އިސްލާމް ދީނަށް ނުވަތަ ކީރިތި ރަސޫލާ އަށް ފުރައްސާރަ ކުރުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ޑިމޮކްރަސީ ނެޓުވޯކުން އާންމު ކުރި ރިޕޯޓާ ގުޅިގެން އެކިއެކި ފަރާތްތަކުން ނުރުހުން ފާޅު ކުރަމުން ދަނިކޮށް މިއަދު ރައީސް މައުމޫނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ކޮންމެ ބަޔަކު ކުރި ނަމަވެސް އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާރަ ކުރުން ހުއްޓުވަން ޖެހޭނެ ކަމަށެވެ.

ރައީސް މައުމޫންގެ އެ ޓްވީޓުގައި މޯލްޑިވްސް ޕޮލިސް ސާވިސް އާއި އިސްލާމިކް މިނިސްޓްރީ ވަނީ ޓެގް ކުރައްވާފައެވެ.

އެމްޑީއެން އިން އާންމު ކުރި "ޕްރެލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓުގައި އިސްލާމް ދީނާއި ރަސޫލާއަށް ފުރައްސާރަ ކޮށްފައި ވެއެވެ. އެރިޕޯޓުގައި އިސްލާމް ދީނުގެ ނައްސުން އައިސްފައި ހުރި ބައެއް ކަންކަމާ މެދުވެސް ސުވާލު އުފައްދާފައި ވެއެވެ. އެކަމުގެ ސަބަބުން، ރާއްޖޭގެ ދީނީ އިލްމުވެރިން ވަނީ ނުރުހުން ފާޅު ކުރައްވާ އެ ރިޕޯޓު ނެރުއްވި އެމްޑީއެންގެ އެގްޒެކެޓިވް ޑިރެކްޓަރަށް ބަހުގެ ހަމަލާތައްވެސް ދެއްވާފައެވެ.

އެމްޑީއެންގެ އެގްޒެކެޓިވް ޑިރެކްޓަރުވެސް ވަނީ ތަންފުކެއް ދޫ ނުކުރައްވައި، އިލްމުވެރިންނާ ޖަދަލު ކުރައްވާފައެވެ. އަދި އެ ރިޕޯޓު ދިފާއު ކުރައްވާ ވާހަކަ ދައްކަވާފައި ވާކަންވެސް ފާހަގަ ކުރެވެއެވެ.