ރަދުވާނިއާގެ ހުސެން ރަޝީދު އިބްރާހިމް، 45، އަކީ ވެސް ކެމިކަލާއި އެނޫންވެސް އެބާވަތުގެ ކަންކަމުގެ މައުލޫމާތު އެނގޭ މީހެކެވެ. އޭނާ ރަދުވާނިއާގޭގައި ދިރިއުޅެމުން ދިޔަ އިރު އޭނާއަކީ އެސަރަހައްދަށް ފަރިތަ އަދި އެސަރަހައްދުގައި ހިނގާ ކަންކަން ބަލާވެސް މީހެކެވެ. ހުސެން ބުނީ، ގްރީންޕާތު ކިޔާ ކުންފުންޏަކުން މާޓިން ގޭގައި ހިންގީ ކޯލްޑް ސްޓޯރޭޖެއް ކަމަށެވެ. އަދި އެތަނުގައި ޗިލަރުތައް ހަދައި، އެތާނގެ މަތީ ބުރީގައި ކޮންޑެންސަރެއް ހަރުކޮށް ހެދި ކަމަށެވެ. އަދި އެ ކޮންޑެންސަރުގެ ވައި އޭނާ ދިރިއުޅުނު ރަދުވާނިއާގޭގެ ދެވަނަ ފަންގެފިލާގެ ބެލްކަންޏަށް ހުރަހެއް ނެތި އަންނަމުން ދިޔަ ކަމަށެވެ.

"އޭރު ނޭނގެ އަސްލު ވާގޮތެއް، ކުދިންވެސް އަބަދު ބަލިވަނީ، މަންމަވެސް ބަލިވަނީ، މަންމަ ގެންދިޔައިން އިންޑިއާއަށްވެސް، ދެން މާ ފަހުން މި އެނގުނީ އެހާ ވަރަށް އެ ބަލިވަނީ ކޮންޑެންސަރުތަކުން އަންނަ ނުސާފު ވައިން ކަން" ރަދުވާނިއާގޭގެ ދޮރުމަތީގައި ފެށި ގުދަންތަކުގެ ފެށުން އައި ގޮތް ކިޔައިދެމުން ހުސެން ބުންޏެވެ.

ހުސެން ބުނީ އެ އުނދަގޫތައް ބޮޑުވެގެން އޭނާ އެ ބެލްކަންޏަށް ނުކުމެވެން ހުންނަ ދޮރުތައް ފިޔަވައި އެ ބިތުގައި ހުރި ދޮރުފަތްތައް ސިލިކޯންލައި ބައްދާ ހެދި ކަމަށެވެ. ނަމަވެސް ހުސެންގެ މަންމަ ދޭތެރެ ދޭތެރެއިން ބެލްކަންޏަށް ނުކުންނަ ކަމަށާ، އެހާލެއްގައި ކޯލްޑް ސްޓޯރޭޖުން ވާ އުނދަގުލަށް ކެތް ކޮށްގެން ލައްކަ ދުވަހު ތިބި ކަމަށެވެ.

ހ. ތިލަފުށީ ގޭގައި ހުރި ގުދަނުގައި ރައްކާތެރިކަމެއް ނެތި ކެމިކަލް ގެންގުޅޭ މައްސަލަ ހުސެން ވަނީ ކަމާބެހޭ ފަރާތްތަކަށް އެތައް ފަހަރަކު ހުށަހަޅާފައި / ފޮޓޯ: ދަޕްރެސް

"ދެން އެހެން ތިއްވާ، ހަމަ ގޭ ދޮރުމައްޗަށް ވާ ގޮތަށް ހުރި ބައިވެސް އެމީހުން ހިފައިގެން އެތާނގަ ހަދައިފި ގުދަނެއް، އެތަނަށް ވައްދަމުން ދިޔައީ ޕޫލް ކެމިކަލާއި، ޑިޓާޖެންޓާއި އެކަހަލަ އެއްޗެހި، އެއީ އާންމުން ދިރިއުޅޭ ސަރަހައްދެއްގައި ގެންގުޅެން ހެޔޮވާވަރުގެ އެއްޗެއްސެއް ނޫން، އޭގައި ބޮޑުކޮށް ލިޔެފައިވެސް އޮވޭ ފްލޭމަބަލް (އަލިފާން ހިފާ) ކަމަށް" އަލިފާން ރޯވި ހ. ތިލަފުށީގެ ކެމިކަލް ގުދަން ފެށިގެން އައި ގޮތް ހުސެން ކިޔައި ދިނެވެ.

