އިސްލާމިކް މިނިިސްޓްރީއާ މަހްލޫފަކީ މިގައުމުގެ ހަލާކު ކަމަށް މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) ގެ އެގްޒެކެޓިވް ޑިރެކްޓާ ޝަހިންދާ އިސްމާއިލް ސިފަ ކުރައްވައިފިއެވެ.

ޝަހިންދާ މި ފަދައިން ވާހަކަ ޝުއޫރު ފާޅު ކުަރއްވާފައި ވަނީ، އޭނާ އިސްވެ ހުންނަ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކުން ނެރުނު "ޕްރެލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓާ ގުޅިގެން ސޯޝަލް މީޑިއާގައި ހިނގަމުންދާ ޒުވާބުގައި އިސްލާމިކު މިނިސްޓްރީއާއި މިނިސްޓަރު މަހުލޫފު ޓެގް ކުރައްވައި ކުރެއްވި ޓްވީޓުގައެވެ.

އިސްލާމިކް މިނިސްޓްރީއާއި މަހުލޫފު ޓެގް ކުރެއްވީ، އެ ރިޕޯޓާ ގުޅިގެން އެފަރާތްތަކުން ވާހަކަ ދައްކާފައި ވާތީ ކަމަށް ގަބޫލު ކުރެވެއެވެ. އިސްލާމިކް މިނިސްޓްރީން ވަނީ އެ ރިޕޯޓާ ގުޅިގެން ފުލުސް އޮފީހަށް މައްސަލައެއް ހުށަހަޅާފައެވެ. މަހުލޫފު ވަނީ އެ ރިޕޯޓުގައި އިސްލާމް ދީނާއި ރަސޫލާއަށް "ހަޖޫ" ޖަހާފައި ވާތީ އެކަން ކުށްވެރި ކުރައްވާފައެވެ.

ޝަހިންދާ، ރިޕޯޓު ދިފާއު ކުރައްވަމުން ވިދާޅުވެފައި ވަނީ، ފިތުނަ އުފައްދަނީ އެމްޑީއެންގެ ރިޕޯޓުން ނުވަތަ އެ ޖަމްއިއްޔާ އިން ވެސް ނޫން ކަމަށާއި، ޖަމްއިއްޔާ މެދުވެރިކޮށް ގިނަ ބަޔަކަށް އެހީތެރި ވެދީފައިވާ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި ފިތުނަ އުފައްދަނީ ޓެރަރިޒަމް މަނާ ކުރާ ގާނޫނު ފާސްވެގެން އެކަމާ ބިރުން ހަދާނެ ގޮތެއް ނޭނގިގެން އުޅޭ ބަޔަކު ކަމަށް ޝަހިންދާ ވިދާޅުވެއެވެ.

"ފިތުނަ އުފައްދަނީ މާ މޮޅު ކަމެއް ކަމަށް މެޑަލް ޖަހާލަން ވެގެން އުޅޭ މިނިސްޓަރުން އަދި ރެލަވެންޓް ވާހިތުން އުޅޭ ގޮނޑި ގެއްލުނުު ގުރޫޕް" ކަމަށާއި، "އެމްޑީއެން އަށް ހެދުނު ގޯހަކީ އެކަން ބަލައިގަނެ، ވެބަސައިޓުން ރިޕޯޓް ނަގާ މައާފަށް އެދުން" ކަމަށް ޝަހިންދާ ވިދާޅުވިއެވެ. ޝަހިންދާ ވަނީ، ރިޕޯޓުގައިވާ ކަންތައް "ނިކަން ރަނގަޅަށް ތަހުގީގު ކުރުމަށް" އިސްލާމިކް މިނިސްޓްރީ އަށް ގޮވާލައްވާ، އޭގައި ފާހަގަ ކޮށްފައި ހުރި އެއްބައި ކަންތައް ބަލާ ދޫކޮށް ނުލުމަށާއި ހުރިހާ ކަމެއް ބެލުމަށް ވެސް ގޮވާލައްވާފައެވެ.

އެކަމަކު ނަމަނަމަ މަހްލޫފް ވެސް އިސްލާމިކް މިނިސްޓްރީ ވެސް މިރާއްޖޭގައި މިދިޔަ 10 އަހަރު މީހުން މަރަން ގޮވާ، ބިރު ދައްކާ، ޒުވާނުން ހަލާކު ކުރާ ބަޔަކާ އަޅާ ނުލާތި
ޝަހިންދާ

ޝަހިންދާގެ ބަހުގެ ހަމަލާތައް ރައްދު ކުރައްވަމުން ވިދާޅުވީ، މިރާއްޖޭގައި މިދިޔަ 10 އަހަރު މީހުން މަރަން ގޮވާ، ބިރު ދައްކާ، ޒުވާނުން ހަލާކު ކުރި ކަމަށާއި، ނަމަވެސް މަހްލޫފްވެސް އިސްލާމިކް މިނިސްޓްރީ ވެސް އެކަމާ އަޅާ ނުލާ ކަމަށެވެ. އަދި "މަހްލޫފާއި އިސްލާމިކް މިނިިސްޓްރީ އަކީ މިގައުމުގެ ހަލާކު" ކަމަށާއި، "ކިތަންމެ ބަޔަކު ފުރާނަ ގުރުބާން ކުރިއަސް އެމީހުން ތިއްބާ މި ގައުމު އަމާން ނުވާނެ" ކަމަށް ވިދާޅުވެފައެވެ.