އާދަޔާ ހިލާފު ކަމެއް ހިނގަމުންދާހެން ހީވާތީ އާންމުން ކުރި ރިޕޯޓަކަށް ނައިޖީރިއާގެ ފުލުހުން ރެއިޑްކުރި ސްކޫލުން ސަލާމަތްކުރި ޒުވާން ފިރިހެނުންނާ ކުޑަ ފިރިހެން ކުދިންގެ އަދަދު 500 އަށްވުރެ މައްޗަށް އަރައެވެ. މި ތަނަކީ ލާއިންސާނީ އަނިޔާ ދިނުމުގެ ކިއްލާއެއް ކަމަށް ސިފަކުރެވޭއިރު، އެތަނުން ސަލާމަތްވި ބައެއް ޒުވާނުންދަނީ އެމީހުންގެ ތަޖިރިބާތައް މީޑިއާއާ ހިއްސާކުރަމުންނެވެ.

"ނަމާދު ކުރިއަސް ތަޅާނެ. ކިޔެވިޔަސް ތަޅާނެ" އުމުރުން 29 އަހަރުގެ ޢީސާ އިބްރާހީމް ކިޔައިދިނެވެ.

އިސްލާހިއްޔާގެ ނަމުގައި ހިންގަމުން އަންނަ އެ ސްކޫލަށް އޭނާގެ މައިންބަފައިން އޭނާ ފޮނުވާލީ މީގެ 2 ހަފުތާއެއްހާ ދުވަސްކުރިންނެވެ. އެއީވެސް އޭނާގެ އުޅުން "އިސްލާހު" ކުރުމަށެވެ. ޢީސާ ބުނި ގޮތުގައި، ފުލުހުން އެ އިމާރާތް ރެއިޑްކުރުމުގެ 1 ދުވަސްކުރިން އޭނާ ވަނީ، އެ އިމާރާތް ދޫކޮށް ދިއުމަށް މަސައްކަތް ފަށާފައެވެ.

އެ ސްކޫލްގައި ހޭދަވި 2 ހަފުތާއެއްހާ ދުވަހުގެ ތެރޭގައިވެސް ޢީސާ ބުނާ ގޮތުގައި އޭނާއަށް ވަނީ އެތައް ކަމެއް ތަޖުރިބާ ކުރެވިފައެވެ. ޢީސާ ބުނާގޮތުގައި ބޮޑު ޖަނަރޭޓަކަށް ޗޭނު ޖަހާ އައްސާފައި ބޭތިއްބުމުގެ އިތުރުން ލާއިންސާނީ އިތުރު އެތައް އަނިޔާއެއް ތަޖުރިބާކުރެވުނެވެ. އެގޮތުން ދެއަތް ބަނދެ، ވާޖަހައި، ސީލިންގްއިން އެލުވާފައިވެސް ބައިތިއްބައެވެ.

"މުޅި ހަށިގަނޑުގައި މިހުރީ ޒަހަމް. ނިދުނަސް، ދުއްރައަކުން ތަޅާ ހޭލައްވާނެ" ޢީސާ ބުންޏެވެ.

ޢީސާ ބުނާ ގޮތުގައި ސްކޫލްގައި ހޭދަކުރި ދުވަސްތަކުގައި އޭނާ ވަނީ ބަނޑަށް ޖައްސާފައެވެ. ކާންދެނީ ހުސް ބަތްކޮޅެއް ކަމަށްވެއެވެ. އެއީވެސް ގައިގެ ހުރިހާ ހަކަތައެއް ބޭރުކޮށްލުވުމަށް ކުރުވާ ކަމެއް ކަމަށް ޢީސާ ބުނެއެވެ.

އެތައް އަހަރެއް ވަންދެން ހިންގަމުންދިޔަ މި އިސްލާހިއްޔާއިން ސަލާމަތްކުރި ކުދިންގެ ތެރޭގައި އުމުރުން އެންމެ 5 އަހަރުގެ ކުޑަކުދިންވެސް ހިމެނެއެވެ.

ބޯޑިންގް ސްކޫލްއެކޭ ބުންޏަސް އެއީ ލާއިންސާނީ އަނިޔާކުރުމުގެ ކިއްލާއެއްކަމަށް ބުނެއެވެއެވެ. ހަތަރު ފާރުން ބޭރުގައި ތިބި ބަޔަކަށް އެއިން ކަމެއްގެ އިހުސާސްވެސް ކޮށް ނުލެވޭނެ ކަމަށްވެއެވެ.

އެ ސްކޫލްގައި ތިބި ބައެއް ކުދިން ބުނި ގޮތުގައި ބޭރު އަލިކަން ނުދޭތާ އެތައް އަހަރެއް ވެއްޖެއެވެ. ބެލެނިވެރިންނަށްވެސް އެމީހުންގެ ދަރިންނާ ބައްދަލުކުރުމުގެ ފުރުސަތު ދީފައެއް ނުވެއެވެ.

ޖިސްމާނީ ގޮތުން ލާއިންސާނީ އަނިޔާ ކުރުމުގެ އިތުރުން އެ ސްކޫލަކީ ޖިންސީ ގޯނާވެސް ކުރަމުންދިޔަ ސްކޫލެއް ކަމަށްވެއެވެ.

ފުލުހުން އެ އިމާރާތް ރެއިޑް ކުރުމާއެކު އެތަނުގައި ތިބި ކުދިން ހިމާޔަތަށް ގެންދެވުނެވެ. ގިނަ ކުދިން ގެންދެވުނުއިރުވެސް ތިބީ ހިލިހިލާ ޖަހާފައެވެ. އޭރުވެސް އިމާރާތުގެ އެކި ހިސާބުތަކުގައި ހިލަހިލާގަނޑުތައް އުކަލާފާއި ހުރި ކަމަށްވެއެވެ.

ނައިޖީރިއާގެ ފުލުހުންވަނީ މި ސްކޫލާ ގުޅުން ހުރި ބަޔަކު ހައްޔަރުކޮށްފައެވެ.