ސަރުކާރުގެ މަތީ މަގާމް ތަކަށް އައްޔަން ކޮށްފައިވާ މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) ޖަމްއިއްޔާ އަށް ނިސްބަތްވާ ފަރާތްތައް ސަރުކާރުން ވަކި ކުރަން ޖެހޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު އަދި އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ވައިސް ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އެންޑީއެމް އުވާލުމަށް ގޮވާލައްވަމުން ޑރ. ޝަހީމް ވިދާޅުވީ، އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ރާއްޖޭގައި ދީނީ ވަހުދަތު މުގުރާލަން އުޅޭ އެމްޑީއެން، ޖަމްއިއްޔާތަކާ ބެހޭ ގާނޫނާއި ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރާ ގާނޫނާއި ޓެރަރިޒަމް މަނާ ކުރާ ގާނޫނުގެ ދަށުން އުވާލަން ޖެހޭ ކަމަށެވެ.
ޑރ. ޝަހީމް ވިދާޅުވީ، ސަރުކާރުގެ މަތީ މަގާމް ތަކަށް އައްޔަން ކޮށްފައިވާ އެ ޖަމްއިއްޔާ އަށް ނިސްބަތްވާ ފަރާތްތައް ވެސް ސަރުކާރުން ވަކި ކުރަން ޖެހޭ ކަމަށާއި، އެ ޖަމްއިއްޔާއިން ރާއްޖޭގެ ދީނީ ވަހުދަތު ނަގާލަން ގަސްތުގައި ހުއްޓުމެއް ނެތި ހަރަކާތްތައް ހިންގަމުންދާ ކަމަށެވެ. އަދި އެ ހަރަކާތްތަކާ މެދު ލަސްނުކޮށް ގާނޫނީ ފިޔަވަޅު އެޅުމަށް ޑރ. ޝަހީމް ވަނީ ގޮވާލައްވާފައެވެ.
'ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް' ގެ ނަމުގައި އެމްޑީއެން އިން ނެރުުނު ރިޕޯޓާ ގުޅިގެން، ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އެ ޖަމްއިއްޔާއަށް އަމާޒުވެފައެވެ. އެގޮތުން އެ ޖަމްއިއްޔާ އުވާލުމަށާއި، އެ ޖަމްއިއްޔާގެ އިސް ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.
އެންޑީއެމްގެ ރިޕޯޓުގައި އިސްލާމް ދީނާއި ރަސޫލާއަށް ފުރައްސާރަ ކޮށްފައި ވާއިރު، އިސްލާމް ދީނުގެ ނައްސުން އައިސްފައި ހުރި ބައެއް ކަންކަމާ މެދުވެސް ސުވާލު އުފައްދާފައި ވެއެވެ.
އިންސާނީ ހައްގުތަކާއި އިންސާނީ ކަރާމާތާއި އަދި ކުރިއަރަމުން އަންނަ ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓާ ހިފެހެއްޓުމަށް ކަމަށް ބުނެ އުފެއްދި އެމްޑީއެންއަކީ މީގެކުރިންވެސް އެތައް ބައެއްގެ ފާޑު ކިޔުންތައް އަމާޒުވެފައިވާ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާއަކީ ރާއްޖޭގައި އިސްލާމްދީން ނައްތާލަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށް ބުނެވެސް މީގެކުރިން ބައެއް ފަރާތްތަކުން ވަނީ އަޑު އުފުލާފައެވެ.