މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ މެންބަރުންނާ މެދު ނަފްރަތު އުފައްދާ މައްސަލައެއް ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ، އެމްޑީއެންގެ މީހުން ހިމެނޭގޮތަށް ވަކި ބައެއްގެ ފޮޓޯ ޖަހައިގެން އެމީހުންގެ މައުލޫމާތު ހިމަނައި، އެމީހުންނަކީ އިސްލާމްދީން ނައްތާލަން މުގުލުގައި ތިބި މީހުން ކަމަށް ބުނެ އެމީހުންނާ މެދު ނަފްރަތު އުފައްދަން މަސައްކަތް ކުރަމުންދާ މައްސަލައެއް ހުށަހަޅާފައި ވާތީ ތަހްގީގު ކުރަމުންދާ ކަމަށެވެ. ފުލުހުން މިހެން ބުނެފައި މިވަނީ، އެ ޖަމިއްޔާއިން ތައްޔާރު ކުރި ރިޕޯޓެއްގައި ޤުރުއާނަށާއި ކީރިތި ރަސޫލާއަށް ބަދުބަސް ރައްދުވާ ގޮތަށް ލިޔެފައިވާ ކަމަށް ބުނެ ގިނަ ބަޔަކު އެ ޖަމްއިއްޔާއާ ދެކޮޅަށް ސޯޝަލް މީޑިއާގައި ފާޑުކިޔަމުން ދަނިކޮށެވެ.

މި ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާއަތް ކުރަމުން ޝެއިހް އަލީ ޒައިދް ވިދާޅުވީ، މިހާރުން މިހާރަށް އެމްޑީއެން ބޮއިކޮޓް ކުރުމަށާއި ކީރިތި ޤުރުއާނާއި، ސުންނަތާއި، އަހަރެމެންގެ އަގީދާއާ ދެކޮޅަށް އެމްޑީއެން އިން އުޅޭ ކަމަށެވެ. މީގެ އިތުރުން އަލީ ޒައިދް ވަނީ މިކަން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި ކަމާ ގުޅުން ހުރި ފަރާތްތަކުން މިކަމަށް ފިޔަވަޅު އެޅުމަށް ގޮވާލައްވާފައެވެ.

އެމްޑީއެންގެ ރިޕޯޓުގައި އިސްލާމީ ހުދޫދު ތަކަކީ އަނިޔާގެ ގޮތުގައި ސިފަކޮށްފައި ވާކަމަށާއި ޤުރުއާނުގައި އައިސްފައިވާ އިސްރާ އާއި މިއުރާޖަކީ ހިޔާލީ ވާހަކައެއްގެ ގޮތުގައި ސިފަކުރަން މަސައްކަތް ކޮށްފައި ވާކަމަށް ބުނެވެސް މިހާރު ހިނގަމުންދާ ބަހުސްގައި ބައިވެރިން ދަނީ އަޑުއުފުލަމުންނެވެ. އަދި އިސްލާމް ކިޔަވައި ދިނުމުގައި މި ބައިތައް ހިމަނަން ނުޖެހޭނެ ކަމަށް އެ ރިޕޯޓުގައި ބުނެފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އަންނަނީ ހޫނު ގަދަ ބަހުސްތަކެއް ކުރެވެމުންނެވެ.

ޝެއިހް ޑރ. މުހައްމަދު އިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ކީރިތި ރަސޫލާގެ ސަހްސިއްޔަތަށް ހުތުރުވާ ގޮތަށް ބަސް ބުނެ އެ ވާހަކަަތައް ފަތުރަމުން ދާ ބަޔަަކު އިންސާނީ ކަރާމާތް ދިފާއު ކުރުމަށްޓަކައި ވަކާލާތު ކޮށްފާނެ ކަމަށް ގަބޫލު ކުރުމަކީ މޮޔަ ކަމެއް ކަމަށެވެ.