"އެމްޑީއެން ފަދަ އިސްލާމް ދީނަށް ފުރައްސާރަ ކުރި ނުވަތަ ކުރަމުންދާ ލާދީނީ ޖަމްއިއްޔާ އެއްގެ ޗެއާޕާސަން ރައީސް އޮފީހުގެ ކޮންސަލްޓަންޓަކަށް ހުރީ ކޮން އުސޫލަކުންތޯ" އައްސަވައި ޝެއިހް އަލީ ޒައިދު ސުވާލު އުފައްދަވައިފިއެވެ.

އެމްޑީއެންގެ ޗެއާޕާސަން ނޫޝިން ވަހީދު، ރައީސް އޮފީހުގެ އެންޓި ޓެރަރިޒަމް ކޮންސަލްޓަންޓެއްގެ މަގާމު ހައްގު ނުވާ ކަމަށް ތުހުމަތު ކުރައްވަމުން ޒައިދު ވިދާޅުވީ، "އިސްލާމް ދީނަށް ފުރައްސާރަ ކުރާ ފަރާތެއް އެފަދަ މަގާމެއްގައި ހުންނެވުމަކީ ގައުމުގެ ރައްޔިތުން ވަރަށް ނަފްރަތު ކުރާ ކަމެއް" ކަމަށެވެ.

"ރާއްޖޭގައި އުޅޭ ހައެއްކަ ލާދީނީ މީހުން ފިޔަވާ އެންމެން ވެސް އިސްލާމް ދީނަށް ލޯބި ކުރާ" ކަމަށް ވިދާޅުވެ، ޒައިދު ވަނީ އެމްޑީއެން ވަގުތުން އުވާލުމަށް ގޮވާލައްވާފައެވެ.

އެމްޑީއެންގެ ޗެއާޕާސަނަކަށް ހުރި ނޫޝިން ވަހީދު / ފޮޓޯ: އެމްޑީއެން

އެމްޑީއެން އުވާލުމަށް ސޯޝަލް މީޑިއާގައި ގިނަ ފަރާތްތަކަކުން އަޑު އުފުލަމުން ދަނީ، އެ ޖަމިއްޔާއިން ނެރުނު "ޕްރެލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓުގެ ސަބަބުންނެވެ. އެ ރިޕޯޓުގައި ކީރިތި ގުރުއާނުގެ ސަބަބުން ގެވެށި އަނިޔާއަށް މަގުފަހިވާ ކަމަށް ބުނެފައި ވާއިރު އިސްލާމީ ހުދޫދަކީ އަނިޔާއެއްގެ ގޮތުގައި ވެސް ވަނީ ސިފަ ކޮށްފައެވެ. އަދި އިސްރާ އާއި މިއުރާޖަކީ ސައިންޓިފިކް ގޮތުން ގަބޫލު ނުކުރެވޭ ވާހަކައެއް ކަމަށް ބުނެފައި ވެއެވެ. ރާއްޖޭގައި ޣައިރު މުސްލިމުންނަށް އަޅުކަން ކުރެވޭ ގޮތަށް ތަންތަން ހަދަން ޖެހޭ ކަމަށްވެސް ވަކާލާތު ކޮށްފައި ވެއެވެ.

އެމްޑީއެން ފަދަ އިސްލާމް ދީނަށް ފުރައްސާރަ ކުރި ނުވަތަ ކުރަމުންދާ ލާދީނީ ޖަމްއިއްޔާ އެއްގެ ޗެއާޕާސަން ރައީސް އޮފީހުގެ ކޮންސަލްޓަންޓަކަށް ހުރީ ކޮން އުސޫލަކުން؟ ރާއްޖޭގައި އުޅޭ ހައެއްކަ ލާދީނީ މީހުން ފިޔަވާ އެންމެން ވެސް އިސްލާމް ދީނަށް ލޯބި ކުރޭ
ޒައިދު

އިންސާނީ ހައްގުތަކާއި އިންސާނީ ކަރާމާތާއި އަދި ކުރިއަރަމުން އަންނަ ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓާ ހިފެހެއްޓުމަށް ކަމަށް ބުނެ އުފެއްދި އެމްޑީއެންއަކީ މީގެކުރިންވެސް އެތައް ބައެއްގެ ފާޑު ކިއުންތައް އަމާޒުވެފައިވާ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާއަކީ ރާއްޖޭގައި އިސްލާމްދީން ނައްތާލަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށް ބުނެވެސް މީގެކުރިން ބައެއް ފަރާތްތަކުން ވަނީ އަޑު އުފުލާފައެވެ.