މާވެލް ސްޓޫޑިއޯޒްގެ ރައީސް ކެވިން ފޭޖު، ކޭތްލީން ކެނެޑީއާ އެކު ސްޓާވޯޒްގެ ފިލްމެއް ޑިވަލޮޕްކުރަމުން އަންނަ ކަމަށް ޚަބަރު ލިބިއްޖެއެވެ.
ވޯލްޓް ޑިޒްނީ ސްޓޫޑިއޯޒްގެ ކޯ ޗެއާމަން އަދި ޗީފް އެގްޒެކެޓިވް އޮފިސާ އެލަން ހޯންވެސް ވަނީ މިކަން ކަށަވަރުކޮށްދީފައެވެ.
މިއީ އެއްވެސް ހާލެއްގައި ކެވިން ފޭޖު މާވެލް ސްޓޫޑިއޯޒް ދޫކޮށްލުން ނޫން ކަމަށާއި، މިއީ ފްރެންޗައިޒް އުސޫލުން ފިލްމު އުފެއްދުމަށް އޭނާގެ ކިބައިގައި ހުންނަ ޝައުގުވެރިކަމެއްގެ ސަބަބުން ކުރާ ކަމެއް ކަމަށް މައުލޫމާތު ލިބެއެވެ.
ކެވިން ފޭޖު މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު އޭނާއަކީ ސްޓާ ވޯޒްގެ ސުޕާ ފޭނެއް ކަމަށްވެސް ބުނެވިދާނެއެވެ. އެގޮތުން ސްޓާ ވޯޒްގެ "ދި އެމްޕަޔާ ސްޓްރައިކްސް ބެކް" ގައި ލޫކް ސްކައިވޯކާގެ އަތްބުރިކޮށްލާތީ އެކަމަށް ރިއާޔަތްކޮށް، މާވެލްގެ ފިލްމެއްގެ ކެރެކްޓާއެއްގެ އަތް ބުރިކޮށްލުމަށް ކެވިން ފޭޖު ނިންމި ނިމުން ގިނަ ބަޔަކު ސިފަކުރަނީ އޭނާ ސްޓާ ވޯޒް ފްރެންޗައިޒަށް ކުރާ ތައުރީފެއްގެ ގޮތުގައެވެ.
2022، 2024 އަދި 2026 ގައިވެސް ސްޓާ ވޯޒްގެ ފިލްމުތަކެއް ރިލީޒްކުރަން ހަމަޖެހިފައިވާއިރު، ކެވިން ފެއިޖުގެ ސްޓާވޯޒް ފިލްމު އަންނަން އަދި އަހަރުތަކެއް އިންތިޒާރު ކުރަންޖެހިދާނެއެވެ.