އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާކޮށް މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން ނެރެފައިވާ ރިޕޯޓުގައި ހުރި ކަންކަން ތަހުގީގު ކޮށްދިނުމަށް އިސްލާމިކް މިނިސްޓްރީން ފުލުހުންނަށް ހުށަހަޅައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނީ އެމްޑީއެންއިން ނެރެފައިވާ ރިޕޯޓުގައި މާތްވެގެންވާ އިސްލާމްދީނާއި ރަސޫލާﷲ (ސ.އ.ވ)އަށް ފުރައްސާރަކޮށް އިސްލާމްދީނުގެ އަސްލުތަކާ ހިލާފު އަދި ދިވެހިންގެ ދީނީ އެއްބައިވަންތަކަން ގެއްލޭ ފަދަ ގޮތަކަށް ވާހަކަ ދައްކާފައި ވާތީ އެކަން ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް މިއަދު މެންދުރު 13:46 ގައި ފުލުހުންގެ އިދާރާއަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.


މި މައްސަލަ އިސްލާމިކް މިނިސްޓްރީން ހުށަހެޅި ވާހަކަ ބުނެފައި ވާއިރު ފުލުހުން ބުނީ މިއަދު ހަވީރު 4:30 ގައި ބެލި އިރުވެސް އިސްލާމިކް މިނިސްޓްރީގެ ސިޓީއެއް ލިބިފައި ނެތް ކަމަށެވެ. މި މައްސަލާގައި މީޑިއާތަކާއި ފުލުހުން ހިއްސާކުރި މައުލޫމާތުގައި ފުލުހުން ބުނީ، އެމްޑީއެންގެ މީހުން ހިމެނޭގޮތަށް ވަކި ބައެއްގެ ފޮޓޯ ޖަހައިގެން އެމީހުންގެ މައުލޫމާތު ހިމަނައި، އެމީހުންނަކީ އިސްލާމްދީން ނައްތާލަން މުގުލުގައި ތިބި މީހުން ކަމަށް ބުނެ އެމީހުންނާ މެދު ނަފްރަތު އުފައްދަން މަސައްކަތް ކުރަމުންދާ މައްސަލައެއް ހުށަހަޅާފައި ވާތީ ތަހްގީގު ކުރަމުންދާ ކަމަށެވެ.

އިންސާނީ ހައްގުތަކާއި އިންސާނީ ކަރާމާތާއި އަދި ކުރިއަރަމުން އަންނަ ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓާ ހިފެހެއްޓުމަށް ކަމަށްބުނެ އުފެއްދި އެމްޑީއެންއަކީ މީގެކުރިންވެސް އެތައް ބައެއްގެ ފާޑު ކިއުންތައް އަމާޒުވެފައިވާ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާއަކީ ރާއްޖޭގައި އިސްލާމްދީން ނައްތާލަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށް ބުނެވެސް މީގެކުރިން ބައެއް ފަރާތްތަކުން ވަނީ އަޑު އުފުލާފައެވެ.

އެ ޖަމިއްޔާގެ ރިޕޯޓުގައި ކީރިތި ގުރުއާނުގެ ސަބަބުން ގެވެށި އަނިޔާއަށް މަގުފަހިވާ ކަމަށް ބުނެފައި ވާއިރު އިސްލާމީ ހުދޫދަކީ އަނިޔާއެއްގެ ގޮތުގައި ވެސް ވަނީ ސިފަ ކޮށްފައެވެ. އިސްރާ އާއި މިޢުރާޖަށް ކީރިތި ރަސޫލާ އަރާވަޑައިގެންނެވުމަކީ ހިޔާލީ ވާހަކައެއް ކަމަށްވެސް ރިޕޯޓުގައި ވަނީ ބަޔާންކޮށްފައެވެ. ރާއްޖޭގައި ޣައިރު މުސްލިމުންނަށް އަޅުކަން ކުރެވޭ ގޮތަށް ތަންތަން ހަދަން ޖެހޭ ކަމަށް ވަކާލާތު ވެސް ކޮށްފައި ވެއެވެ.

ޑިމޮކްރަސީ ނެޓުވޯކުގެ ރިޕޯޓާ ގުޅިގެން ދީނީ އިލްމުވެރިޔާ ޝެއިހް އަލީ ޒައިދު ވަނީ އެމްޑީއެންއިން ދަނީ ގުރުއާނާއި ރަސޫލާގެ ހަދީޘުން ކަނޑައެޅިގެން ސާބިތުވާ ކަންކަން އެއީ ތޯތޯ ފުލޯކު ވާހަކަތަކަށް ހެދުމަށް ޑިމޮކްރަސީ ނެޓްވޯކަކީ ކޮންބައެއްތޯ ސުވާލު އުފައްދާފައެވެ. އަދި އެފަދަ ޖަމިއްޔާތައް ވަގުތުން އުވާލުމަށްވެސް ޝެއިހް ޒައިދު ވަނީ ގޮވާލައިފައެވެ.


އަދި ގުރުއާނާއި ހަދީޘްއާ ދެކޮޅަށް އެފަދައިން ވާހަކަ ނުދެއްކޭނެ ކަމަށް އޭނާ ބުންޏެވެ. އަދި ވީ އެންމެ އަވަހަކަށް އެ މައްސަލަ ބަލާ އެ ޖަމިއްޔާއާ މެދު ފިޔަވަޅު އެޅުމަށް ޝެއިހް އަލީ ޒައިދު ވަނީ ގޮވާލައިފައެވެ.


މި ރިޕޯޓާއި ގުޅޭގޮތުން ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ވިދާޅުވީ ރަސޫލާގެ ޝަހްސިއްޔަތު ހުތުރުވާ ގޮތަށް ވާހަކަ ފަތުރަމުންދާ ބަޔަކަށް އިންސާނީ ކަރާމާތް ދިފާއު ކުރުމަށްޓަކައި ވަކާލާތު ކޮށްފާނެ ކަމަކީ މޮޔަ ކަމެއް ކަމަށެވެ.


ޑރ. އިޔާޒު ވަނީ މިފަދަ ފަރާތްތަކުން ދިވެހި އެންމެހާ ރައްޔިތުން ދުރުހެލިވާންޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި ޑރ. އިޔާޒު ވެސް އެ ޖަމިއްޔާ އުވާލަން ގޮވާލައިފައެވެ. މީހުންގެ ފާޑުކިޔުންތަކާއި ގުޅިގެން އެމްޑީއެންއިން ވަނީ ފަހުން އެ ރިޕޯޓު އެމްޑީއެންގެ ވެބްސައިޓުން ނަގާފައެވެ. ނަމަވެސް އެ ރިޕޯޓުގެ ލިންކު ބޭނުން ކޮށްގެން އަދިވެސް އެ ރިޕޯޓު ބެލެއެވެ.