ރާއްޖޭގައި އަހަރަކު 36 ޕަސެންޓް މީހުން ހިތާއި ލޭނާރުގެ ބަލިތަކުގެ ސަބަބުން މަރުވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ރާއްޖޭގެ އާބާދީގެ މިހާރުގެ ހާލަތަށް ބަލާއިރު، އަހަރަކު މަރުވާ މީހުންގެ ގާތްގަނޑަކަށް 84 ޕަސެންޓް މީހުންނަކީ ގައިންގަޔަށް ނާރާ ބަލިތަކުގެ ޝިކާރައަށްވާ މީހުންނެވެ. ގައިންގަޔަން ނާރާ ބަލިތަކުގެ ތެރޭގައި ނިސްބަތުން އެންމެ ގިނައީ ހިތުގެ ބަލިތަކެވެ. ދެން ނިސްބަތުން އެންމެ ގިނަ މީހުން މަރުވަނީ ކެންސަރުބައްޔާއި ނޭވާލާ ނިޒާމުގެ ބަލިތަކުގެ ސަބަބުންނެވެ. އެގޮތުން ކެންސަރުބަލީގެ ސަބަބުން 17 ޕަސެންޓް މީހުން އަދި ނޭވާލާ ނިޒާމުގެ ބަލިތަކުގެ ސަބަބުން 9 ޕަސެންޓް މީހުން އަހަރަކު މަރުވެއެވެ.
މިފަދަ ބަލިތަކަށް ހުށަހެޅޭ ހިރާސްތައް:
- 42 ޕަސެންޓް ފިރިހެނުން އަދި 3 ޕަސެންޓް އަންހެނުން، ދުންފަތުގެ އިސްތިއުމާލުކުރުން
- 59 ޕަސެންޓް ފިރިހެނުން އަދި 88 ޕަސެންޓް އަންހެނުންނަކީ އެކަށީގެނަވާ މިންވަރަށް ހެލިފެލިވެ ކަސްރަތު ނުކުރާ މީހުން
- 40 ޕަސެންޓް ފިރިހެނުން އަދި 60 ޕަސެންޓް އަންހެނުންނަކީ އިސްކޮޅާ އަޅާކިޔާއިރު ހުންނަންވާ ވަރަށްވުރެ ބަރުދަން އިތުރު މީހުން
- 35 ޕަސެންޓް ފިރިހެނުން އަދި 49 ޕަސެންޓް އަންހެނުންނަކީ ފަލަ މީހުން
- 2.3 ޕަސެންޓް ފިރިހެނުންނާއި 4.3 ޕަސެންޓް އަންހެނުންނަކީ ލޭމައްޗަށްދާ ބަލި ހުންނަ މީހުން
ދުނިޔޭގެ ފެންވަރުގައި ކަނޑައެޅިފައިވާ އަމާޒުތަކާއި ގުޅުވައިގެން، އެ އަމާޒުތަކަށް ވާސިލުވުމަށްތަކައި، ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރުމާބެހޭ ގައުމީ ޕްލޭންއެއް އެކުލަވާލައި 2016 އިންފެށިގެން ތަންފީޒު ކުރަމުންދާއިރު، މި މަސައްކަތް ހަލުވިކޮށް ހަރުދަނާ ކުރުމަށް މި ޕްލޭން މި އަހަރު މުރާޖައާ ކުރަނެ ކަމަށް އެޗްޕީއޭން ބުނެއެވެ. މި މަސައްކަތާގުޅޭ ހޭލުންތެރިކުރުމުގެ ބަޔާ އަދި ހެލްތު ސްކްރީނިގްގެ ބައި ހިނެމޭހެން، ގައިންގަޔަށް ނާރާ ބަލިތައް ނިސްބަތުން، 2025 އާއި ހަމައަށްދާއިރު 25 ޕަސެންޓަށް ދައްކުރުމުގެ މައިގަނޑު އަމާޒުގައި، "25 އަށް 25" ގެ ނަމުގައި 2018 ގައި ފެށި ގައުމީ ކެމްޕޭން މި އަހަރާ މި އަންނަ އަހަރު ވެސް ކުރިއަށް ގެންދާނެވެ.
ގައިންގަޔަށްނާރާ ބަލިތައް ކޮންޓްރޯލް ކުރުމަށް، 2025 ގެ ނިޔަލަށް ހާސިލުކުރުމަށް، ދުނިޔޭގެ ފެންވަރުގައި ކަނޑައަޅާފައިވާ އަމާޒުތަކުގެ ތެރޭގައި:
- ހިތުގެބަލިތަކާ، ނޭވާލާ ނިޒާމުގެ ބަލިތަކާ ކެންސަރާ ހަކުރުބަލީ ގެ ސަބަބުން މަރުވާ މީހުންގެ ނިސްބަތް 25 ޕަސެންޓުން ދައްކުރުން
- ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ ނިސްބަތް 30 ޕަސެންޓުން ދަށްކުރުން
- ފަލަވުމާއި ހަކުރުބަލި ޖެހޭ މިންވަރު އިތުރުވިޔަނުދީ ހިފެހެއްޓުން
- ކެއުމުގައި ލޮނު ބޭނުންކުރެވޭ މިންވަރު 30 ޕަސެންޓުން ދައްކުރުން
- އެކަށީގެންވާ މިންވަރަށް ކަސްރަތުކޮށް ހެލިފެލިވެ ނޫޅޭ މީހުންގެ ނިސްބަތް 10 ޕަސެންޓުން ދައްކުރުން
- ލޭމައްޗަށްދާ މީހުންގެ ނިސްބަތް 25 ޕަސެންޓުން ދައްކުރުން
- ގައިންގަޔަށް ނާރާ ބަލިތައްކަށް ފަރުވާ ދިނުމަށް ބޭނުންވާ ބޭހާއި އާލާތަތައް އާބާދީގެ 80 ޕަސެންޓު މީހުންނަށް، އަދި ހިތްހުއްޓުމާއި ސްޓްރޯކް ޖެހުން ކުރިމަތިވެފައިވާ މީހުންނަށް ދޭންޖެހޭ ހާއްސަ ފަރުވާ، އާބާދީގެ 50 ޕަސެންޓް މީހުންނަށް ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖެއްސުން
މިއަދު ފާހަގަ ކުރަމުން މިދާ ދުނިޔެގެ ހިތުގެ ދުވަސް ފާހަގަކުރުމުގެ ތެރެއިން ހާސިލުކުރުމަށް އަމާޒުކުރެވޭ އެންމެ މުހިންމު ކަމަކީ ހިތަށް ގެއްލުންވާ ކަންކަމުން ދުރުވެ، ހިތުގެ ދުޅަހެޔޮ ކަމަށް ތިމާއާއި އާއިލާއަށް ކެއިން ބުއިމާއި ކަސްރަތުގެ ތެރެއިން ކުރެވޭނެ ކަންކަމާމެދު ހޭލުންތެރިކަން އިތުރު ކުރުން ކަމަށް އެޗްޕީއޭން ބުނެއެވެ.