ރާހީން ސްޓޭޓްގައި އުފެދިފައިވާ ކާރިސާ ނިމުމަކަށް ގެނައުމަށާ، ގައުމު ދޫކޮށް ގޮސްފައިވާ ރެފިއުޖީން އަނބުރާ ގެންދިއުމުގެ މަސައްކަތް ކުރުމަށް އެގައުމު އޮތީ ތައްޔާރަށް ކަމަށް މިޔަންމާގެ ފަރާތުން އދގެ އާންމު މަޖިލީހަށް ކަނޑައަޅާފައިވާ މަންދޫބު ވިދާޅުވެއްޖެއެވެ.

އދގެ 74 ވަނަ އާންމު މަޖިލީހުގައި މިޔަންމާގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން އެގައުމުގެ ބައިނަލްއަގުވާމީ ގުޅުންތަކާ ބެހޭ ވަޒީރު ކްޔޯވް ތީން ވިދާޅުވީ، މިޔަންމާ ސަރުކާރުގެ މައިގަނޑު އަމާޒަކީ ރާހީން ސްޓޭޓްގެ ހައްސާސީ މައްސަލައަށް ދިގު މުއްދަތުގެ، ދެމެހެއްޓެނިވި އަދި އަމަލީ ސިފަގެނެވޭ ވަރުގެ ހައްލެއް ހޯދުން ކަމަށެވެ.

ތީން ވިދާޅުވީ، ބަންގްލަދޭޝްގެ ކޮކްސް ބާޒާރު ސަރަހައްދުގައި ދިރިއުޅެމުންދާ ރޯހިންޏާ ރެފިއުޖީންގެ ތެރެއިން އެކަށީގެންވާ މިންވަރަށް ކިތާބީ ހެކި ދައްކާ ރެފިއުޖީންނަށް މިޔަންމާއިން އައިޑެންޓިޓީ ކާޑު ދޫކުރާނެ ކަމަށާ، އެނޫން ފަރާތްތަކަށް ދޫކުރާނީ ވެރިފިކޭޝަން ކާޑުކަމަށެވެ.

މިމޭރުމުން ވާހަކަފުޅުދައްކަވަމުން ތީން ވަނީ، ރާހީން ސްޓޭޓްގެ މައްސަލާގައި ބައިނަލްއަގުވާމީ ބައެއް ޖަމިއްޔާތަކުން ދައްކަމުންދާ ވާހަކަތަކަށް ފާދުވިދާޅުވެފައެވެ. އެގޮތުން އެ ވާހަކަތަކަކީ ވަކި ފަރާތަކަށް ބުރަވެފައިވާ ވާހަކަތަކެއް ކަމަށް ތީން ވަނީ ތުހުމަތުކުރައްވާފައެވެ.

ރޯހިންޏާ ރެފިއުޖީންގެ މައްސަލާގައި ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައި.ސީ.ސީ)އިން ނިންމާ ނިންމުންތަކަށް މިޔަންމާއިން ކިޔަމަން ނުވާނެ ކަމަށާ، އެހެނީ މިޔަންމާގެ މައްޗަށް އައި.ސީ.ސީގެ އިހުތިސޯސި ހިނގާނެ އެއްވެސް ގޮތެއް ނެތުން ކަމަށްވެސް މިޔަންމާގެ މަންދޫބު ވަނީ ވިދާޅުވެފައެވެ.

ރާހީން ސްޓޭޓްގައި ދިރިއުޅެމުންދިޔަ ރޯހިންޏާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް މިޔަންމާގެ އަސްކަރިއްޔާއިން 2017 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ދޭން ފެށި ލާއިންސާނީ އަނިޔާތަކުން ހިންގަމުންދިޔަ ޖަރީމާތަކުން ސަލާމަތްވުމަށް 7 ލައްކައަށްވުރެ ގިނަ މީހުން ވަނީ ރެފިއުޖީންގެ ގޮތުގައި ބަންގްލަދޭޝްއަށް އެތެރެވެފައެވެ. ރެފިއުޖީންގެ މައްސަލަ ބަންގްލަދޭޝްއަށް އިންތިހާއަށް ބޮޑުވެ، އެ ރިފިއުޖީން އަނބުރާމަ މިޔަންމާއަށް ފޮނުވާލުމުގެ މަސައްކަތް 2 އަހަރު ދުވަހުގެ މަތިން ކުރިއިރުވެސް އަދި ވަނީ ކާމިޔާބު ވާ ގޮތް ނުވެފައެވެ.