ޕްލޭސްޓޯ މެދުވެރިކޮށް ނުރައްކާތެރި އެޕްލިކޭޝަންތަކެއް ދައުރުވެ، 300 މިލިއަން އެކައުންޓެއް މިކަމުގެ ޝިކާރައަކަށް ވެފައިވާކަމަށް ޓެކްނޮލޮޖީގެ ޚަބަރުތައް ބުނެފިއެވެ.

އީސެޓްގެ ސެކިއުރިޓީ ރިސާޗާ ލޫކާސް ސްޓެފާންކޯ އެކުލަވާލި ރިޕޯޓް ބުނާ ގޮތުގައި ނުރައްކާތެރި 172 އެޕެއް ޕްލޭސްޓޯއިން ލިބެން ހުރިއިރު، 335 މިލިއަން ޔޫޒާ އެކައުންޓަކުން ވަނީ މި އެޕްލިކޭޝަންތައް ޑައުންލޯޑްވެސްކޮށްފައެވެ. މީގެ އިތުރުން ސަބްސްކްރިޕްޝަން އެޕްލިކޭޝަންތަކުގެ ނުރައްކާވެސް އިންތިހާއަށް ބޮޑުވެފައިވާކަމަށް ޓެކްނޮލޮޖީ ދުނިޔޭގެ ޚަބަރުތައް ދިރާސާކުރާ ފަރާތްތަކުން ވަނީ ދީފައެވެ.

މިގޮތުން ކަސްޓަމަރުންނަށް އޮޅުވަލައިގެން ހަދާ އަސްލެއްނެތް ސަބްސްކްރިޕްޝަން އެޕްލިކޭޝަންތައް 20 މިލިއަން ފަހަރު އިންސްޓޯލް ކޮށްފައިވާކަމަށް ހޯދުންތަކުން ދައްކައެވެ. މިއާއެކު އެޕްލިކޭޝަންތަކުގެ ތެރޭގައި ފޮރުވާފައިވާ އިޝްތިހާރުތަކެއްގެ މައްސަލަވެސް ވަނީ ފެންމަތިވެފައެވެ. މިފަދަ 57 އެޕްލިކޭޝަނެއް ފާހަގަކުރެވިފައިވާއިރު 14.5 މިލިއަން ފަހަރު މި ފަދަ އެޕްލިކޭޝަންތައް އިންސްޓޯލްކޮށްފައިވާކަމަށް ރެކޯޑްތަކުން ދައްކައެވެ.

މި ތުހުމަތުތަކާ ގުޅިގެން ގޫގްލް އިން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.