ކީރިތި ރަސޫލާއަށާއި އިސްލާމް ދީމަށް ހަޖޫ ޖެހުމަކީ އާދައިގެ ކަމެއް ނޫން ކަމަށާއި، މުސްލިމުން އެކަމަށް މައާފެއް ނުކުރާނެ ކަމަށް ވިދާޅުވެ ޝެއިހް ޑރ. މުހައްމަދު އިޔާޒް އެމްޑީއެންގެ އެގްޒެކެޓިވް ޑިރެކްޓަރު ޝަހިންދާ އިސްމާއިލަށް ރައްދު ދެއްވައިފިއެވެ.

ޑރ. އިޔާޒް މިހެން ވިދާޅުވީ، އިސްލާމް ދީނަށާއި، ރަސޫލާއަށް ކުޑައިމިސް ވާގޮތަށް މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓް ދިފާއުކުރައްވާ، ޝަހިންދާ ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ. އެގޮތުން، ޑރ. އިޔާޒް ވިދާޅުވީ، އެ ރިޕޯޓްގެ އެންމެ އަކުރެއްގައި ނަމަވެސް ލޮބުވެތި ނަބިއްޔާ އަށް ބަދު ބަސް ބުނުމަކީ މުސްލިމުން ލޭ ކެކޭނެ ކަމެއް ކަމަށާއި އެކަމަށް މައާފު ނުކުރެއްވޭނެ ކަމަށެވެ.

އެމްޑީއެންގެ ރިޕޯޓް ދިފާއު ކުރައްވަމުން ޝަހިންދާ ވަނީ، ވެބްސައިޓުން ރިޕޯޓް ނަގައި މައާފަށް އެދުނު ކަމަށް ވިދާޅުވެފައެވެ. އަދި އެއަށް ރައްދު ދެއްވަމުން ޑރ. އިޔާޒް ވިދާޅުވީ، ރިޕޯޓް ނަގާ، މައާފަށް އެދުމަށް ފަހު އެކަން ކުރެވުނު ކަން މައްޗަށް މޮޔަ ހީވިއަސް، އެއް އިރަކު ވެސް އިހްލާސްތެރި ކަމާއި އެކު މައާފަށް އެދުނު ކަމަކަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ.

އަންހެން ދަރިން 10 އަހަރު ނުވަނީސް މީހުންނާއި ކައިވެނި ކުރުވާ، ދަރިންނަށް ވެކްސިން ނުދީ ބަލި ޖައްސާ، އަންހެން ދަރިން ސްކޫލަށް ނުފޮނުވާ، އަބިން ގައިގައި ތަޅާ އަނިޔާކޮށް، ޒަކާތަށް ދޭ ފައިސާ ހަނގުރާމައަށް ހަރަދުކުރާ ކަމަށް ވިދާޅުވެ، ޝަހިންދާ ކުރައްވާފައިވާ ޓްވީޓްތަކަށް ވެސް ޑރ. އިޔާޒް ވަނީ ރައްދު ދެއްވާފައެވެ.

އަޅުގަނޑުގެ އަންހެން ދަރިން ސްކޫލަށް ގޮސް ކިޔަވާ، ގްރެޖުއޭޓްވެ، މަތީ ވަނަތައްވެސް ހާސިލު ކޮށްފި، ކައިވެންޏަށް 21 އަހަރު ވެއްޖެ، ދުވަހަކު ވެސް އަނިޔާ އެއް ނުކުރަން. ވަރި އެއް ނުކުރަން. ކަމަނާ ކިތައް ކައިވެނި ކުރައްވައިފިންތޯ؟
އިޔާޒް

އެގޮތުން، ޑރ. އިޔާޒް ވިދާޅުވީ، އޭނާގެ އަންހެން ދަރިން ސްކޫލަށް ގޮސް ކިޔަވާ، ގްރެޖުއޭޓްވެ، މަތީ ވަނަތައްވެސް ހާސިލު ކޮށްފި ކަމަށެވެ. އަދި ކައިވެންޏަށް 21 އަހަރު ވެފައި ވާއިރު، ދުވަހަކު ވެސް އަނބިމީހާއަށް އަނިޔާ ކުރައްވައިފައި ނުވާނެ ކަމަށާއި، ވަރި ވެސް ކުރައްވައިފައި ނުވާނެ ކަން ފާހަގަ ކުރައްވާ، ޑރ. އިޔާޒް ވަނީ މަޒާޖީ ގޮތަކަށް ޝަހިންދާ ކުރެއްވީ ކިތައް ކައިވެނި ތޯ އައްސަވާފައެވެ.

