ފޭސްބުކްގައި ޕޭޖެއް ހަދައިގެން އިސްލާމް ދީނަށް ފުރައްސާރަ ކުރަމުން ދިޔަ 'ޖުހާ' ޕޭޖް ބުލޮކް ކޮށްފިއެވެ.
އިސްލާމް ދީނަށާއި، މާތް ﷲ އާއި ރަސޫލާއަށް ފާޅުގައި ފުރައްސާރަކޮށް ހަޖޫ ޖަމުން ދިޔަ ޖުހާ ޕޭޖް ބުލޮކް ކޮށްފައި ވަނީ މި ފަހަކަށް އައިސް އެ ޕޭޖް ބްލޮކް ކުރުމަށް ގިނަ ބަޔަކު ރިޕޯޓްކުރަމުން ދަނިކޮށެވެ. މީގެ އިތުރުން އެ ޕޭޖް ބްލޮކް ކުުރުމަށް އެދި ފުލުހުން ވެސް ވަނީ ކޮމިއުނިކޭޝަން މިނިސްޓްރީގައި ވެސް އެދިފައެވެ.
ފުލުހުން މިނިސްޓްރީއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އެ ޕޭޖް ބްލޮކް ނުކޮށްފިނަމަ މާލެތެރޭގައި ލޭ އޮހުރުވުމެއް ހިނގާފާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ. މީގެ އިތުރުން އެ ޕޭޖް ބްލޮކް ކުރުމަށް އެދި ފޭސްބުކުގައި ސީދާ ބުނެފައި ވާނެކަމަށް ފުލުހުން ބުނެއެވެ. އަދި މިރޭ އެ ޕޭޖް ބްލޮކް ކުރިކަމަށް ފޭސްބުކުން ފުލުހުންނަށް އަންގާފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ޖުހާ ޕޭޖް މައްސަލައިގައި ކޮމިއުނިކޭޝަން މިނިސްޓަރު މަލީހު ޖަމާލް ވިދާޅުވީ، ކަމާ ގުޅުންހުރި އިދާރާތަައް މެދުވެރިކޮށް ޕޭޖް ވަނީ ބަންދު ކުރެވިފައި ކަމަށެވެ. އަދި އިލްތިމާސަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އޭގެ ތަރަހައިގެ ތެރޭގައި ބޭނުންކުރުން ކަމަށެވެ.
މަޖާ އެއްޗެހި ލަމުން އައި ޕޭޖެއްގެ ގޮތުގައި ފެށިގެން އައި ޖުހާ ޕޭޖަށް ދީނަށް ފުރައްސާކުރާ އެއްޗެއްހި ލާން ފެށީ ވަރަށް ފަހުންނެވެ. އެހެންކަމުން ގިނަ އަދަދެއްގެ ދިވެހިން އެ ޕޭޖަށް ލައިކް ދީފައިވީ ނަމަވެސް، ފަހުން އެ ޕޭޖް އަންލައިކޮށް ކޮށް ބްލޮކް ކުރުމުގެ ބޮޑު ކެމްޕޭނެއް ސޯޝަލް މީޑިއާގައި ފެށިއެވެ.
ޖުހާ ޕޭޖްގެ އިތުުރުން ވެސް މަދު ދިވެހިންތަކެއް އަޑީގައި ތިބެގެން ދީނަށް ފުރައްސާރަ ކުރުމަށް އެކި ނަންނަމުގައި ޕޭޖް ހިންގަމުން ދެއެވެ. ނަމަވެސް މިހާތަނަށް ބްލޮކް ކޮށްފައިވަނީ ޖުހާ ޕޭޖް އެކަންޏެވެ. މީގެ ކުރިން ވެސް ފުލުހުން ވަނީ ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރާކަމަށް ބުނެ 'ސިރު އާޓްސް' ނަމަކަށް ކިޔާ ޕޭޖެއް ވެސް ބްލޮކް ކޮށްފައެވެ.