މޯލްޑިވިސް ޑިމޮކްރެސޯ ނެޓްވޯކް (އެމްޑިއެން)ގެ ރިޕޯޓާ ގުޅިގެން އަވަސް ފިޔަވަޅުތަކެއް އެޅުމަށް އަދާލަތު ޕާޓީން ގޮވާލައިފިއެވެ.

އަދާލަތު ޕާޓީން ރޭ ނެރުނު ނޫސްބަޔާނުގައި ބުނީ، ޕްރީލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސްގެ ނަމުގައި އެމްޑީއެންގެގެ ފަރާތުން އާންމުކުރި ރިޕޯޓަކީ 2016 ވަނަ އަހަރު އާންމު ކޮށް އަދި އޭގެ ފަހުން 2019 ވަނަ އަހަރު އަނބުރާ ގެންދިޔަ ރިޕޯޓެއް ކަމަށެވެ. ނަމަވެސް އެ ރިޕޯޓަކީ ރާއްޖޭގެ ހާލަތުކަމަށް ސިފަކޮށް ބައިނަލްއަގްވާމީ ފަރާތްތަކަށް ހިއްސާކިށްފައިވާ ރިޕޯޓަކަށް ވާތީ، ރިޕޯޓާ ގުޅިގެން ރައްޔިތުންގެ މެދުގައި އިންތިހާއަށް ބޮޑު ނުތަނަވަސްކަމެއް އުފެެދިފައިވުމުން ކަމާ ގުޅުންހުރި ދައުލަތުގެ މުއައްސަސާތަކުން މިކަމުގައި އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ރިޕޯޓެއް ކަމަށެވެ.

އެ ޕާޓީން ބުނީ، އެމްޑީއެމްގެ ރިޕޯޓުގައި ރާއްޖޭގެ ދީނީ އިލްމުވެރިން ހިމެނޭގޮތުން ބައެއް އާންމުންނާ މެދު ދީނީ ހިލާފުތަކުގެ މައްޗަށް ބިނާކޮށް، އެކަށީގެންވާ ދިރާސާ ކުރުމެއް ނެތި އަދި ދައުލަތުގެ ރަސްމީ އިދާރާއެއްގެ ބަހެއްވެސް ނެތި، ނަފުރަތާއި ރުޅިވެރިކަން އުފެދެން މަގުފަހިވާ ފަދަ ބަޔާންތައް ހިމަނާފައިވާ ކަމަށާއި، އެއީ ދައުލަތުގެ ކަމާގުޅުންހުރި މުއައްސަސާތަކުން ބަލަން ޖެހޭ މައްސަލައެއް ކަމަށެވެ. އަދި ދީނާއި ދައުލަތާއި ރައްޔިތުން ރައްކާތެރިކޮށް ބެލެހެއްޓުމުގެ ޒިންމާ މަތިކުރެވިފައިވާ ސަލާމަތީ ހިދުމަތްތަކުގެ އިންޓެލިޖެންސަށް ހަވާލާދީ ބައެއް ކަންކަން ފާހަގަ ކޮށްފައި ވުމަކީ ގައުމީ ސަލާމަތާ ގުޅުންހުރި ކަމެއް ކަމަށާއި، މިފަދަ މައުލޫމާތެއް 'ސާޓިފައިކުރެވިފައި ނުވާ' މަދަނީ ޖަމްއިއްޔާއަކާއި ހިއްސާކުރެވިފައި ވަނީ ކޮންގޮތަކުންތޯ ބަލާ ތަހުގީގު ކުރުމަށްވެސް އަދާލަތު ޕާޓީން ވަނީ ގޮވާލާފައެވެ.

އެންޑީއެމުން ކޮށްފައި ވަނީ ރާއްޖޭގެ ގާނޫނުއަސާސީގެ 27 ވަނަ މާއްދާއާ ގާނޫނު ނަމްބަރު 6/94 ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނުގެ 4 ވަނަ މާއްދާއާ 1/2003 ޖަމްއިއްޔާތަކާ ބެހޭ ގާނޫނުގެ 19 ވަނަ މާއްދާއާ މަނާކުރެވިފައިވާ ކުށެއް ކަމަށް އަދާލަތު ޕާޓީން ބުނެއެވެ. އަދި މި މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގާ މި މައްސަލާގައި ދައުވާ އުފުލަންޖެހޭ ފަރާތްތަކާމެދު ދައުވާ އުފުލުމަށް ދައުލަތުގެ ކަމާގުޅުންހުރި މުއައްސަސާތަކަށް ގޮވާލަމުން، އެ ޕާޓީން ވަނީ، ޖަމްއިއްޔާގެ ޝަހްސުގައިި އިސްލާމް ދީނަށް ތައުހީނު ކުރުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ދެވިގެން ނުވާނެކަމަށް ބުނެފައެވެ.

މީގެ އިތުރުން އެމްޑީއެންގެ ރިޕޯޓުގައި، ރާއްޖޭގެ މިނިވަން ކަމާއި އަމްނު އަމާންކަމާއި ދާހިލީ ހަމަޖެހުން އެކަމެއްގެ މައްޗަށް ބިނާވެގެންވާ އެންމެ މުހިންމު އަސާސްކަމުގައިވާ މާތްވެގެންވާ އިސްލާމްދީިނަށް ފުރައްސާރަ ކޮށްފައިވާކަން ފާހަގަކޮށް އަދާލަތު ޕާޓީން ވަނީ އެ އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ.

އެ ޕާޓީން ވަނީ، އިސްލާމްދީނާ ގުޅުން ހުރި އެއްވެސް ކަމަކަށް ފުރައްސާރައާއި އިހާނެތި ބަސް ރައްދުވާނެހެން ވާހަކަ ދައްކާ، ލިޔެ އަދި އެފަދަ މައުލޫމާތު އާންމުކޮށް، ފަތުރާ ނުހެދުމަށާއި މިފަދަ ކަންކަމާ ގުޅިގެން އުފެދޭ ނުތަނަވަސްކަމުގެ ތެރޭގައި ވަކި ވަކި ފަރުދުންނާއި ޖަމާއަތްތަކަށް އިންޒާރުދިނުމާއި، އަނިޔާވެރި އަމަލުތަކަށް މަގުފަހިވެ، މުޖުތަމައުގެ އަމްނު އަމާންކަން ގެއްލިދާނެ އެހެންވެސް ކަންކަމާއި ބަސްމަގު ހިޔާރު ނުކޮށް، ސުލްހަވެރި ގޮތުގައި ގާނޫނީ ހަމަތަކުގެ ތެރެއިން ހިޔާލުފާޅުކުރުމުގެ މިނިވަން ކަމުގެ ހައްގުގެ ބޭނުން ކުރުމަށް ގޮވާލާފައެވެ.