މީގެ އިތުރުން، ރިޟްވާން މަރާލި ހާދިސާ ކުށްވެރިކޮށް ޝަހިންދާ ވިދާޅުވީ ހިޔާލު ތަފާތުވާ މީހާ ގޭ ދޮރުމަތިން ހިފަހައްޓާ ކަތިލާ ކޮށާލައި ވަގަށް ނަގައިގެން ކަނޑު ފައްތާ ކަމަށެވެ. އަދި 18 އަހަރު ނުވާ ދަރިންނަށް ހަނގުރާމަ ކުރަން ހިތްވަރުދީ، މުޅި ދުނިޔެ އޮތީ އަހަރެމެންނާއި ދެކޮޅަށޭ ކިޔައިގެން އޮޅުވާލާ، ލޭ އޮހޮރުވަން ގޮވާލައި، މިހުރިހާ ކަމަކީ ކީރިތި ރަސޫލާ އުޅުއްވި ގޮތޭ ކިޔައިގެން މުޅި މި ގައުމު ހަލާކު ކުރަން ހިފާފައި ތިބި މީހުންގެ މައްސަލަ ވެސް ބެލަން ޖެހޭ ކަމަށެވެ.

އިސްލާމް ދީނުގެ އިލްމު ލިބިގެން ހުރި އެކަކުވެސް ތިޔަފަދަ ކަމެއް ނުކުރޭ، ނުވެސް ކުރާނެ އިންޝާﷲ. ތިބޭފުޅުން ފަންޑް ކުރައްވައިގެން ދީނީ ލިބާސް ލައްވާފައި ތިބި ބަޔަކު ތިކަމެއް ނުކުރެއޭ ބުނާކަށް ނުކެރޭނެ
ޑރ. އިޔާޒް

ޝަހިންދާގެ ވާހަކަތަކަށް ހުއްޓުމެއް ނެތި ރައްދު ދެއްވަމުން ޑރ. އިޔާޒް ވިދާޅުވީ، އިސްލާމް ދީނުގެ އިލްމު ލިބިގެން ހުރި އެކަކުވެސް އެފަދަ ކަމެއް ނުކުރާ ކަމަށާއި، ނުވެސް ކުރާނެ ކަމަށެވެ. އަދި ފަންޑް ކޮށްގެން ދީނީ ލިބާސް ލައްވާފައި ތިބި ބަޔަކު އެފަދަ ކަމެއް ނުކުރެއޭ ވިދާޅުވާން ކެރިވަޑައި ނުގަންނަވާނެ ކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ.

ޑރ. އިޔާޒާއި ޝަހިންދާއާ ދެމެދު ބަހުގެ ގިނަ ހަމަލާތަކެއް ބަދަލު ވެފައި ވާއިރު، އެމްޑީއެންގެ ރިޕޯޓުގައި ކީރިތި ގުރުއާނުގެ ސަބަބުން ގެވެށި އަނިޔާއަށް މަގުފަހިވާ ކަމަށާއި އިސްލާމީ ހުދޫދަކީ އަނިޔާއެއްގެ ގޮތުގައި ވެސް ސިފަ ކޮށްފައި ވެއެވެ. އަދި އިސްރާ އާއި މިޢުރާޖަކީ ސައިންޓިފިކް ގޮތުން ސާބިތު ކުރެވޭ ކަމެއް ނޫން ކަމަށް ވުނެވެސް ސުވަލު އުފައްދާފައިވެއެވެ.

މިކަމާ ގުޅިގެން ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި، އެ ޖަމްއިއްޔާ އުވާލުމަށް ގޮވާލަމުންނެވެ. އިންސާނީ ހައްގުތަކާއި އިންސާނީ ކަރާމާތާއި އަދި ކުރިއަރަމުން އަންނަ ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓާ ހިފެހެއްޓުމަށް ކަމަށްބުނެ އުފެއްދި އެމްޑީއެންއަކީ މީގެކުރިންވެސް އެތައް ބައެއްގެ ފާޑު ކިއުންތައް އަމާޒުވެފައިވާ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާއަކީ ރާއްޖޭގައި އިސްލާމްދީން ނައްތާލަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށް ބުނެވެސް މީގެކުރިން ބައެއް ފަރާތްތަކުން ވަނީ އަޑު އުފުލާފައެވެ.