"ދެން އެމީހުން އެތާ މައްޗަށް ލައިފި ބްލޯވަރެއް، އެ ބްލޯވަރުވެސް ހުންނަނީ ހަމަ ސީދާ މިގޭ ބެލްކަންޏަށް ވާ ގޮތަށް، އެ ބެލްކަންޏަށް އާންމުކޮށް މީހުން ނުކުމެ ނޫޅުނަސް މަންމަ ދޭތެރެ ދޭތެރެއިން ނުކުންނާނެ، ދެން ވީ ގޮތަކީ މަންމަ މާ ބޮޑަށް ބަލިވާން ފެށީ، ދެން އެކަމާ ކަންބޮޑުވެގެން އެ ގުދަނުގެ އޯނަރު، އެއީ އާމިރު، ހޯދައިގެން ގުޅާފައި އެ ބްލޯވަރުގެ ސަބަބުން އެހެން ދިމާވާ ވާހަކަ ބުނީ، ބުނީމައި ވަރަށް ފަސޭހައިން އެ ނިއްވާލަ ދީފި، އެކަމަށްޓަކައި އާމިރަށް ޝުކުރުވެސް އަދާ ކުރިން" ކެމިކަލް ގުދަނުގެ ވާހަކަ ކުރިއަށް ގެންދަމުން ހުސެން ކިޔައިދިނެވެ. ހުސެން ބުނީ އޭގެ ފަހުން ދެން އެ ބްލޯވަރު ނުޖައްސާ ކަމަށާ ނަމަވެސް ފަހުން ދިމާވަމުން ދިޔައީ އެހެން ކަމެއް ކަމަށެވެ.

"ފަހުން ދެން ވާން ފެށި ގޮތަކީ، އެ ގުދަނުގައި ޖަހާ ކެމިކަލް ހަންތަކާ އެއްޗެހީގެ ސީލް ކެނޑިގެން މުޅިތަނަށް ވަސް ދުވަން ފެށީ، ދެން އެކަމާ ވަރަށް މީހުން ޝަކުވާވެސް ކުރޭ، އެހެން ވީމާ އަޅުގަނޑު ޕޮލިހަށް ގުޅީމައި ޕޮލިހުން އައިސް އެތާ ސީލް ކެނޑިފައި ހުރި އެއްޗެހި އެމީހުން ލައްވާ ނަގުވާ ހެދި، އެކަމަކުވެސް އަބަދުވެސް އެތާ ހުންނާނެ ވަސް" އެ ކެމިކަލް ގުދަނުގެ ހާލަތު މީގެ 3 އަހަރު ކުރިންވެސް އޮތް ގޮތް ކިޔައިދެމުން ހުސެން ބުންޏެވެ.

އޭނާ އިތުރަށް ބުނީ، އޭގެ ފަހުންވެސް އެގޮތަށް ވަސް ދުވާތީ އެތަން ބަލަހައްޓަން ތިބޭ މީހުންގެ ގާތުގައި އެވާހަކަ ބުނާ ކަމަށާއި މާ ބޮޑު ޖަވާބެއް ނުދީ، ވެރިން ގާތުގައި ބުނެލާނެ ކަމަށް ބުނެ ނިންމާލާކަމަށެވެ. ދެން ތަނުގައި އަޑުގަދަވާތީ އަޑު މަޑު ކުރެވިދާނެ ގޮތްތައްވެސް ބުނެ ކިޔައިދިނަސް އަޅާ ނުލާ ކަމަށް ހުސެން ބުންޏެވެ. ހުސެން ބުނީ އޭގެ ފަހުން އާމިރަށް ކިތަންމެ ވަރަކަށް ގުޅިޔަސް ފޯނު ނުނަގާ ކަމަށާ، އެ ގުދަނަށް ގެންދާ ކެމިކަލް ހަންތަކާ އެއްޗެހި ގުދަން ތެރޭގައި ޖެހުމުގައި އުޅެނީ ބަންގާޅީން ކަމަށްވެފައި އެމީހުން ބެލުމެއް ކަމެއް ނެތި އަތުކޮޅަށް އެ ހަންތައް އުކާ ހަދަމުން ދާ ކަމަށެވެ.

