މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ ރިޕޯޓުގައި ހުރި ކަންކަން ކުށްވެރިކޮށް އެތައް ބަޔަކު އެ ޖަމިއްޔާއާ ދެކޮޅަށް ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރަމުން ދާއިރު އަނިޔާވެރި އަމަލުތަކަށް މަގުފަހިވާފަދަ ބަސްތައް ބޭނުން ނުކުރުމަށް ހޯމް މިނިސްޓްރީން އިލްތިމާސް ކޮށްފިއެވެ.

މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ބުނީ، މަދަނީ ޖަމްއިއްޔާ އަކުން ނެރެފައިވާ ރިޕޯޓެއްގައި އިސްލާމްދީނަށް ތައުހީނު ކޮށްފައިވާ މައްސަލަ މިނިސްޓްރީ އޮފް އިސްލާމިކް އެފެރާޒަށް ފާހަގަ ކުރެވިގެން ފުލުހުންނަށް ހުށަހަޅާފައި ވާތީ އެ މައްސަލަ ދަނީ ތަހުގީގު ކުރެވެމުން ކަމަށެވެ. އެގޮތުން އެ މައްސަލާއާ ގުޅިގެން ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގުގެ ބޭނުން ހިފުމުގައި މުޖުތަމައުގެ ހަމަޖެހުމާއި ސުލްހަމަސަލަސްކަމަށް އިސްކަން ދިނުމަށާއި އަނިޔާވެރި އަމަލުތަކަށް މަގުފަހިވާފަދަ ކަންކަމާއި ބަސްތައް ބޭނުން ނުކުރުމަށް ހުރިހާ ފަރާތްތަކަށް ހޯމް މިނިސްޓްރީން އިލްތިމާސް ކުރެއެވެ.

އެމްޑީއެންގެ ރިޕޯޓުގައި ކީރިތި ގުރުއާނުގެ ސަބަބުން ގެވެށި އަނިޔާއަށް މަގުފަހިވާ ކަމަށާއި އިސްލާމީ ހުދޫދަކީ އަނިޔާއެއްގެ ގޮތުގައި ވެސް ސިފަ ކޮށްފައި ވެއެވެ. އަދި އިސްރާ އާއި މިޢުރާޖަކީ ސައިންޓިފިކް ގޮތުން ސާބިތު ކުރެވޭ ކަމެއް ނޫން ކަމަށްވެސް އެ ރިޕޯޓުގައި ސުވާލު އުފައްދާފައި ވެއެވެ.

މިކަމާ ގުޅިގެން ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި، އެ ޖަމްއިއްޔާ އުވާލުމަށް ގޮވާލަމުންނެވެ. އިންސާނީ ހައްގުތަކާއި އިންސާނީ ކަރާމާތާއި އަދި ކުރިއަރަމުން އަންނަ ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓާ ހިފެހެއްޓުމަށް ކަމަށްބުނެ އުފެއްދި އެމްޑީއެންއަކީ މީގެކުރިންވެސް އެތައް ބައެއްގެ ފާޑު ކިއުންތައް އަމާޒުވެފައިވާ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާއަކީ ރާއްޖޭގައި އިސްލާމްދީން ނައްތާލަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށް ބުނެވެސް މީގެކުރިން ބައެއް ފަރާތްތަކުން ވަނީ އަޑު އުފުލާފައެވެ.