރިންނާ އެކު އެއް ގުރޫޕަކަށް ފިޓްވާންތޯ ނުވަތަ މާޔޫސްވެގެން ތޯ ބެލުން މިއީ އެންމެ މުހިންމު ކަމެވެ. މިއިން ކޮންމެ ކަމަކަށްވެސް ސިއްހީ މާހިރެއްގެ އިރުޝާދާ އެހީ ހޯދުން މުހިންމެވެ.