ހ. ތިލަފުށީ ގޭގައި ހުރި ގުދަނުގައި ހުރި ކެމިކަލް ހަންތައް. ފޮޓޯއިން އެ ގުދަނުގައި އަލިކަން ހުރިކަން ފާހަގަވޭ / ފޮޓޯ: ހުސެން

"އަޅުގަނޑު ހުންނާނެ ފޮޓޯވެސް ނަގާ ހަދާފައި، އަދި ބަލަން އެ ކެމިކަލްތަކާ ބެހޭ ގޮތުންވެސް، އެއީ އެއްގޮތަކަށްވެސް އިންސާނުން ދިރިއުޅޭ ތަންތާނގައި ރައްކާތެރިކަމެއް ނެތި އެގޮތަށް ގެންގުޅެން ހެޔޮވާވަރު އެއްޗެއްސެއް ނޫން، އެ ގުދަނުގައި ހުންނާނެ އެމަތި މައްޗަށް ހަންތައް ޖަހާފައި، ދެން އެންމެ އަޑީގައި ހުންނަ ހަންތަކަށް ޕްރެޝާ ބޮޑުވެ ސީލްވެސް ކަނޑައިގެން ދާނެ ތާ، މުޅިތަނަށް ވަސް ހުންނާނެ" ހުސެން ކިޔައިދިނެވެ.

"އެ މައްސަލައިގައި ގޭ ދޮށު އެންމެންވެސް ތިބެނީ ބިރުވެރިކަމެއްގެ ތެރޭގައި، ކޮންމެ ދުވަހަކު މަސައްކަތް ނިންމާލައިފައި ގެއަށް ދެވޭ އިރު ހިތަށް އަރައި އެ ގުދަން ގޮވާ ދުވަހަކު އަހަރެމެން ނުތިބޭނޭ، އަޅުގަނޑުމެންގެ ފުރާނަ އަތްމައްޗައް ލާފައި އެބޭފުޅުން ބިޒްނަސް ކުރީ، އެމީހުނަށް ވަރަށް ރަނގަޅަށް އެނގޭނެ އެތާ ކަމެއް ހިނގައިފިއްޔާ މިހެން ވާނެކަން، ދެން އެބުނަނީ ކަރަންޓެއްވެސް ނެތޭ، އެއީ ދޮގެއް"
ހުސެން ރަޝީދު އިބްރާހިމް

ހުސެން ވަނީ، އެތާ އެތެރޭގައި ކަރަންޓު ނެތް އިރު ބްލޯވަރު ހިންގީ ކިހިނެތްތޯއާ، ބޮކި ދިއްލަނީ ކިހިނެތްތޯ ސުވާލު އުފައްދާފައެވެ. ހުސެން "ދަޕްރެސް" އާ ހިއްސާ ކުރި ފޮޓޯއިން ފެންނަ ގޮތުގައި ކެމިކަލް ހަންތައް އެމަތި މައްޗަށް ޖަހާފައި ހުރި އިރު ބޮކީގެ އަލި ހަންތަކަށް އެޅިފައި ހުރިތަން ފެންނަން ހުއްޓެވެ. ނަމަވެސް އެތާނގައި ގުދަން ހިންގާ ގްރީންޕާތުން ބުނެފައި ވަނީ އެތާނގައި ކަރަންޓު ނުހުންނާނެ ކަމަށާއި ކަރަންޓު ބޭނުން ކުރަނީ ޖެހިގެން ހުރި ބައިން ވާގަޑެއް ގެނެސްގެން ކަމަށެވެ.

