މިދިޔަ ހޮނިހިރު ދުވަހު އަފްޣާނިސްތާނުގައި ކުރިއަށް ގެންދިޔަ އެގައުމުގެ ރިޔާސީ އިންތިހާބުގައި، ރައީސް އަޝްރަފު ޣަނީގެ އެންމެ ބޮޑު ސިޔާސީ ވާދަވެރިޔާ އަދި އަފްޣާނިސްތާނުގެ ޗީފް އެގްޒެކެޓިވްގެ މަގާމުގައި ހުންނެވި ޢަބްދުﷲ ޢަބްދުﷲއަށް ކާމިޔާބު ލިބިވަޑައިގެންފައި ވާކަމަށް އެނާ ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ވޯޓުލުން ނިންމާލާފައިވާއިރު ރަސްމީ އެއްވެސް ފަރާތަކުން އަދި ނަތީޖާ އިއުލާންކޮށްފައި ނުވި ނަމަވެސް، ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޢަބްދުﷲ ވިދާޅުވީ މި ފަހަރުގެ އިންތިހާބުގައި އެންމެ ގިނަ ވޯޓުލިބިވަޑައިގަތީ ޚުދު އޭނާއަށް ކަމަށެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ޢަބްދުﷲ ވިދާޅުވީ، 2 ވަނަ ބުރުގެ ވޯޓަކަށްވެސް ދާންނުޖެހޭ ކަމަށެވެ.

މިއީ އަފްޣާނިސްތާނުގެ ރައީސް ކަމުގެ މަގާމަށް ޢަބްދުﷲ ވާދަކުރައްވާ 3 ވަނަ ފަހަރެވެ. 2009 ވަނަ އަހަރާއި 2014 ވަނަ އަހަރުވެސް ޢަބްދުﷲއަށް ކުރިމަތިލައްވަންޖެހިވަޑައިގަތީ ނާކާމިޔާބީއާއިއެވެ.

ކަންމިހެން އޮތްއިރު، އަފްޣާނިސްތާނުގެ އިންތިހާބުތަކާ ބެހޭ ކޮމިޝަނުގެ އިސް އޮފިޝަލެއް ކަމަށްވާ ހަބީބު ރަހުމާން ނާންގް ވިދާޅުވީ މިއީ ތަސައްރަފު ފުދިފައިވާ މީހަކު ކުރާނެ ކަމެއް ނޫންކަމަށާ، އިންތިހާބުގައި ކާމިޔާބު ލިބިފައިވާކަމަށް ބުނުމުގެ ފުރުސަތެއް ވަކިވަކި ކެންޑިޑޭޓުންނަށް އެއްވެސް ހާލެއްގައި ލިބިފައި ނުވާނެ ކަމަށެވެ. އަފްޣާނިސްތާނުގެ ގާނޫނު އަސާސީ ބުނާ ގޮތުން އިންތިހާބު ކާމިޔާބުވި ކެންޑިޑޭޓަކު ކަނޑައަޅާ އިއުލާންކުރާނީ އިންތިހާބުތަކާ ބެހޭ ކޮމިޝަނުން ކަމަށްވެސް ހަބީބު ވަނީ ފާހަގަކުރައްވާފައެވެ.

ހަފުތާ ބަންދުގައި ކުރިއަށް ގެންދިޔަ ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ ލިބޭ ވަރު ވާނީ މިމަހުގެ 19 ވަނަ ދުވަހު ކަމަށް ޚަބަރު ލިބެއެވެ.