އެމެރިކާގެ ރައީސްކަމުގެ މަގާމުގައި ހުންނެވި ޑޮނާލްޑް ޓްރަމްޕް އެމަގާމުން އަޒުލު ކުރުމަށް ކުރިއަށް ގެންދަން ޖެހޭ 'އިންކުއަރީގެ' މަސައްކަތްތައް، އެމެރިކާގެ ޑިމޮކްރަޓުން ރަސްމީކޮށް ފަށައިފިއެވެ.

ޓްރަމްޕް އަޒުލުކުރުމުގެ އިންކުއަރީއަކީ، ސިޔާސީ އިދިކޮޅު ކެންޑިޑޭޓަކު ނާކާމިޔާބު ކޮށްލެއްވުމަށްޓަކައި، ބިދޭސީ ބާރެއްގެ އެހީ ހޯއްދެވިކަމުގެ ތުހުމަތުގައި ޓްރަމްޕާއި ދެކޮޅަށް ކުރިއަށް ގެންދާ ތަހުގީގީ އަޑުއެހުމެކެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި އިދިކޮޅު ޑިމޮކްރަޓުން ތަމްސީލުކުރައްވާ އިސް މެމްބަރު ނޭންސީ ޕެލޯސީ ވިދާޅުވީ، ޓްރަމްޕް ޖަވާބުދާރީ ކުރެވެންޖެހޭ ކަމަށެވެ.

ޓްރަމްޕް ގެންދަވަނީ އިދިކޮޅު ފަރާތްތަކުގެ ތުހުމަތުތަކަށް އިންކާރުކުރައްވަމުންނެވެ. އަދި އެ ފަރާތްތަކުން ކުރަމުންދަނީ އެއްވެސް ބުރަދަނެއް ނެތް ބޭކާރު މަސައްކަތްތަކެއްކަން ދޭހަވާފަދަ މޭރުމަކުން ޓްރަމްޕްވަނީ ވާހަކަފުޅު ދައްކަވާފައެވެ.

ޓްރަމްޕް އަޒުލުކުރުމުގެ އިންކުއަރީއާއިގެން އިދިކޮޅު ޑިމޮކްރަޓުން ކުރިއަށްދިޔަ ކަމުގައި ވީ ނަމަވެސް، ވެރިކަން ކުރާ ރިޕަބްލިކަންސްގެ ބޮޑު ކޮންޓްރޯލެއް އޮތް ސެނެޓުން މިކަމަށް ކުރިލިބުން ނާދިރެވެ.

ޓްރަމްޕާއި ދެކޮޅަށް މިހާރު ކުރަމުންދާ ތުހުމަތުތަކާ ބެހޭ ފުރިހަމަ ތަފްސީލު އަދި ސާފުނުވިކަމުގައި ވީ ނަމަވެސް، ލިބެމުންދާ މީޑިއާ ރިޕޯޓްތަކަށް ބަލާއިރު ޓްރަމްޕްއާއި ދެކޮޅަށް ހިންގާ ތަހުގީގަކީ އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑްންއާއި އޭނާގެ ދަރިކަލުން ހަންޓާ ބައިޑަންއާއި ދެކޮޅަށް ކޮރަޕްޝަންގެ ދައުވާތަކެއްގެ ތަހުގީގު ޔޫކްރައިންއިން ހިންގައި ނުދީފިނަމަ އެމެރިކާއިން ފޯރުކޮށްދޭ އަސްކަރީ އެހީ މެދުކަނޑާލާނެ ކަމުގެ ބިރު ދައްކައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް މަޖުބޫރުކުރިވިކަމަށް ކުރާ ތުހުމަތުތަކަކާ ގުޅީގެން ހިންގާ ތަހުގީގުތަކެއް ކަމަށް ބެލެވެއެވެ.