"އެތާ ހުރޭ 3 ފޭސް ކަރަންޓު ވައްދާފައި، އަޅުގަނޑު ދޭތެރެ ދޭތެރެއިން ގޮސް ބަލާއިރު ބޮތްކާ އެއްޗެހިވެސް ދިއްލާފައި ހުރޭ، ދުވަހަކުވެސް ވާގަނޑެއް ގެނެސްގެން އެމީހުން ނޫޅޭ"
ހުސެން ރަޝީދު އިބްރާހިމް

ހުސެން ބުނީ އެތައް ފަހަރަކު ފުލުހުންނަށް ރިޕޯޓު ކޮށްފައި ވާނެ ކަމަށާ، ފުލުހުން ފަހުން ޖަވާބު ދީފައި ވަނީ އެކަމާ ބެހޭނީ އެމްއެންޑީއެފް ކަމަށެވެ.

"އެމްއެންޑީއެފުން ހުއްދަ ދިނަސް، ބަޔަކު ގަވާއިދާ ހިލާފަށް އަމަލު ކުރަންޏާ ފުލުހުން ބަލަން ޖެހޭނެ ދޯ، އަޅުގަނޑު ހުންނާނެ ސިޓީ ކައުނސިލަށްވެސް އަންގާފަ، އެކަމަކު އެމީހުންވެސް ބުނަނީ އެއީ ހުއްދަތަކާ އެއްޗެހި ނަގައިގެން ހިންގާ ތަންތަނޭ، އެމީހުންވެސް އެކަންކަން ބަލާނަމޭ" ކަމާ ގުޅުން ހުރި އިދާރާތަކަށް އުފުލި ޝަކުވާއަށް ހުސެންއަށް ލިބުނު ޖަވާބު އޭނާ ހިއްސާ ކުރިއެވެ.

ހުސެންގެ އެވާހަކަތާ ގުޅިގެން ފުލުހުން ބުނީ ޖޫން 16، 2016 ގެ 14:14ގައި ހ. ތިލަފުށި ގެއަށް ދިޔަ ކަމަށެވެ. ނަމަވެސް އެއްވެސް މައްސަލައެއް ބަލާފައި ނުވާ ކަމަށެވެ. އެމްއެންޑީއެފުން އެތަން ބަލާ ހުއްދަ އާކޮށްފައި ވަނީ މިއަހަރުގެ މޭ މަހުގެ ތެރޭގައެވެ. މާލޭ ސިޓީ ކައުންސިލުން ކެމިކަލް ގުދަނެއް ހިންގުމުގެ ހުއްދަ ގްރީންޕާތަށް ދޫކުރީ 2016 ވަނަ އަހަރު އެވެ. އެ ކެމިކަލް ގުދަނާ ގުޅޭ ގޮތުން އެއްވެސް ފަރާތަކުން ޝަކުވާއެއް ނުވަތަ މައްސަލައެއް ހުށަހެޅިތޯ އެހުމުން ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފު ވިދާޅުވީ އެފަދަ ޝަކުވާއެއް ރެކޯޑުތަކުން ފެންނަން ނެތް ކަމަށެވެ.

އެ ކެމިކަލް ގުދަނުގެ ބޭރު ދޮރު ރަނގަޅަށް ނުލެއްޕި ހުރުމާއި، ވަސް ދުވުމާއި، ރޭގަނޑު ދަންވަރުވެސް ގުދަނަށް މުޖާ ޖެހުމުގައި އަޑުގަދަ ވުމާއި، މިކަހަލަ އެތައް ޝަކުވާއެއް ހުސެން ވަނީ އެ ގުދަން ބަލަހައްޓަން ތިބި ފަރާތްތަކަށް އުފުލާފައެވެ.

