ރާއްޖޭގައި އިސްލާމް ދީނަށް ފުރައްސާރަ ކުރާ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދަން ރ. މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ނިންމަވައިފިއެވެ.

އޭނާ ވިދާޅުވީ، އިސްލާމް ދީނަށް ފުރައްސާރަ ކުރަނީ ދުރާލާ ރާވައިގެން ކަމަށާއި އެކަމަކީ ބޭރުގެ ނުފޫޒާވެސް އެކު ހިންގާ ކަމެއް ކަމަށެވެ. އެކަމުގެ ތަފްސީލުތައް ހާމަ ކުރައްވާފައި ނުވި ނަމަވެސް އޭނާ ޑިފެންސް މިނިސްޓަރު ކަމުގައި ހުންނެވި އިރުވެސް ދީނީ ތަފާތު ފިކުރުތަކާ އެނޫންވެސް ނުފޫޒުތަކުގެ ވާހަކަތައް ތިލަވެގެން ދިޔައެވެ.

އާދަމް ޝަރީފު އިތުރަށް ވިދާޅުވީ، އިސްލާމް ދީނަށް ފުރައްސާރަ ކުރުމަކީ ގާނޫނު ނަންބަރު 6/94 (ދީނީ އެއްބައިވަންތަ ކަމާ ބެހޭ ގާނޫނު) ގެ ދަށުން މަނާ ކަމެއް ކަމަށެވެ. އަދި އެކަން ހުއްޓުވައި ފިޔަވަޅު އަޅަންޖެހޭ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އާދަމް ޝަރީފު މިފަދައިން ވިދާޅުވެފައި މިވަނީ، މޯލްޑިވްސް ޑިމޮކްރަސީ ނެޓުވޯކުން އާންމު ކުރި ރިޕޯޓެއްގައި އިސްލާމް ދީނާއި ރަސޫލާއަށް ފުރައްސާރަ ކޮށްފައި ހުރި މައްސަލަތަކެއް ފެންމަތިވެ ފާޑުކިޔުންތައް ގިނަ ވެފައިވާ ދަނޑިވަޅެއްގައެވެ. އަދި އެ ރިޕޯޓުގެ މައްސަލައިގައި ދީނީ އިލްމުވެރިންނާއި ސަރުކާރުގެ އިސްލާމިކް މިނިސްޓްރީން އެ މައްސަލަ ތަހުގީގު ކުރުމަށް ގޮވާލައި ފުލުހަށް ހުށަހަޅާފައިވާ ދަނޑިވަޅެއްގައިވެސް މެއެވެ.

ޑިމޮކްރަސީ ނެޓްވޯކުގެ ރިޕޯޓާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އަދި އަޅާނެ ފިޔަވަޅުތަކަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ރާއްޖޭގެ ބައެއް އިލްމުވެރިން މިރޭ ބައްދަލުވުމެއްވެސް ބާއްވާފައި ވެއެވެ. އެ ބައްދަލުވުމުގައި އެރިޕޯޓާ ގުޅިގެން އެންމެ ބޮޑަށް އަޑު އުފުއްލަވާ ޑރ. އިޔާޒާއި ޝެއިޚު ޒައިދު ބައިވެރިވެވަޑައިގެންނެވިއެވެ.

އިސްލާމްދީނާއި ރަސޫލާއަށް ކުޑައިމިސް ވާގޮތަށް އެކިއެކި ފަރާތްތަކުން ޝުއޫރު ފާޅުކޮށް، ހަޖޫ ޖަހަމުން ދާއިރު، މިހާރު ފާސްވެ އަދި ތަސްދީގު ނުކޮށް އޮތް ޓެރަރިޒަމް ގާނޫނުގައި މިފަދަ ހާލަތްތަކަށް އަލިއަޅުވާލަފައެއް ނުވެއެވެ.