ޓްރަމްޕްވަނީ މި ތުހުމަތުތަކުގައި ކޮންމެވެސް ވަރެއްގެ ހަގީގަތެއް އެކުލެވޭ ކަމަށް އިއުތިރާފުވެވަޑައިގެންފައެވެ. އެގޮތުން އަސްކަރީ އެހީ މަޑުޖައްސަވާލައްވާނެ ކަމަށް ވިދާޅުވީ، ވިލާތުގެ އެހީ އިތުރު ކުރެއްވުމުގެ ނިޔަތުގައި ކަމަށް ވިދާޅުވެ، ޓްރަމްޕް ގެންދަވަނީ ދިފާއަށް ވަކާލާތު ކުރައްވަމުންނެވެ.

ކަންމިހެން އޮތް ނަމަވެސް ޑިމޮކްރަޓުން ބުނަމުންދަނީ ޓްރަމްޕް ހިންގަވާފައިވަނީ ޣައިރު ގާނޫނީ އަމަލެއް ކަމަށެވެ. އެގޮތުން އަމިއްލަ ފައިދާއަކަށްޓަކައި ފިޔަވަޅެއް އެޅުއްވުމަށް ޔޫކްރައިންގެ ރައީސަށް ދަންނަވާފައިވާނެކަމަށް ހުދު ޓްރަމްޕް އަމިއްލަފުޅަށް އިއުތިރާފުވެވަޑައިގެންފައިވާކަން ޕެލޯސީ ވަނީ ފާހަގަކުރައްވާފައެވެ. އަދި އެކަމަކީ ޓްރަމްޕް ޖަވާބުދާރީ ވެވަޑައިގަންނަވަން ޖެހޭނެ ކަމެއްކަމަށްވެސް ޕެލޯސީ ވަނީ ވިދާޅުވެފައެވެ.

ބައިޑަންގެ ވާހަކަފުޅު ހުރި ގޮތަށް ބަލާއިރު ކުށެއް ކުރައްވާފައިވާނެ ކަމަށް އޭނާވެސް ގެންދަވަނީ އިންކާރު ކުރައްވަމުންނެވެ. އަދި ޓްރަމްޕް އަޒުލުކުރުމުގެ އިންކުއަރީއަށް ތާއީދުކުރައްވާކަން ބައިޑަންވެސް ވަނީ ހާމަކުރައްވާފައެވެ.

ޓްރަމްޕް ވިދާޅުވާ ގޮތުގައި އޭނާއާއި ދެކޮޅަށް އިދިކޮޅު ޑިމޮކްރަޓުން ކުރިއަށް ގެންދާ މި ހަރަކާތަކީ މިހާރު ކުރިއަށްދާ އދގެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ޓްރަމްޕް ކުރައްވަމުން ގެންދަވާ ދަތުރުފުޅާ ދިމާކޮށް، ޓްރަމްޕްގެ ޝަހްސް ކިލަނބު ކޮށްލުމުގެ ގޮތުން އިދިކޮޅު ފަރާތްތަކުން ހިންގާ ހަރަކާތެކެވެ. އަދި ޔޫކްރައިންގެ ރައީސްއާއި ޓްރަމްޕްއާއި ދެމެދު ކުރިއަށްދިޔަ ފޯނު ކޯލުގެ ތަފްސީލު އިދިކޮޅު ފަރާތްތަކަށް ލިބިފައި ނުވާނެ ކަމަށާ، އެ ކޯލަކީ ސައްހަ ކޯލެއްކަން ސާބިތުކޮށްދެއްވުމަށް އެ ކޯލުގެ ޓްރާންސްކްރިޕްޓްވެސް ވަރަށް އަވަހަށް އާންމު ކުރައްވާނެ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީސް މެދުވެރިކޮށް ޓްރަމްޕް ވެރިކަމުން ދުރުކުރުމަށް ތަފާތު 6 ތަހުގީގެއް ހިންގާ ކަމަށް މައުލޫމާތު ލިބެއެވެ.