"އެތާ އޮފީހުގެ އެޗްއާރު ބޮޑުމީހަކު ދިމާވެގެން މީގެ މަހެއްހާ ދުަވަސް ކުރިން ވާހަކަ ދެއްކިން. ބުނީ ހާސް ނުވާށޭ، މިހާރު މުއްދަތުވެސް ހަމަވާން ކައިރި ވެއްޖޭ. އެތަން ވަރަށް އަވަހަށް ހުސްކޮށްލާށޭ މިއުޅެނީ" އެޗްއާރުގައި މަސައްކަތް ކުރާ މީހަކު ހުސެންއަށް ދިން ޖަވާބު ހިއްސާ ކުރަމުން ބުންޏެވެ. ގުދަނުގެ މައްސަލައިގައި ހުސެން ވަނީ އެތަނާ ހަވާލުވެގެން ތިބި މީހުނާ އެތައް ފަހަރަކު ވާހަކަ ދައްކާ، އެ ގުދަނާ ގުޅިގެން ހުރި ކަންކަން ހައްލު ނުކުރާނަމަ ފުލުހަށް ރިޕޯޓު ކުރާނެ ކަމަށް ބުނެ ހުސްވި ޖުލައި މަހުވެސް އެމީހުންނާ މުއާމަލާތު ކޮށްފައެވެ. "ދަޕްރެސް" އަށް ވަނީ އެ މެސެޖުގެ ސްކްރީންޝޮޓެއް ލިބިފައެވެ.

ހ. ތިލަފުށީ ގޭގައި ހުރި ކެމިކަލް ގުދަނުގެ މައްސަލައިގައި ފުލުހަށް ރިޕޯޓު ކުރާނެ ކަމަށް ބުނެ ހުސެން އެ ގުދަން ހިންގަމުން ދިޔަ ފަރާތަށް ފޮނުވި މެސެޖުގެ ސްކްރީން ޝޯޓް

"އެތަން ބަލަހައްޓަން ތިބެނީ ވަރަށް ގޮތެއް ނެތް ދެ ދިވެހިން، އެމީހުން މިހާރު އެބަބުނޭ، މަ (ހުސެން) ސައިކޯ އީއޭ، މާ ކަންތައްގަނޑު ބޮޑު ކުރަނީއޭ" އެ ގުދަން ބަލަހައްޓަން ތިބޭ ސްޕްވައިޒަރުން އަލިފާނުގެ ހާދިސާއަށް ފަހު އެ ސައިޓަށް ދިޔުމުން އެމީހުނާ ބައްދަލުވި ދުވަހު ހިނގި މުއާމަލާތާއި ފޮޓޯ ހިއްސާ ކުރަމުން ބުންޏެވެ.

ކެމިކަލް ރައްކާކޮށްފައި ހުރި ހ. ތިލަފުށީގެ ގުދަނުގައި ރޯވި އަލިފާންގަނޑު އިސާހިތަކު ފެތުރި އެތައް ސަތޭކަ ބައެއްގެ ދިއިރުޅުން ވަނީ ވެއްޔާ މޮޑެވިފައެވެ. އެ ހާދިސާގައި އެކަކު ނިޔާވި އިރު ޖުމްލަ 4 ގުދަނަކާއި 6 ގެއެއް ވަނީ އަނދާފައެވެ. އަލިފާނުގެ ހާދިސާގައި އެނދި 4 ގުދަނުގެ ތެރެއިން 2 ގުދަނަކީ ގްރީންޕާތުގެ ކުންފުނީގެ އޯނަރުގެ ހިއްސާ އޮންނަ ކުންފުނިތަކުގެ ގުދަނެވެ.

ކެމިކަލް ގުދަނުގައި ހިނގައި ދިޔަ އަލިފާނުގެ މިހާދިސާއަށް ހަފްތާއެއް ވާން ދާއިރު އަދި ކުންފުނީގެ އޯނަރު އަނގަޔަކުން ނުބުނެއެވެ. ބަޔާނެއްވެސް ނުނެރެއެވެ. އެކަން ހިނގައިގެން އެކަކު ނިޔާވެ އެތައް ބަޔަކަށް ގެއްލުން ލިބުނު އިރު އޯނަރު ހުރީ ހަނެވެ.