މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ) މެދުވެރިކޮށް 2014 އަދި 2015 ވަނަ އަހަރު ހިންގި ކޮރަޕްޝަނާއި، ޚިޔާނާތްތެރިވުމުގެ ކުށްތަކާ ގުޅިގެން އަޙްމަދު އަދީބުގެ މައްޗަށް 7 ދައުވާއެއް އުފުލައިފިއެވެ. ޕީޖީ އޮފީހުން ދާދި ދެންމެ އާންމު ކުރި ބަޔާނުގައި ވަނީ އެމްއެމްޕީއާރުސީ ހިޔާނާތުގައި ތުހުމަތުކުރެވޭ ހ. ސާމަރާ، އަދީބުގެ މައްޗަށް ދައުވާ ކުރަން ކްރިމިނަލް ކޯޓަށް ފޮނުވާފައި ވާ ކަމަށެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން، ދައުވާ ތަކުގެ ތަފްސީލު ތައް ހާމަ ކޮށްފައި ނުވި ނަމަވެސް ބުނީ، ދައުވާ ކުރަން ފޮނުވީ މޯލްޑިވްސް ޕޮލިސް ސާވިސް އާއި، އެންޓި ކޮރަޕްޝަން ކޮމިޝަނާއި ޕްރެޒިޑެންޝަލް ކޮމިޝަން އޮން އެސެޓް ރިކަވަރީ ގުޅިގެން ހިންގި ޖޮއިންޓް އިންވެސްޓިގޭޝަނަކަށް ފަހު ކަމަށެވެ.
އަދި އެފަރާތްތަކުން އަދީބުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ހުށަހަޅާފައި ވަނީ ސެޕްޓެމްބަރު 21، 2019 ގައި ކަމަށްވެސް ޕީޖީ އޮފީހުން ބުނެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި ޓޫރިޒަމް މިނިސްޓަރު ކަމާއި ނައިބު ރައީސް ކަން ކުރެއްވި އަހުމަދު އަދީބަކީ، ރައީސް ޔާމީނުގެ ސަރުކާރުގައި ގިނަ ދައުވާތަކެއް އުފުލި 33 އަހަރުގެ ޖަލު ހުކުމެއް އައި ބޭފުޅެކެވެ. ނަމަވެސް މިހާރުގެ ސަރުކާރު ވެރިކަމަށް އައިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަދީބުގެ މައްޗަށް ކޮށްފައި ހުރި ހުރިހާ ހުކުމެއް ކޯޓުތަކުން ބާތިލުކޮށް އަދީބު މިނިވަން ކުރިއެވެ.
އަދީބު އަލުން ހައްޔަރު ކުރީ، ރާއްޖެއިން ފިއްލަވައިގެން އިންޑިއާއަށް އެތެރެވާން އުޅުއްވަނިކޮށެވެ. އެމައްސަލައިގައި އަދީބު ވިދާޅުވެފައި ވަނީ އޭނާ ފިއްލަވަން އުޅުއްވީ، ރާއްޖޭގައި އޭނާގެ ފުރާނައަށް ނުރައްކާ އޮތުމުގެ ސަބަބުން ކަމަށެވެ.
އަދީބަކީ، މިހާރު ކޯޓުގައި ކުރިއަށް ދާ ރައީސް އަބްދުﷲ ޔާމީނުގެ މަނީ ލޯންޑަރިން މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ހެއްކެކެވެ.